10 ނޮވެމްބަރ 2021 - 08:05
އާދިއްތަ ދުވަހާ ގުޅޭ
ފޯނު ވެއްޓުނު އަޑު ކަހަލަ އަޑެއް އިވުނެވެ. އަހަރެން އެތައް ފަހަރަކު ބަފައިބެއަށް ގޮވުމުން ވެސް ޚަބަރެއް ނުވިއެވެ. ގުޅުނު މޮޔަ ހިތަށްއެރީ ދެނެވެ. އެހައި ބަލިމީހެއް ގާތުގައި އަހަރެން އެ ވާހަކަ ބުނީ ކީއްކުރަން ހެއްޔެވެ؟ އެންމެ ފަހުން ބަފައިބެގެ މަރުގެ ޒިންމާ ވެސް އަހަރެން ބޮލުގައިއަޅަންޖެހުނީއެވެ. ނުވިސްނަންވީ ހިސާބަށް ވިސްނުމަށް ފަހު ފޯނު ކަނޑައިލަން އުޅެނިކޮށް ބަފައިބެ ފޯނު ނެގިއެވެ. ވާހަކަދެއްކިއެވެ. އަހަރެން ހަމަޖެހުމުގެ ނޭވައެއްލީމެވެ.
"މަދިރިއެއް މަރާލަން އުޅެނިކޮށް ފޯނު ވިއްސައިގެންދިޔައީ،" ބަފައިބެ ބުންޏެވެ. "ބައްޕަ ބުނަން އުޅުނީ ތި ކަމުގަ އަޒްލިފާގެ ކުށެއް ނެތޭ. އޭނައަށް ރަނގަޅު ތަރުބިއްޔަތެއް ދެވުނު ނަމަ ތިހެނެއް ނުވީސް. ދެން ވެސް ބައްޕައަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް. ބައްޕަ އަނެއްކާ ވެސް ހަމަ ދަރިފުޅު ކައިރީގަ ބުނަންޖެހޭނީ އަޒްލިފާ ހޯދާށޭ! ކުދިންކޮޅު ހާލުގަޖެހުނަ ނުދެއްޗޭ! ދާންޖެހިއްޖެއްޔާ ލަންކާއަށް ގޮސްގެން ނަމަވެސް ކުދިންނަށް ދެރަ ގޮތެއް ވިޔަ ނުދެއްޗޭ!"
ފޯނު ބޭއްވުމަށް ފަހު ދެން ހަދާނެ ގޮތަކާ މެދު އަހަރެން ވިސްނީމެވެ. އޮތީ އެންމެ ގޮތެކެވެ. ތިން ކުދިން ދައްތަޔާ ހަވާލުކުރުމެވެ. ދައްތައަށް އެ އުނދަގޫ ޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވިޔަސް އެ ނޫން ގޮތެއް ނެތެވެ. އެ ވަގުތު އަޒްލިފާގެ ފޯނެއް އަންނަން ފެށިއެވެ.
"ކޮންތާކު ތި އުޅެނީ؟ ކިތައް ފަހަރު ގުޅައިފިން؟" އަހަރެން ބުނީމެވެ.
"އަހަރެންގެ ފޯނު ރިންގެއް ނުވޭ! އެކަމަކު މިސްކޯލުތަކެއް ފެނުނީމަ މި ގުޅީ،" އަޒްލިފާ ހުރީ ވަރަށް ހަމަޖެހިފައެވެ. "ކިހިނެއްވީ؟"
ކިހިނެއްހޭ ވީ؟" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ. "ކޮންތާކުހޭ ތިހިރީ؟"
"އަހަރެން އުޅޭ އެޕާޓުމަންޓުގައެއްނު އަހަރެން ހުންނާނީ. އެހެން ކޮންތާކު؟" އަޒްލިފާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.
އެއީ ދޮގެއްކަން އަހަންނަށް ކަށަވަރެވެ. ހިތާމައަކީ އެ ކަން ސާބިތުކުރެވެން ނެތްކަމެވެ. ކިތަންމެ ވަރަކަށް ވެސް ޒުވާބުކުރެވިދާނެއެވެ. އަޒްލިފާ އެއްބަހެއް ނުވާނެއެވެ. ދެކޮޅުގެ ފޯނު ހަރަދު ވެސް އެޅޭނީ އަހަރެންގެ ބޮލުގައެވެ.
"ނަބީލާއަށް ފޯނުދީބަލަ!" އަހަރެން އެދުނީމެވެ.
އަޒްލިފާގެ އަނގަ ބެދުނެވެ. ފޯނުގައި އަތެއްނާޅައެވެ. އެކަމަކު ކޮންމެވެސް މީހަކާ ސިއްރުން ވާހަކަދެއްކިހެން އަހަންނަށް ހީވިއެވެ. ދެން އިވުނީ ނަބީލާއަށް ގޮވާ އަޑެވެ. ނަބީލާ ޖަވާބުދޭ އަޑެއް ނީވެއެވެ.
"ހަލޯ!" އަޒްލިފާ ބުންޏެވެ. "އޭނަ ނިދާފަ އޮތީ! އެހެން ކުދިން ވެސް ނިދައިފި. ގޮވަންވީ؟"
އާނއެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަޒްލިފާ ނޫރައްލިޔާއަށް ދިޔައިންތޯ އަހަރެން އެހީމެވެ. އޭނަ ފެށީ ހޭށެވެ. އަޒްލިފާގެ ނަޒަރުގައި އެއީ އަހަރުމެން ދެމަފިރިން ދޭތެރެޖައްސަން ދައްތަ ހަދާ ވާހަކަތަކެވެ. ލަންކާގެ އެޕާޓުމަންޓެއްގައި ކުދިން އެކަނި ބައިތިއްބައިފައި ނޫރައްލިޔާއަށް ދާން އަޒްލިފާ ހިތަށް ވެސް ނާރައެވެ. ދައްތަގެ ވާހަކަތައް އަހަރެން ގަބޫލުކުރީތީ އޭނަ ހުރީ ހައިރާންވެފައެވެ. އެ ހިސާބަށްދިޔުމުން ވީޑިޔޯ ކޯލެއް ކުރުމަށް އަހަރެން އެދުނީމެވެ. އަޒްލިފާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އެކަމަކު އެ ކަން ކުރެވޭކަމަކަށް ނުވިއެވެ. އެއް ފަހަރަކު އަޒްލިފާގެ މޫނު ފެނުނެވެ. ދެ ސިކުންތު ވެސް ނުވެ ފޯނު ކެނޑުނީއެވެ. އެ ހިސާބުން އަހަރެން އެ ތަހުގީގު ހުއްޓައިލީއެވެ. އަޒްލިފާޔާ ވާހަކަދައްކައިފައި ފޯނު ބޭއްވިތާ މާ ގިނަ އިރެއް ނުވަނީސް ލަންކާ ނަންބަރަކުން ފޯނެއް އަންނަން ފެށިއެވެ.
"މީ އަނެއްކާ ކާކު؟" ހިތާހިތުން އަހަންނަށް ބުނެވުނެވެ.
އަހަރެން ފޯނު ނެގީމެވެ. ވާހަކަދެއްކީ ލަންކާ މީހެކެވެ. އޭނައަށް ކޮންމެވެސް ވަރަކަށް ދިވެހި ވެސް އެނގެއެވެ. މުސްލިމެއްކަން ޔަގީނެއް ނޫނެވެ. އެކަމަކު އެންމެ ފުރަތަމަ ވެސް ސަލާންގޮވައިލިއެވެ.
"ތީ އަޒްލިފާގެ ހަސްބަންޑްތަ؟" އޭނަ ސުވާލުކުރިއެވެ.
"ރަނގަޅު!" އަހަރެން ބުނީމެވެ. "ތީ ކާކު؟"
އޭނަ އިނގެރޭސިއަށް ވަރަށް ނުފަރިތައެވެ. ވާހަކަދެއްކީ ދިވެއްސާއި އިނގެރޭސި އެއްކޮށްގެންނެވެ. ނަމަކަށް ބުނީ ސުމިތެވެ. އެއީ ވެސް ތެދެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ސުމިތު ބުނި ގޮތުގައި އޭނައަކީ އަސިންދުގެ ކޮއްކޮއެކެވެ. އެ ހިސާބުން އޭނަގެ ވާހަކަތަކަށް އަހަރެން ޝައުގުވެރިވިއެވެ.
"އަޒްލިފާއަށް ވިސްނައިދީ!" ސުމިތު ވަރަށް އޯގާތެރިކަމާ އެކުގައި އެދުނެވެ. "އޭނަ އުޅެނީ އަހަރެން ބޭބެ ދެކެ ލޯބިވެގެން. ބޭބެއަކީ މީހެއްގެ ހަސްބަނޑެއް. ބޭބެގެ ދެ ދަރިފުޅު ވެސް އެބަހުރި. ބޭބެގެ ވައިފް އަބަދުއަބަދު ކްރައިންގް. މީ ވަރަށް ދެރަ މައްސަލައެއް. ބޭބެ މިހާރު ގެއަކަށް ނުވަދޭ! އަބަދު އަޒްގެ އެޕާޓުމަންޓުގަ އުޅެނީ. ވެރީ ސޭޑް ޕްރޮބްލަމް."
އަހަރެން ޖެހުނީ ގަމާރެއްހެން އަޑުއަހަން ހުންނާށެވެ. އަހަރެންގެ އަންހެނުން ލަންކާ މީހަކާ ހިތާވެގެން އޭނަގެ ކޮއްކޮ އަހަންނަށް ގުޅާފައި ނަސޭހަތްދޭ ހިސާބަށް ކަންތައްދިޔައިމައި އަހަރެން ދެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ވަރަށް ލަދުގަތެވެ. ރުޅިއައެވެ. ފޫހި ވެސް ވިއެވެ. ލަދުވެތިކަމުން ސަލާމަތްވުމަށް ޓަކައި ކޮންމެވެސް ކަމެއް ކުރަން އަހަންނަށް މަޖުބޫރުވިއެވެ.
"ނުވާނެ އެހެނެއް!" އަހަރެން ބުނީމެވެ. "އަޒްލިފާ އެހެނެއް ނޫޅޭނެ."
އަހަރެން އެހެން ބުނީ ކޮންމެވެސް އެއްޗެއް ބުނުމުގެ މަގުސަދުގައެވެ.
"އަހަރެން ކީއްކުރަން ދޮގުބުނަނީ؟" ސުމިތު ވަރަށް އޯގާތެރި ރާގެއްގައި ބުންޏެވެ. "މިހާރު ބޭބެ އުޅެނީ ޑިވޯސްވާން. ފެމިލީއެއް ބްރޭކިން ދޯ! ހާދަ ދެރަ މައްސަލައެކޭ! ކުދިން ކިހާ ނިކަމެތިވާނޭ! އަހަރެން އެތައް ފަހަރަކު އަޒް ކައިރީ ބުނެފިން ސްޓޮޕް! ނެއްތަން ހަސްބަންޑަން ގުޅާނަމޭ ބުނިން. އޭނަ ޑިޑިންޓް ސްޓޮޕް!"
އިނގެރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށް ލަންކާބަހުން ލުނބޯހުތް ޖަހައިގެން ސުމިތު ދެއްކި ވާހަކަ އަހަންނަށް ދޭހަވިއެވެ.
"އެނީ ހެކި؟ ޕްރޫފް ކޮބާ؟" އަހަރެން ވެސް ދެބަސް މޮޑެލީމެވެ.
"ހެކި ފޮނުވަނީ. ވަރަށް އަވަހަށް ފޮނުވަނީ،" ޔަގީންކަމާ އެކުގައި ސުމިތު ބުންޏެވެ. "އަހަރެން ފޮނުވާ ފޮޓޯ ފެނުނީމަ ދެން.. އެހެން ހެއްކެއް ބޭނުން ނުވާނެ. ޕްލީޒް ވައިފަށް ނަސޭހަތްދީ! އަހަރެން ބޭބެގެ ވައިފް މިހާރު ބަނޑުބޮޑު! ކަލޭމެން ތީ މުސްލިމުން. ކަލޭމެން ދީންގަ ވެސް އެހެން އުޅުމަކީ.. ކީކޭ ކިޔަނީ.. ހަރާންކަމެއް! ދެން ކީއްވެ އަޒް އެހެން އެ އުޅެނީ؟ މީ ހާދަ ދެރަކަމެއް. އަޒްގެ ދަރިފުޅުމެންނަށް ވެސް ހުރިހާ.. މަންޒަރު ފެންނަނީ ދޯ! ވެރީ ސޭޑް. އެ ކަން ހުއްޓުވާލާ! ޕްލީޒް!"
ސުމިތު ފޯނު ބޭއްވިތާ އިރުކޮޅެއް ފަހުން އަހަންނަށް ފޮޓޯއެއް އައެވެ. ހިތަށްއެރިއެވެ. އެ ފޮޓޯ ނުފޮނުވި ނަމައެވެ. އެ ފޮޓޯ އަހަރެންގެ ލޮލަށް ނުދެއްކެވި ނަމައެވެ. ލަދުގަތެވެ. ދެރަ ވެސް ވިއެވެ. އަހަރެންގެ އަންހެނުން އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަކަށް ހިޔެއްނުކުރަމެވެ. އަހަރެން ނިންމީމެވެ. އަޒްލިފާޔާ އިނދެގެނެއް ދެނެއް ނޫޅެވޭނެއެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެެއް އޮންނަން ޖެހޭނެއެވެ. އެއީ އަހަރެން އަލަށް ނިންމި ނިންމުމެއް ނޫނެވެ. އަހަރެންގެ ބާރުހިނގި ނަމަ، ފަހު ފަހަރު އަޒްލިފާއަށް ލަންކާއަކަށް ނުވެސް ދެވުނީހެވެ.
"ހެޔޮނުވާނެ! ދަރިފުޅަށް ޓަކާ ނަމަވެސް ތިޔަ އުޅުން ދޫކޮށްލާ!" އަޒްލިފާއަށް ގުޅައިފައި އަހަރެން އާދޭސްކުރީމެވެ. "މިހާރު ތިޔަ އަސިންދެއްގެ ކޮއްކޮ އަހަންނަށް ގުޅައިފި! އަސިންދަކީ މީހަކާ އިނދެގެން އުޅޭ މީހެއްތަ؟"
އަޒްލިފާއަށް އެ އުޅުން ދޫކޮށްލެވޭނީ އޭނަ ގޮތަކަށް އުޅޭކަމަށް ފުރަތަމަ އެއްބަސްވެގެންނެވެ.
"އެއީ ބަޔަކު އަރުވައިގެން އުޅޭ އަޑެއް،" އަޒްލިފާ ބުންޏެވެ. "ހަމަ ހުވާ! އަހަންނެއް ނުދެނަހުރިން އަސިންދުގެ ކޮއްކޮއެއް ހުންނަކަމަކަށް ވެސް. ނަސީރަށް މިހާރު އެނގޭނެ އަސިންދުގެ ގޮތް. އޭނަ ކިހާ ނައިސް. ނޫންތަ؟ އަހަރެންގެ އޮޓޯ ޑުރައިވަރަކަށް އޭނަ ގެންގުޅޭތީ އެހެން މީހުން ޖޭވަނީ. އާނ އަހަންނަށް ހެލްޕްކޮށްދޭން އޭނަ ވަރަށް ގިނައިން މިކޮޅުގަ އުޅޭ! ނަސީރު އައިސްބަލަ މި ކޮޅުގަ ހުންނަން. އޭރުން ދެން އޭނައަކަށް ނުގުޅާނަން."
"އަހަރެން ދެންމެ އޮންނާނެ ފޮޓޯއެއް ފޮނުވާފަ،" އަހަރެން ބުނީމެވެ. "ބަލާފަ މަށަށް ގުޅާބަލަ!"
އަހަރެން ފޯނުކަނޑައިލީމެވެ. ހިތަށްއެރިއެވެ. މާފަށްއެދެން އަޒްލިފާ ދައްކާނީ ކޮން ކަހަލަ ބަހަނާއެއް ބާއެވެ؟ ފޯނުގެ އިންތިޒާރުގައި އަހަރެން އިންދައި އަޒްލިފާ ގުޅިއެވެ. ހެމުންހެމުންނެވެ.
"ދެން ނަސީރު ވެސް ދޯ!" އަޒްލިފާ ބުންޏެވެ. "ނަސީރުގެ ފޮޓޯއެއް އަހަރެން އެހެން ހަދާލާފަ ފޮނުވަންތަ؟"
އަޒްލިފާގެ ވާހަކަ ރަނގަޅެވެ. ޒާތްޒާތުގެ ފޮޓޯ ހެދުމަކީ އެއްވެސް ކަމެއް ނޫނެވެ. އަހަރެން އަލުން އެ ފޮޓޯ ދިރާސާކުރީމެވެ. ކައިރިކޮށްގެން ބެލީމެވެ. ހަދައިފައި ހުރިހެން ވެސް ހީވެއެވެ. އެހެންވިޔަސް، އަޒްލިފާ މާލެގެންނަން އަހަރެން މަސައްކަތް ފެށީމެވެ. ވަރަށް ދުރުދުރުން ވާހަކަދައްކައިގެންނެވެ. އޭނައަށް ޝައްކުވިއެވެ. ލަންކާގައި ކުޅެން ފެށި ފިލްމު ނިމެން އުޅެނީހެން ހީވިއެވެ. އޭނައެއް ނައެވެ. އަތްމަތި ދަތިކޮށްލަން އަހަރެން ލާރި ފޮނުވާ ވަރު މަދުކޮށްލީމެވެ. ފުރަތަމަކޮޅު ވަރަށް ޝަކުވާކުރިއެވެ. އެންމެ ފަހުން އިންޒާރުދިނެވެ. އަހަރެން ހިތަށްއެރިއެވެ. އިންޒާރުދީގެން އޭނައަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އުފެދެންވީ އެ ސުވާލެއް ނޫނެވެ. މި ސުވާލެވެ. އަޒްލިފާ ކޮށްފައި ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟
ނަބީލާ ގައިގައި ހުރި ގަހަނާކޮޅު ލަންކާ ބެންކެއްގައި ބަހައްޓައިފައި އަޒްލިފާ ލޯނެއް ނެގިއެވެ. ތަޅައިބުރުއްސަން ފައިސާ ހޯދުމަށް ޓަކައެވެ. އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. އަހަރެންގެ އަމިއްލަ އިނގިލީގައި ދައިގެންފައި ދޫނުކުރެވިގެން އުޅެނިކޮށް، ނަސީހަކާ އަޒްލިފާ ރައްޓެހިވި ވާހަކައެއް އިވިއްޖެއެވެ. އަޒްލިފާގެ އާ ވާހަކައެއް ނީވޭ ހަފުތާއެއް ނުދެއެވެ. ހަގީގަތަކީ އެއީއެވެ. ނަސީހަކީ އަޒްލިފާއަށް ވުރެ ހަތް އަހަރު ހަގު ދިވެއްސެކެވެ. އެ ކަން ފަޅާއެރީ އަޒްލިފާއަށް އެޅުނު ޅައެއްޗަކުންނެވެ. ކަމެއްވާން ވީމައި ވީއޭ ބުނާ ކަހަލަ ގޮތަކަށެވެ. އޭނަގެ ނަމާއި އަހަރެންގެ ނަން ވައްތަރެވެ. އޭނައަކީ ނަސީހެވެ. އަހަންނަކީ ނަސީރެވެ. ވައިބާގައި އަހަރުމެން ދެ މީހުން ބޭނުންކޮށްފައި ހުރީ އަހަރުމެން ތާއީދުކުރާ ޕާޓީއާ ގުޅުން ހުރި ފޮޓޯއެކެވެ. އެއްރޭ ރޭގަނޑު ހަތެއް ޖަހަން އުޅެނިކޮށް އަހަންނަށް އަޒްލިފާގެ މެސެޖެއް އައެވެ.
"މިރޭ 9 އިނގޭ!" ހިތެއް ޖަހައިފައި އަޒްލިފާ ފޮނުވި މެސެޖުގައި އޮތެވެ. "އެ ގަޑީގަ އަހަރެން ފްރީވާނީ."
"އެ ގަޑީގަ ކީއްކުރަންވީ؟" އަހަންނަށް ލިޔެވުނީ އެހެންނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްލިފާ އަސިންދު
11 November 2021
އަހަރެންގެ މެސެޖާއި އެކު އަޒްލިފާއަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް ހައިރާންކުރުވަނިވިހާ އަވަހަށް އަޒްލިފާގެ ޖަވާބު އައެވެ. "އަޅޭ، ދޫނީ މިބުނީ މިރޭ 9 ގަ މަށަށް ގުޅާށޭ، އެ ގަޑިއަށް މަ ފްރީވާނޭ ކުދިން ނިދީމައި" އަޒްލިފާގެ ލޯބިލޯބި ޖަވާބާއި އެކު އަހަރެންގެ ހިތް އާސްމާނުގައި ނަށަމުން ގެންދިއައެވެ. އަދި އަޒްލިފާއާއި މެދު ކުރިން ހީކުރަމުން ދިޔަ ހުރިހާ ކުށްހީތަށް ފިލާ ހިތް ސާފްވިއެވެ. (ނުނިމޭ)
ސުހާނީ
10 November 2021
އަޅެފަހެ ނަސީރުގެ ވިސްނުން ކޮށިކަން ދޯ...އަހަންނަށް މިހާރު ޝައްކު ނަސީރުގެ ފިރިހެން ވަންތަ ކަމާމެދުވެސް. އަދިވެސް އަޒްލިފާ ރުޅިއައިސްދާނެތީ އެއުޅެނީ...ދަރި އަތުލާފަ ވަރިކޮށްލަބަ...ކޮން ސަކަރާތެއްތަ
މީމީ
10 November 2021
މީ އަހަރެންގެ ބޮޑުބޭބެގެ ވާހަކަ .... ބޮޑުބޭބެއަކީ ނަސީރުގެ ދިރިހުރި މިސާލެއް.
ދެރަ
10 November 2021
އަޒްލިފާ އަށް ވުރެ ނަސީރުގެފާފަ ކުޑަވާނެތަ، ދައްޔޫސުންނަށް ހުރި ޢަޒާބު ހިތަށް ނާރުވާ އަނބި މީހާ އިސްލާހު ކުރަން ނޫނި ވަރި ނުކުރަން އެހުންނަނީ.
އާދަން
10 November 2021
ވެދާނެ ނު ނަސީރު ވެސް ގޮސް އަޒްލިފާ ކާރީ ހުންނަ އިރު ލިބޭ ލައްޒަތެއްގެ ސަބަބުން ހަމަ ދޫނުކުރެވިގެން އުޅެނީ ކަމަށް ވެސް
ހެހެހެ
10 November 2021
މީ އަނެއްކާ ބިންމާ އަށް ވީގޮތެއްބާ؟ ބިންމާ ލިޔާނީ ހުސް ހާލުގަ ޖެހިފަ ކަމެއްކުރަން ނުކެރޭ ފިރިހެނުންނާ އެކަހަލަ އަންހެނުންގެ ވާހަކަ. އެދުރު ވާހަކަ އަލުންގެނޭ. ބިންމާ ކަޑަ!
ޖަލީލީ
10 November 2021
ނަސީރަކީ ފިރިހެނެތްތޯ ޓެސްޓް ކުރަން އެބަ ޖެހޭ. އަނބި މީހާ އުޅޭނެގޮތަކަށް އުޅެން ދަައްޔޫސަކަށް ވެގެން ނަސީރު އެ ހުންނަނީ
ބިންމާއަށް
10 November 2021
މިވާހަކަ ކިޔާފަ ޑިޕްރެޝަނަށް ދާހެން ހީވަނީ، ބައްޔެއްނު މި ނަސީރަކާހެދި، އަނބި ދަށުވިޔަސް މި ބޮޑުވަރު، ދަރިންނަށް ރަނގަޅަކަށޭ ކިޔާފަ މިކަލޭގެ ވެސް ދަރިން ހަލާކު ކުރަނީ އެއްނުންތަ، ކުދިން ކުރިމަތީގަ ހިލޭފިރިހެނުން ގޮވައިގެން އުޅޭ މަންޒަރު ކުދިންނަށް ފެނުނީމަ ވާނީ ކިހިނެއް ކަން ނޭގޭ ގަމާރު ނަސީރެއް މީ
ޒޯރޯ
10 November 2021
ނަސީރަށް އެބަ ޖެހޭ ފިރިހެންވާ ބޭހެއް ކާންދޭން
ޢާން
10 November 2021
ޙަހަހަހހަ ދޯ
ޕަރސަން
10 November 2021
ކިތަންމެ ވަރަކަށް ހިތްކައިރި މަދަދަށް އެދުނަސް ތިޔަވަރުގެ އަންހެނަކާ އެކީ ނޫޅެވޭނެދޯ. މިހާރުވެސް މާލަސްވެއްޖެ، މިފަހަރު ވާނެ ތިޔަ އަޒުލިފާ ވަރިކުރަން.
ސަސ
10 November 2021
ނަސީރަށް ވަރަށް އިހްތިރާމާއެކު ބުނަން ފުރުސަތުގެ ފުރުސަތު ސޯއިން ލިބޭނެ މަދަދެއްނެތް. ވައިބަރ މެސެޖް ކުރަން ހަމަ ޖެހިގެން މާލެގަ ހުރެވޭކަން އެއީ އަޖައިބެއް.