ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ގައުމާ މުޚާތަބް ކުރައްވަނީ. --ފޮޓޯ:ސްޓްރައިޓްސްޓައިމްސް
22 އެޕްރީލް 2020 - 18:28
ސިންގަޕޫރު (އެޕްރީލް 22) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސިންގަޕޫރުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަންނަ ޖޫން މަހުގެ 1 އަށް އިތުރުކޮށްފައިވާ ކަމަށް ބޮޑު ވަޒީރު ލީ ސިއެން އިއުލާން ކުރައްވައިފި އެވެ.
ފުޅާ ދާއިރާއެއްގައި ޓެސްޓްކުރުމާއި ކޮންޓެކްޓް-ޓްރޭސިން ހެދުމުގެ ސަބަބުން ކޮރޯނާވައިރަސް ސިންގަޕޫރުގައި ކުރިން ކޮންޓްރޯލް ކުރި ނަމަވެސް ބިދޭސީ މަސައްކަތު މީހުންގެ މެދުގައި ބަލި މިހާރު ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެކަނިވެސް ވަނީ 1،111 މީހުން ޕޮޒިޓިވްވެފައި ކަމަށެވެ. އޭގެ ކުރީ ދުވަހު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 1،426 މީހުން ޕޮޒިޓިވްވެފަ އެވެ.
ބޮޑު ވަޒީރު ލީ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ކަމަށްވާ ސްކޫލްތަކާއި ފިހާރަތައް ބަންދުކުރުން އަދި ގޭގައި ތިބުމުގެ އަމުރު ޖޫން 1 އަށް އިތުރުކޮށްފައިވާ ކަމަށެވެ. ސިންގަޕޫރު ލޮކްޑައުން ކުރީ މި މަސް ފެށުނުތަނާ އެވެ. އަދި ލޮކްޑައުންގެ މުއްދަތު ހަމަވާން އޮތީ މެއި 4 ވަނަ ދުވަހު އެވެ.
"ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަކީ ގިނަ ބަޔަކަށް ފަސޭހަ ކަމަކަށް ނުވާނެ،" ޓީވީ މެދުވެރިކޮށް ރޭ ދެއްވި ބަޔާނުގައި ލީ ވިދާޅުވި އެވެ. "ވިޔަފާރިތަކާއި މަސައްކަތް ކުރާ މީހުންނަށް ވެސް ވަރަށް ގެއްލުންވާނެ. އެކަމަކު އަޅުގަނޑު އުއްމީދު ކުރަނީ ކުރު މުއްދަތުގެ މި ގެއްލުމަކީ ވައިރަހުން ރައްކާތެރިވުމަށް އެޅޭ އެންމެ ރަނގަޅު ފިޔަވަޅަށް ވާނެ ކަމަށް."
ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މި ފަހަރުގެ ފިޔަވަޅުތައް ހަރުކަށިވާނެ ކަމަށެވެ. ކޮންމެހެން ކުރަން ޖެހޭ މަސައްކަތަކަށް ނޫނީ ބޭރަކަށް ނުނިކުމެވެ އެވެ. ކަސްރަތުން ކުރަން ނުކުމެވޭނީ ވެސް އެކަންޏެވެ. ކުރިންނަމަ އެއް ގެއެއްގެ މީހުން އެއްކޮށް ކަސްރަތަށް ނުކުމެވެ އެވެ.
ސިންގަޕޫރުގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައި ވަނީ ބިދޭސީ މަސައްކަތު މީހުން ޓެސްޓް ކުރަން ފެށުމުންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑޯމިޓަރީތަކުގައި އުޅޭ މަސައްކަތު މީހުން ވަނީ އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ލީ ވިދާޅުވީ ސިންގަޕޫރުގެ ރައްޔިތުންނަށް ކަމޭހިތާ ފަދައިގެން ބޭރުގެ މަސައްކަތު މީހުންނަށް ވެސް ހެޔޮކޮށް ކަންތައް ކުރައްވާނެ ކަމަށެވެ.
ސިންގަޕޫރުން މިހާތަނަށް 10,141 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިތު
24 April 2020
ރާއްޖެ ލޮކްޑައުން ކުރަނީ ނަމަލަށް. 3 ދުވަސްވަންދެން ހިންގި ކާފިޔުގައި ހީވީ މާލެ ބަންދުކިށްފައިވަނީ ހަމައެކަމި ދިވެހިންނަށްލަމަށް
ބޮޑުމީހާ
22 April 2020
ރާއްޖެ ލޮކްޑައުންކުރަނީ ހަފްތާއިން ހަފްތާއަށް. ކުރިންވެސް ދިގު މުއްދަތަކަށް ލޮކްކުރިނަމަ ރައްޔިތުން އެމީހުންގެ ދިރިއުޚުން ހަމަޖައްސާނެގޮތް ހޯދާނެ. މިހާރު މާލޭގަ ތާށިވެއްޖެ، ބޮޑު ކުލިވެސް ދައްކަންޖެހޭ، މުސާރައެއް ނުލިބޭ، ރަށަކަށް ނުދެވޭ،
އަލީރާޖާ
22 April 2020
ސިންގަޕޫރު އޮތީ ލޮކްޑައުންގައި ކަމަށް ބުނުމަކީ ރަގަޅު ގޮތެއް ނޫން. އެ މީހުން އޮތީ ސާކިޓް ބްރޭކަރ ގެ ނަމުގައި ވަކިކަންތައް ތަކެއް އިއުލާނުކޮށްފައި. އޭގެ ތެރޭގައި އޮފީސްތަކާ ސްކޫލުތައް ގޭގައި ތިބެގެން މަސައްކަތްކޮށް ކިޔެވޭ ގޮތަށް ބަދަލު ކުރުން ހިމެނޭ. ނަމަވެސް އެ ރަށުގައި ބޭރަށް ނުކުތުން މަނާކޮށްފައެއް ނެތް.
އަލިހަންދްރޯ
22 April 2020
ސިންގަޕޯރ އަސްލުގައި އޮތީ ލޮކްޑައުންއަކު ނޫން. އޮތީ ސެމީ ލޮކްޑައުންއެއްގައި. ޒަރޫރީ ކަންކަމުގައި މީހުން ގޭގެއިން ބޭރަށް ދިއުން ހުއްދަ. ޒަރޫރީ ބޭނުންތަކާ ގުޅޭ ވިޔަފާރިތައް، ބޭންކު، ޕޯސްޓު އޮފީސް، ޓެކްސީ، ކާބޯތަކެތި ވިއްކުން, ކަސްރަތު ކުރަންދާ ޕާކުތައް ހުޅުވާފަ.
ބަސް
22 April 2020
ރާއްޖެވެސް އެވަރުކުރަންޖެހޭ.