.
10 މާޗް 2022 - 06:49
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް އާއި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޑުއާ ލީޕާ އެކީގައި ކުޅޭ ފިލްމެއް މި އަހަރު ނެރެން ނިންމައިފި އެވެ.
އެޕަލް އިން އިއްޔަ ރޭގައި ބޭއްވި އިވެންޓްގައި އެ ކުންފުނީގެ ސްޓްރީމިން ސާވިސް "އެޕަލް ޓީވީ ޕްލަސް" އަށް އަލަށް އަންނަ ޝޯތަކާއި ފިލްމުތަކުގެ ޓީޒާތައް ދެއްކި އެވެ. އެއިން އެއް ޓީޒާއިން ފެނުނީ ޑުއާ އާއި ހެންރީ އެކީގަ އެވެ.
އެ ދެ މީހުން އެކީގައި ފެންނަ އެ ފިލްމަކީ ސްޕައި ތުރިލާ ފިލްމެއް ކަމަށްވާ "އާގައިލް" އެވެ.
"ނިއު ރޫލްސް" އާއި "ލެވިޓޭޓިން" ފަދަ ތަފާތު ހިޓު ލަވަތައް އުފައްދާފައިވާ ޑުއާ މީގެ ކުރިން ފިލްމެއް ނުކުޅެ އެވެ. މިއީ ޑުއާ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
"އާގައިލް" ނެރުމަށް ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ ފިލްމުގައި ކެވިލް ލީޑް ރޯލުން ފެންނާނެ އިރު، އޭނާ ކުޅެނީ އެމްނީޝިއާ ހުންނަ ސްޕައިއެއްގެ ރޯލެވެ. ބަޔަކު އުޅެނީ އޭނާގެ ބަލީގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން އޭނާ އަކީ ސްޕައި ވާހަކަ ލިޔާ މީހެއް ކަމަށް އޭނާ ލައްވާ ގަބޫލުކުރުވައިގެންނެވެ.
އެ ފިލްމު ޑައިރެކްޓް ކުރާނީ މެތިއު ވޯން އެވެ. މެތިއު ވަނީ މީގެ ކުރީން "ކިކްއޭސް" އާއި "ކިންގްސްމަން" ފްރެންޗައިޒް ވެސް ޑައިރެކްޓުކޮށްފަ އެވެ. "އާގައިލް" ގެ ފަސްޓް ލުކް އާންމުކޮށްފައިވާއިރު، އެ ފިލްމު ނެރޭނެ ސީދާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ފިލްމު މި އަހަރުގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy