ފިލްމުގެ ޑައިރެކްޓަރު މެގްނާ ގުލްޒާރާ އެކު އެ ފިލްމުގެ ލީޑުން ފެނިގެންދާ ތިން ތަރިން.
16 އޯގަސްޓް 2022 - 06:32
ބޮލީވުޑްގެ އެކްޓަރު، ވިކީ ކޯޝަލް އާއި ޒުވާން ދެ ތަރިން ކަމަށްވާ ސަންޔާ މަލްހޯތުރާ އަދި ފާތިމާ ސަނާ ޝޭހު،ގެ ފިލްމު "ސާމް ބަހާދުރް"ގެ މަސައްކަތް ފަށައިފި އެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާ ސިފައިންގެ ޗީފް އޮފް އާމީގެ މަގާމުގައި ކުރިން ހުރި ސާމް މަނެކްޝާގެ ހަޔާތާ ގުޅޭ ފިލްމެކެވެ. ސާމްގެ ރޯލުން ފިލްމުގައި ފެންނާނީ ވިކީ އެވެ.
އޭގައި ދެން އުޅޭ ތަރިންނަކީ ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު "ދަންގަލް" ގައި އެކުގައި މަސައްކަތްކުރި ސަންޔާ އާއި ފާތިމާ އެވެ. މިއީ ވިކީ އާއި ސަންޔާ އަދި ފާތިމާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ވިކީ ވަނީ ފިލްމު ފެށުމުގެ ތައްޔާރީތަކާއި ޝޫޓިންތަކުގައި އެމީހުން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
ފިލްމުގައި ސަންޔާ ފެންނާނީ ސާމްގެ އަނބިމީހާ ސިއްލޫގެ ރޯލުންނެވެ. އަދި ފާތިމާގެ ރޯލަކީ އިންޑިއާގެ އޭރުގެ ޕްރައިމް މިނިސްޓަރު އިންދިރާ ގާންދީގެ ރޯލެވެ.
ވިކީ އެންމެ ފަހުން މަސައްކަތްކުރި ފިލްމީ "ސަރްދާރް އުދާމް" އެވެ. މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމުގެ އިތުރުން ވެސް ކުރިއަށް ބައެެއް ފިލްމުތައް އޭނާގެ އެބަހުއްޓެވެ.
ސަންޔާ އާއި ފާތިމާ ވަނީ 2020 ގައި ނެރުނު "ލޫޑޯ" ގައި ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. ސަންޔާ ވަނީ "ބަދާއީ ހޯ" އާއި މިދިޔަ އަހަރު ނެރުނު "މީނާކްޝީ ސުންދަރެޝްވަރު" އިން ވެސް ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy