އަރްޖުން އާއި ޝްރައްދާ، ކަރަން ޖޯހަރާ އެކު.
30 ޖުލައި 2022 - 09:23
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް، ޝްރައްދާ އަރްޔާ އާއި އެކްޓަރު އަރްޖުން ބިޖްލާނީ އަށް ކަރަން ޖޯހަރުގެ ފިލްމެއްގައި މަސައްކަތްކުރަން ލިބިއްޖެ އެވެ.
"ތުމްހާރީ ޕާކީ" އާއި ޑްރީމް ގާލް" އަދި 2017 ވަނަ އަހަރުން ފެށިގެން ޓީވީ ޑްރާމާ "ކުންޑާލީ ބަގްޔާ" ގައި މަސައްކަތް ކުރަމުން އަންނަ ޝްރައްދާ ވަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އޭނާ އަށް ފޮނުވާފައިވާ ނޯޓެއް އާންމުކޮށް ދަރްމާގެ ފިލްމެއް ކުޅެން ލިބިފައިވާކަން އިއުލާންކޮށްފަ އެވެ.
އެ ނޯޓުގައި ވަނީ ދަރްމާގެ އާއިލާ އަށް މަރްހަބާ ކިޔައި ފިލްމުގައި މަސައްކަތްކުރަން ނިންމުމުން ޝުކުރު އަދާކޮށްފަ އެވެ.
އަރްޖުން އަކީ 2004 ވަނަ އަހަރުން ފެށިގެން ޓީވީގައި މަސައްކަތް ކުރަމުން އަންނަ ތަރިއެކެވެ.
އޭނާ ވެސް ވަނީ ދަރްމާގެ އާއިލާ އަށް މަރުހަބާ ކިޔާފައިވާ ނޯޓު އާންމުކޮށް، ފިލްމެއްގައި މަސައްކަތްކުރަން ލިބިފައިވާކަން އިއުލާންކޮށްފަ އެވެ.
އަރްޖުން ވަނީ "އިޝްގް މެއިން މަރްޖާވަން" އާއި "ނާގިން" ކަހަލަ ޝޯތަކުން ފެނިފަ އެވެ.
ޝްރައްދާ އާއި އަރްޖުންއަކީ ވެސް މީގެ ކުރިން ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ތަރިންނެެވެ. އެކަމަކު ކުރިން ފިލްމުތަކުގައި ވަރަށް އާދައިގެ ރޯލުތަކުން ފެނިފައިވާ އެ ދެތަރިންނަށް ދަރްމާ ކަހަލަ ބޮޑު ޕްރޮޑަކްޝަން ހައުސެއްގެ ފިލްމެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
އެ ދެތަރިން ބޮލީވުޑަށް ނުކުންނަ ފިލްމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ޓީވީ ތަރިން ވެސް ބޮލީވުޑަށް ނުކުންނަމުން އަންނައިރު ވަރަށް އަވަހަށް މަޝްހޫރު ޓީވީ ތަރި، ޕާތު ސަމްތާން ވެސް ބޮލީވުޑްގެ ފިލްމުތަކުން ފެންނާނެ ކަމަށް ވެ އެެވެ. އޭނާ ބޮލީވުޑަށް ނުކުންނާނީ ސަންޖޭ ދަތާއި ރަވީނާ ރަންޑަން އާއެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy