ވާހަކަ

ޝުކުރު

އަންހެންކުއްޖަކު ބޮޑުވަމުންއަންނަ އިރު، ކިތައް ކަންތަކަށް ވިސްނަންޖެހޭ ހެއްޔެވެ؟ އޮށާޅައިގެ މައްސަލައެވެ. މީހަކު މޫނަށް ބަލައިލިޔަސް މޭތެޅިގަނެއެވެ. ލިބާހަށްއައިބުވުމެވެ. ކިތަންމެ ބޭނުންވިޔަސް ގުދު ސީދަލެއް ނުކުރެވެއެވެ. ބޮޑުކުއްޖަކަށްވުމެވެ. އަމުދުން، މަންމަ ކިޔައިނުދީ ހުއްޓައެވެ. އެކަމަކު އެއިން އެއްވެސް ކަމަކާ އަހަންނެއް ނުވިސްނަމެވެ. އަހަރެން ހުރީ ދުރާލައި ތައްޔާރުވެގެންނެވެ. ކޮންމެ ކަމަކާ ވެސް އަހަރެން ކުރިމަތިލީ ވަރަށް ސާބިތުކަމާ އެކުގައެވެ. އަހަންނަށް ބޮޑުވީ އެހެން ކަމެކެވެ.

ދަރިޔަކު ލިބުމަކީ އުފާވާންޖެހޭ ކަމެއް ހެއްޔެވެ؟ އެއީ ނަސީބެއް ހެއްޔެވެ؟ ނުވަ މަސް ވަންދެން އަހަރެން އުޅެންޖެހޭނީ ވަރަށް ހާލުގައި ހެއްޔެވެ؟ ދަރިޔަކު ވިހެއުމަކީ ކިހައި ވޭންދެނިވި ކަމެއް ހެއްޔެވެ؟ ފިލްމުތަކާއި ވާހަކަތަކުން އެ ސުވާލުގެ ޖަވާބެއް ނުލިބެއެވެ. އެހެން މީހުން އުޅޭ ގޮތް ފެނެއެވެ. ސުވާލަކީ، އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ދައްތައާއި، އެކުވެރިން އުޅޭ ގޮތް ފެނެއެވެ. މާބަނޑުވުމުން ހޮޑުލައި، ބުރަކަށީގައި ރިއްސައި، ނުކެވިގެން އުޅެއެވެ. އެއްބަޔަކު ފުރަތަމަ ބޭނުންވަނީ އަންހެންކުއްޖެކެވެ. އަނެއް ބަޔަކު ފިރިހެންކުއްޖެކެވެ. ދަރިން ބޭނުންވާ އަދަދަކީ ވެސް އަޖައިބެއް ކަހަލަ ކަމެކެވެ.

އަހަރެން ތާވަލެއް ސިކުނޑީގައި ރޭވީމެވެ. އެ ގޮތަށް ކަންތައް ވާނެއެކޭ ނޫނެވެ. ކުއްޖާގެ ޖިންސަކީ މައިންބަފައިންނަށް އިހުތިޔާރުކުރެވޭ އެއްޗެއް ނޫނެވެ. ކިރިޔާ ވެސް ކޮންޓުރޯލެއް އޮންނަނީ އަދަދަށެވެ. ވަށައިގެން ފެނުނު މަންޒަރަށް ފަހު އަހަރެން ނިންމީ މި ގޮތަށެވެ. އަހަރެން ހޯދާނީ ދެ ކުދިންނެވެ. އަންހެންކުއްޖަކާއި ފިރިހެންކުއްޖެކެވެ. އެ ހިސާބުން ނިމުނީއެވެ. އަންހެންދަރިފުޅު ބޮޑުކުރާނީ އަންހެންކުއްޖެއްހެންނެވެ. ފިރިހެންދަރިފުޅު ފިރިހެންކުއްޖެއްހެންނެވެ. ދެ ޖިންސު މަސްހުނިވިޔަކަ ނުދޭނަމެވެ. ފިރިހެންދަރިފުޅު ބޯދިގުކުރިޔަކަ ނުދޭނަމެވެ. އަންހެންދަރިފުޅު ބޯކޮށިޔަކަ ނުދޭނަމެވެ. ހެދުންލާނީ އަންހެނުންނެވެ. ގަމީސްލާނީ ފިރިހެނުންނެވެ. ކަންފަތުމުދި ލައި، ކަރުގައި ފަށްއަޅައި، ނިޔަފަތި ދިގުކުރާނީ އަންހެނުންނެވެ. އަހަރެންގެ ފިރިހެންދަރިފުޅު އެއިން އެއްވެސް ކަމެއް ކުރިޔަކަ ނުދޭނަމެވެ.

އަހަރެންގެ އިސްތަށިގަނޑު ވަރަށް ދިގެވެ. އެއީ އަހަރެންގެ ޝަރަފެކެވެ. ބުރުގާއެޅި ނަމަވެސް، އަހަރެން އިސްތަށިގަނޑެއް ނުކޮށަމެވެ. އަހަރެން ބުރުގާއެޅީ ބޮލުން އިސްތަށި ފައިބާތީކީ ނޫނެވެ. އެހެން މީހުން އަޅާތީކީ ވެސް ނޫނެވެ. އަހަރެންގެ މައިންބަފައިން މަޖުބޫރެއް ވެސް ނުކުރެއެވެ. ދީނުގައި އެ ކަމުގެ ހުކުން އޮންނަ ގޮތެއް ވެސް ނޭނގެއެވެ. ބުރުގާއެޅީމައި އަހަންނަށް ރީތީއެވެ. ބުރުގާއިން އަހަންނަށް އިހުސާސްކުރެވުނީ ރައްކާތެރިކަމާއި ހިމާޔަތެވެ. އަހަރެން ޖިންސާއި ޓީޝާޓެއް ނުލަމެވެ. އެ ލައިގެން އުޅެން އުނދަގުލީއެވެ. އަހަންނަކާ ނުވެސް ގުޅެއެވެ. ބައެއް ކުދިންނަށް ވަރަށް ގުޅެއެވެ. އަހަރެންގެ ވަރަށް ގިނަ ރައްޓެހިންގެ އެންމެ މަގުބޫލު ހެދުމަކީ ވެސް ޖިންސާއި ޓީޝާޓެވެ. އެ ކަމާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެ މީހަކު އުޅޭނެ ގޮތެއް އެނގޭނީ އެ މީހަކަށެވެ.

ކައިވެނިކުރާނީ އުމުރުން ހަތާވީސް އަހަރުގައި ކަމަށް ނިންމައިގެން ހުއްޓައި، އަލްވާނާ ދިމާވިއެވެ. އަލްވާންގެ ސިފަ ރީއްޗެވެ. އެކަމަކު އެއަށް ވުރެ އޭނަގެ މިޒާޖު މާ ރީއްޗެވެ. އޭރު އަހަރެންގެ އުމުރަކީ އެކާވީސް އަހަރެވެ. އެހެންވިޔަސް، އެ ފުރުސަތުގެ ބޭނުންހިފީމެވެ. އަހަރުމެންނަށް ގަބޫލުކުރެވުނު ގޮތުގައި، އަހަރުމެންގެ ކައިވެންޏަކީ މާ ކުރިން ސުރެ ވެސް ނަސީބުގައި ލިޔެވިފައިވާ ކައިވެންޏެކެވެ. އަހަރުމެންގެ ހިޔާލު އެހައި ވެސް އެއްގޮތީއެވެ. އެކަމަކު ހަޔާތުގެ ހުރިހައި ކަމެއްގައި ހިޔާލު އެއްގޮތްތޯއެއް ނުބެލޭނެއެވެ. އެ ކަން އެނގޭނީ ދުވަހުންނެވެ.

އަހަރުމެން ދެ މީހުންނަކީ ވެސް މާލޭ މީހުންނެވެ. ކައިވެނިކޮށްގެން އަހަރެން ދިޔައީ އަލްވާންގެ ގެއަށެވެ. އަހަރުމެންގެ މައިންބަފައިންނަކީ މެދުފަންތީގެ މީހުންނެވެ. ކަމަކަށް އެދިއްޖެއްޔާ، އެ މީހުންނަށް ވީ އެންމެ ރަނގަޅަށް ކޮށްދެއެވެ. އަހަރުމެން ވަޒީފާއަދާކުރަމެވެ. ރައްކާކުރާނެ އެއްޗެއް ނެތަސް، ދަރަންޏެއް ނުނަގައި ދިރިއުޅެވޭ ވަރު ވެއެވެ.

"އަހަރުމެން ކޮން އިރަކުން ކުއްޖަކު ހޯދާނީ؟" ނޭނގުމެއް ތެރޭގައި ނުބާއްވައި އެ ސުވާލު އަހަރެން ކުރީމެވެ.

އަހަރެން ވިސްނައިގެންހުރީ ދެ އަހަރު ފަހުން ކުއްޖަކު ހޯދާށެވެ. އަހަންނަށް ވުރެ އަލްވާންގެ ވިސްނުން ރަނގަޅެވެ.

"ކުޑަކޮށް ސްޓޭބަލްވީމަ ދޯ ކިޑެއް ހޯދާނީ؟" އަލްވާން ބުންޏެވެ. "ކޮންމެވެސް ވަރަކަށް ސޭވް ވެސް ކުރަންޖެހޭނެ. ކިޑެއް ބޮޑުކުރާ އިރު ވަރަށް ލާރި ބޭނުންވާނެ."

އެ ދުވަހު ދެކެވުނު ވާހަކައިން އަހަންނަށް އެނގުނީ އަލްވާން ބޭނުމީ އެންމެ ކުއްޖެއްކަމެވެ. ގިނަވެގެން ދޭކެވެ. އަހަރެންގެ ވެސް ވިސްނުން ހުރީ އެހެންނެވެ. ކުދިންގެ ޖިންސާ ބެހޭ ގޮތުން ވާހަކައެއް ނުދެކެވެއެވެ. އަލްވާން އެ ވާހަކަ ނުދެއްކީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ނުދެއްކީ ފަހަށް ވިސްނައިފައެވެ.

އަހަރުމެން ރޭވި ތާވަލުގައި އަހަރުމެން ސާބިތުވެ ތިބީމެވެ. އެއީ އާއިލާއާއި އެކުވެރިންގެ ނުފޫޒު ކިހައި ވަރަކަށް ފޯރާ މައްސަލައެއްކަމެއް އަހަރުމެންނަކަށް ނޭނގެއެވެ. ކައިވެންޏަށް އެއް އަހަރު ނުފުރެނީސް، އެކުވެރިންނާ ދިމާއިން ރާޅު އުފެދެން ފެށިއެވެ. އާއިލާޔާ ދިމާއިން ރޯޅި އުފެދެން ފެށިއެވެ. ދަރިއަކު ހޯދަނީ ކޮން އިރަކުން ހެއްޔެވެ؟ ދަރިއަކާ ނުލައި ކައިވެނި ފުރިހަމައެއް ނުވެއެވެ. ދަރިޔަކީ ލޯބީގެ ދަލީލެކެވެ. ނަސްލު ދަމަހައްޓާ ވަސީލަތެވެ. މުސްކުޅިވާ ދުވަހުގެ ކައްތިރިއެވެ. ހައްތާ ވެސް މޮޅެތި ވާހަކައެވެ. ދޮގެއް ނުމެ ނޫންމެއެވެ. އެހެނަސް، އަހަރުމެން އޮތީ ގޮތެއް ނިންމައިފައެވެ. އެހެން ބަޔަކާ ހެދި އަހަރުމެންގެ ނިންމުން ބަދަލުކުރަން ޖެހޭ ހެއްޔެވެ؟ ނުޖެހޭނެއެވެ. އަހަރުމެން ބީރުކަންފަތެއް ދީގެން ތިބީމެވެ.

ރާޅު ބޮޑުވާން ފެށިއެވެ. ރޯޅި ގަދަވާން ފެށިއެވެ. ކަންފަތަށް އުނދަގޫވާ ކަހަލަ ޖުމުލަތައް އިވެން ފެށިއެވެ. އަހަރުމެންނަށް ކުއްޖަކު ނުލިބެނީ ހެއްޔެވެ؟ މައްސަލަ ހުރީ ކާކުގެ ހެއްޔެވެ؟ އެހެންވިޔަސް، އަހަރުމެންގެ ނިންމުން ބަދަލުނުކުރަން ނިންމީމެވެ. އަހަރުމެންގެ ދިރިއުޅުމެވެ. މީހަކާ ކޮން ބެހޭކަމެއް ހެއްޔެވެ؟ އެހެން ބުނެވިދާނެއެވެ. ދެން އިވުނީ އަންތަރީސްވާ ކަހަލަ އަޑެކެވެ. އަހަންނަކީ ވަރަށް ނާދިރު ބައްޔެއްހުންނަ މީހެކެވެ. އޭގެ ސަބަބުން އަހަރެން މާބަނޑެއް ނުވާނެއެވެ. އެ ވާހަކައަށް ވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ އެ ވާހަކަ ފެތުރި މީހުންނަށެވެ. ނަސީބަކުން އަލްވާން އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެކަމަކު އަލްވާންގެ މައިންބަފައިން އޭގެ ހަގީގަތް ހޯދަން ބޭނުންވިއެވެ. އަލްވާނާ ސުވާލުކުރިއެވެ. އަލްވާން ހުރީ އެ ކަން އަހަންނަށް ނާންގާށެވެ. އެއްދުވަހަކު އޭނައަށް އެ ވާހަކަ ބުނެވުނީއެވެ. ބޭއިހުތިޔާރުގައެވެ.

"ހައިބާ ފެމިލީ ބަޔަކު އެ ކަހަލަ ވާހަކައެއް ދައްކައިގެން ނުވާނެއްނު،" އަލްވާން ބުންޏެވެ. "އެއީ ކިހާ ކަޑަ ކަމެއް."

"އެކަމަކު އަލްވާނަށް އެނގޭނެ އެއީ ދޮގެއްކަން." އަހަރެން ބުނީމެވެ.

"އަހަންނަށް އެނގެޔޭ. އަހަރެން މަންމައަށް ވިސްނައި ވެސް ދީފީމޭ،" އަލްވާން ޔަގީންކަމާ އެކުގައި ބުންޏެވެ. "މަންމަ ގަބޫލު ވެސް ކޮށްފި. އެކަމަކު.."

އަހަރެން ސިއްސައިލީ އަލްވާން ނުބުނި ވާހަކައެވެ. އަލްވާން އުޅުނީ، "އެކަމަކު" ގެ ފަހަތުގައި ހުރި ތިކިތައް، ހުރި ގޮތަށް ބަހައްޓާށެވެ. އެހެނަސް އެންމެ ފަހުން ޖެހުނީ ތަފުސީލު ކިޔައިދޭށެވެ.

"ޑެޑް ގަބޫލެއް ނުކުރި،" ހިތްހަމަނުޖެހިފައި އަލްވާން ބުންޏެވެ. "ސީދާ އެހެނެއް ނުއެއް ބުނޭ! އެކަމަކު އައި ކޭން ފީލް އިޓް! ޑެޑްގެ މޫނުމަތިން އެނގޭ ގަބޫލުނުކުރާކަން. އަޅާލާނެކަމެއް ނެތް."

އަހަންނަކަށް އެ ގޮތް ކަމަކުނުދިޔައެވެ. ހަޔާތުގެ ސަމުގާ އެ ކޮޅަށް ދީލައިލީމެވެ. ހިތަށްއެރިއެވެ. ދޮގެއް ތެދަކަށްވެގެން ނުވާނެއެވެ. އަހަރުމެން ކުއްޖަކު ނުހޯދައި ތިބީ، އެ ކަމުގައި ގޮތެއް ނިންމައިފައިވާތީއެވެ. މައްސަލައަކީ، އަހަރުމެންނާއި މައިންބަފައިންގެ ފިކުރުގެ ފަރަގު ބޮޑުވުމެވެ. އޭރު އަހަންނަށް ނުވިސްނުނު ތަންކޮޅަކީ، ނަރެއްހައި ތަން ދޫކޮށްލައިފިއްޔާ ކެނބެއްހައި ތަން ދަމައިގަންނާނެކަމެވެ. ކިރިޔާ ވެސް ދުލެއް ދީފިއްޔާ ދެ ގުނަ އަތަށް އޮޅައިލާނެކަމެވެ.

އަހަރެން މާބަނޑުވީމެވެ. އަލްވާން ބޭނުންވީ އަންހެންކުއްޖެކެވެ. އެ ކަމުގައި ހިޔާލު އެއްގޮތްވީ އަހަންނާއި އަލްވާންގެ މައިންބަފައިންނެވެ. އަހަރެންނާއި އެ މީހުން ވެސް ބޭނުންވީ ފިރިހެންކުއްޖެކެވެ. އަހަރެންގެ ސިއްރު، ވަގުތީ ގޮތުން ހިތުގައި ކަފުންކޮށްލީމެވެ. ބޭރަށް ހާމަކުރީ އެހެން އެއްޗެކެވެ. އަހަންނަށް ވިސްނުނު ގޮތުގައި، ދަރިންގެ ކަންކަމުގައި ދެމަފިރިން އެއްގަލަކަށް އަރަންޖެހޭނެއެވެ. އެހެން ނޫނީ އެ އިންދުނީ ޒުވާބުގެ އޮށެކެވެ. ކައިވެނީގެ އަނެއް ނަމަކީ ދޫދިނުމެވެ. ގުރުބާނީއެވެ. މަސްލަހަތު އިސްކޮށް، ހިންދިރުވައިލަން ޖެހޭނެއެވެ.

މާބަނޑުވެގެން ވެއަތުކުރާ މަސްތަކަކީ ކެތްތެރިކަމުގެ ބޮޑު އިމުތިހާނެކެވެ. އަހަރެން ހިތަށްއެރިއެވެ. ސަހަރޯއެވެ. އަހަރެންގެ މަންމަ އަހަންނަށް ޓަކައި މި އުފުލީ ހާދަހާވާ ބޮޑު ބުރައެކެވެ. ދެން އައީ ވިހެއުމުގެ ވޭންވަރެވެ. އަހަރެން ހީކުރީ އަހަރެން މަރުވާނެކަމަށެވެ. އަހަރެންގެ މުޅި ހަޔާތުގައި ކެތްކުރި ހުރިހައި ތަދެއް އެއްކޮށްލިޔަސް އެއީ ހުވަނދަކަށް ވެސް ނުވާނެއެވެ. ވިހެއުމަށް ފަހު އަހަރެން އެންމެ ބޭނުންވީ ދަރިފުޅު އުރާލާކަށް ނޫނެވެ. އަހަރެންގެ މަންމަ ގައިގަ ބައްދައިލާށެވެ. އެ ކަން އަހަރެން ކުރީމެވެ. މަންމަ ގައިގަ ބައްދާލައިގެން އެތައް އިރަކު ރޯންއޮތީމެވެ.

ފުރަތަމަ ދަރިފުޅަށް އަހަރުމެން ކިއީ ލަޔާންއެވެ. ދަރިފުޅު ވިހެއި އިރު ވެސް އަހަރެން ހުރީ ފިރިހެންކުއްޖަކު ހޯދާ ހިތުން ހިތްއަވަސްވެފައެވެ. އެ ކަމަކާ ހެދި، އުފާވާންވާ ވަރަށް އަހަންނަށް އުފާ ނުވެސް ވެވުނެވެ. އަލްވާނަށް ޝައްކުވިހެން ވެސް ހީވިއެވެ. ބަފައިބެގެ ޝައްކުބަލި ފިލުވައިލެވުނު ނަމަވެސް، އަހަރެންގެ ބަލިގަނޑު އެ ހިސާބުން ހިލެން ފެށިއެވެ. ހިތަށްއެރިއެވެ. އަންހެންކުއްޖަކު ލިބުނީއެވެ. ފިރިހެންކުއްޖަކު ހޯދާނީ ކޮން އިރަކުން ހެއްޔެވެ؟ އަލްވާން ގާތުގައި އެ ވާހަކަ އަހާނީ ކިހިނެއް ހެއްޔެވެ؟ މަޑުކުރަންވީ ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟

ދަރިފުޅު ގޮވައިގެން ގެއަށް އައިސް ހަމަޖެހިލައިފައި އަލްވާން އައިސް އެނދުގައި އިށީނދެލިއެވެ. އަހަރެން ވެސް އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެ ވަގުތު ކޮޓަރިއަކު އެހެން މީހަކު ނެތެވެ.

"ކޮން ކަމަކާ ތި ވިސްނަނީ؟" އަހަރެންގެ އަތުގައި ހިފައިލަމުން އަލްވާން އެހިއެވެ. "ތި ކަމަކާ ވިސްނާތާ ހާދަ ދުވަހެއް ވެއްޖޭ!"

އަހަރެން ބޭނުން ނަމަ މައުލޫ ބަދަލުކުރެވުނީހެވެ. ހިތަށްއެރިއެވެ. ނުކުރާނަމެވެ. އެހައި އަވަހަށް އަހަރުމެން ކުއްޖަކު ހޯދީ އަލްވާންގެ ބައްޕަ، ކާފަޔަކަށްވާން ބޭނުންވެގެންނެވެ. އަހަރެން ބޭނުންވާ ކަންތައް ސިއްރުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"ބޯއިއެއް ނުހޯދާނަންތަ؟" އަހަރެން އިސްޖަހާލައިގެން އިނދެ އެހީމެވެ.

ނުނިމޭ

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިންޔާ

18 July 2022

ކިހިނެއް ބޯއިއެއް ހޯދާނީ؟؟ މި ބުނީ ކުއްޖަކު ލިބިދާނެ އެކަމަކު ފިރިހެން ކުއްޖަކަށް ނުވެވެސް ދާނެއެއްނު؟

The name is already taken The name is available. Register?

ޙޙ2022

17 July 2022

ޑިވެހިންހާލު.... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454