އަންނަ އަހަރުގެ ތެރޭގައި އިތުރު ދެ ފިހާރަ ހުޅުވަން ނިންމާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ރަސްމީކޮށް ފެށުމަށް ހެންވޭރުގައި ހުންނަ އެ ކުންފުނީގެ "ކަށަވަރު" ފިހާރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ ރާއްޖޭގެ ދެ ހިސާބެއްގައި ދެ އައުޓްލެޓް ހުޅުވަން ނިންމާފައިވާ ކަމަށެެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ ދެ ތަން ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިވަނީ މި އަހަރު ވެސް ކާމިޔާބު ގިނަ ހިދުމަތްތަކެއް ދީ، ވިޔަފާރީގެ ގޮތުން ވެސް ކާމިޔާބު ކަންތައްތަކެއް ކޮށްފައި. އެހެންކަމުން، އަންނަ އަހަރު ވެސް ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވޭ،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރު ފިހާރަތައް ހުޅުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ވީހާ ވެސް ކައިރިން ހިދުމަތް ދިނުމަށް ކަމަށެެވެ. ނަމަވެސް، އާ ދެ ފިހާރަ ހުޅުވާ ސަރަހައްދުތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެމްޓީސީސީން ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ޔަންމާ އަދި ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ ބްރޭންޑުގެ މެރިން ކޯޓިންސް އަދި ކެޓަޕިލާ ބްރޭންޑުގެ ހެވީ ވެހިކަލް ހިމެނެ އެވެ.