ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ދަނީ އެވެ. އެތައް ބައިވަރު މަސައްކަތެއް ކުރަން އެބަހުއްޓެވެ. މިއީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވަރަށް ފަހި ފުރުސަތެކެވެ.
ކަން ވީ ވެސް އެހެންނެވެ. މާލެ އާއި ހުޅުމާލޭގައި އެކިއެކި މަސައްކަތްކޮށްގެން އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ލޯ ހުރީ ވެސް އެ ދިމާއަށެވެ. އެހެންވެ، މާލެ އިން ބިދޭސީ މަސައްކަތްތެރިއަކު ހޯދުމަކީ މިހާރު ފަސޭހަ ކަމެއް ނޫނެވެ. އެ އެންމެންހެން މިހާރު އެތިބީ ހުޅުމާލޭގައި، ދެވަނަ ފިޔަވަހީގަ އެވެ. އެތަނަށް ގޮސް ބަލާލުމުން، އެ މީހުންގެ އަދަދު ވިސްނޭނެ އެވެ. އެ މީހުން ގޮސް، މަސައްކަތްތައް ކުރާ އަގުތައް މި ވަނީ އިންތިހާ އަށް ބޮޑުކޮށްލައިފަ އެވެ.
ބައެއް ބިދޭސީން ގްރޫޕުތައް ހަދައިގެން މަސައްކަތް ކުރާ އިރު އަނެއް ބަޔަކު މަސައްކަތް ކުރަނީ ވަކިންނެވެ. މީގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިން ހިޔާ ފްލެޓުތަކުގައި މަސައްކަތް ކުރާ އަގުތައް ކަނޑައަޅަނީ އެ މީހުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. އެގޮތުން، އެކި މަސައްކަތްތައް ކުރެވޭނެ އެންމެ ކުޑަ އަގު ކަނޑައަޅައި އެކަން މަސައްކަތްތެރިންގެ ގްރޫޕުތަކަށް އަންގާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބިދޭސީއަކު ބުންޏެވެ.
"އެކި ޓަވަރުތަކުގައި މަސައްކަތް ކުރާ މީހުން ގުޅިގެން އަގު ނިންމަނީ. އަހަރެން މިތަނަށް އައީ ރައްޓެއްސަކު ބުނެގެން. އަހަރެން އެޕާޓްމަންޓުތަކުގައި ކުލަ ލައިދެނީ. އަހަރެންގެ ރަހުމަތްތެރިތާ ބުނީ އެއް ކޮޓަރީގައި 2000ރ. އަށްވުރެ ކުޑަކޮށް ކުލަ ނުލާން. އެހެންވެ އެ ރޭޓުގައި ކުލަ ލައިދެނީ،" ބިދޭސީ މީހާ ކިޔައިދިނެވެ.
މީގެ ކުރިން ލިފްޓު ނުހުންނަ ގެތަކަށް ވެސް ބިދޭސީން އެއްޗެހި އަރުވައިދެނީ 100ރ-200ރ. އާ ދެމެދުގެ އަގަކަށެވެ. ނަމަވެސް ހިޔާ ފްލެޓުތަކަށް އެ މީހުން ލިފްޓުގައި ތަކެތިއަރުވައިދެނީ 500ރ.-1000ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިގޮތަށް ދުވާލަކު 8،000ރ.-10،000ރ. އާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭ ކަމަށް ހިޔާ ފްލެޓުތަކަށް ތަކެތި އަރުވައިދިނުމުގެ މަސައްކަތް ކުރާ ބިދޭސީއަކު ބުންޏެވެ.
ރާއްޖޭގައި އެޕާޓްމަންޓުތައް މޫވްކޮށްދޭ މީހުން ހުރިހާ ހިދުމަތަކަށް ވެސް ނަގަނީ އެންމެ ބޮޑު އަގަކަށް 5000ރ. އެވެ. މިއީ ފަރުނީޗަރުތައް ކުރީގެ އެޕާޓްމަންޓުން ހިޔާ ފްލެޓަށް ގެންދިއުމާއި ރޭވުމާއި މައްޗަށް އަރުވައިދިނުމުގެ އިތުރުން ޕިކަޕް ކުލި ވެސް ހިމެނޭ ގޮތަށެވެ. މޫވިން ކުންފުންޏަކުން ބުނީ ޕިކަޕް ކުއްޔާއި ފަރުނީޗަރުގެ އަދަދާއި އެޕާޓްމަންޓް ހުންނަ ފްލޯ އަށް ބަލައި އަގު ކުޑަ ކުރެވޭނެ ކަމަށެވެ.
ބައެއް ޓަވަރުތަކުގައި ބިދޭސީ މަސައްކަތްތެރިން މެނޭޖުކުރުމުގައި ދިވެހިން ވެސް އުޅެ އެވެ. މިގޮތަށް ދިވެއްސަކާ ގުޅިގެން މަސައްކަތް ކުރާ ނަމަ އަގުތައް އިތުރަށް ބޮޑުވެ އެވެ. އެގޮތުން، އެޗްޑީސީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ބުނީ އޭނާ ގްރޫޕަކާ ގުޅިގެން ވެސް އަދި ވަކިން ވެސް މަސައްކަތްތައް ކުރާ ކަމަށެވެ. އެގޮތުން، ބިދޭސީއަކާ އެކު މަސައްކަތް ކުރާ ނަމަ އެޕާޓްމަންޓެއްގައި ޓައިލްސް ޖެހުމަށް 12،000ރ. އަށްވުރެ ބޮޑު އަގެއް ނަގާ ކަމަށާއި އެކަނި މަސައްކަތް ކޮށްދެނީ 6،000ރ. އަށް ކަމަށް އޭނާ ބުންޏެވެ.
"އެޗްޑީސީގައި ދުވާލު ގަޑީގައި މަސައްކަތް ކޮށްފައި ރޭގަނޑު މި އަންނަނީ މިތަނަށް. އެއް ހަފުތާ ގްރޫޕަކާ ގުޅިގެން މަސައްކަތް ކުރަނީ. އަނެއް ހަފުތާ އެކަނި. ގްރޫޕް ބޮޑު މީހަކަށް ހުންނަނީ ދިވެއްސެއް. އޭނާ އަށް އެއްބައި ދޭން ޖެހޭ. އެހެންވެ ގްރޫޕް މަސައްކަތްތައް އަގުބޮޑު ވަނީ،" ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމުގެ މަސައްކަތް ކުރާ ބިދޭސީއަކު ބުންޏެވެ.
ބިދޭސީން އަމިއްލަ ރޭޓުތައް ކަނޑައަޅައިގެން ބޮޑު އަގުގައި މަސައްކަތް ކުރާ ކަމުގެ ޝަކުވާތައް ގިނަ ނަމަވެސް މިހާރު ވެސް ގިނަ ފްލެޓުތަކުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ބިދޭސީންނާ އެވެ. އަމިއްލަ އަށް ނުވަތަ ދިވެހިންނާ ހަވާލުކޮށްގެން މަސައްކަތްތައް ކުރަނީ މަދު އެޕާޓްމަންޓެއްގަ އެވެ.
ފްލެޓުގެ ފިނިޝިންގެ މަސައްކަތް އަމިއްލަ އަށް ނިންމި މީހަކު ބުނީ އޭނާ އަމިއްލަ އަށް މަސައްކަތް ކުރަން ނިންމީ ބިދޭސީންގެ އަގުތައް މާ ބޮޑު ވާތީ ކަމަށެވެ. އެގޮތުން، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ދީގެން ވެސް އެޕާޓްމަންޓުގެ ހުރިހާ މަސައްކަތެއް ބިދޭސީ މަސައްކަތްތެރިން ނިންމައިދޭ އަގު ލައްކައަކަށް ވުރެ ބޮޑު ކަމަށް އޭނާ ބުންޏެވެ.
"ވަޒީފާގައި ވެސް ބުރަކޮށް އުޅޭތީ ފުރަތަމަ ވިސްނީ ބިދޭސީއަކާ ހަވާލުކުރަން. ހީކުރީ ހުރިހާ ސާމާނެއް ދިނީމަ ކުޑަ އެއްޗެއް ދީގެން އެކަން ވާނެ ކަމަށް. ކުރިން އެގޮތަށް އެޕާޓްމަންޓު ބަދަލުވާއިރު ވެސް އެ މީހުން ކޮށްދޭވިއްޔާ. އެކަމަކު މިތަނަށް އައިސް އެހީމަ ބުނީ ލައްކައަކަށް ވުރެ ކުޑަކޮށް ކޮށްނުދެވޭނެއޭ. އެހެންވެ، އަޅުގަނޑު ވިސްނީ އެއަށްވުރެ ރަނގަޅޭ އަމިއްލަ އަށް ހެދިޔަސް،" އޭނާ ބުންޏެވެ.
ހިޔާ ފްލެޓުތައް ހުޅުވި ފަހުން ބިދޭސީ މަސައްކަތްތެރިންގެ އަގުތައް ބޮޑުވުމުން ބައެއް ކުންފުނިތަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އައި ބައެއް ބިދޭސީން ވެސް ވަނީ ވަޒީފާ ދޫކޮށް ފްލެޓުތަކުގައި މަސައްކަތް ކުރަން ނުކުމެފަ އެވެ. މިގޮތަށް ވަޒީފާއިން ކެނޑުނު ބިދޭސީއަކު ބުނިގޮތުގައި އޭނާ އަށް ވަޒީފާގައި އުޅެމުން މަހަކު ލިބުނު މުސާރައިގެ ތިން ގުނަ ފްލެޓުތަކުގައި މަސައްކަތް ކޮށްގެން ލިބެ އެވެ.
ފްލެޓްތަކުގައި މި ދުވަސްވަރު ވަރަށް ގިނަ އަދަދެއްގެ މަސައްކަތްތައް ބިދޭސީން ކުރަމުން އެބަ ދެ އެވެ. ބައެއް ދިވެހި ގްރޫޕްތަކުން ވެސް ބުނަނީ ބިދޭސީންގެ ނުފޫޒު ބޮޑުވެގެން ގޮސް، އެ މީހުންނަށް މިހާރު މަސައްކަތެއް ނުލިބޭ ކަމަށެވެ. އެކި ދުވަހު އެކި އަގުތަކެވެ.