ސާޜާ އަލީ ޚާނާއި ޖާންވީ ކަޕޫރް.
20 އޯގަސްޓް 2022 - 06:18
ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރު އެކުގައި ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ.
ސާރާ އާއި ޖާންވީ އެންމެ ފަހުން އެކުގައި ފެނުނީ މިހާރު ދައްކަމުން އަންނަ ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަނުންނެެވެ.
ހުކުރު ދުވަހު ސާރާ، އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓުގައި ވަނީ ކޯ އެކްޓަރުންގެ ގޮތުގައި އެމީހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ފިލްމު ބެލުމަށް ފަހު މީހުންގެ ހިޔާލު ދިނުމަށް އެދިފައިވެ އެވެ.
އެ ޕޯސްޓުގައިވާ ފޮޓޯއިން ފެންނަނީ ސޯފާއެއްގައި ސާރާ އާއި ޖާންވީ އިށީނދެގެން ތިބޭއިރު ބިރުން ތިބި ގޮތަކަށް ބަލަހައްޓައިގެން ތިބޭ މަންޒަރެވެ.
އެ ޕޯސްޓަށް ޖާންވީ ކުރި ކޮމެންޓުގައި ބުނީ އެ މަސައްކަތް ވަރަށް ސަޅިވާނެ ކަމަށެވެ.
އެ ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.
ޖާންވީ އާއި ސާރާ ބޮލީވުޑަށް ނުކުތީ އެއް ދުވަސްވަރެއްގަ އެވެެ. ޖާންވީ 2018 ގެ ޖުލައި މަހުގެ ތެރޭގައި ކަރަން ޖޯހަރުގެ "ދަޅަކް" އިން ބޮލީވުޑަށް ނިކުތްއިރު އެ ފިލްމަށް ހީކުރި ވަރުގެ ތަރުހީބެއް ނުލިބެ އެވެ. އެ އަހަރުގެ ޑިސެމްބަރުގައި އަބިޝޭކް ކަޕޫރުގެ "ކެދާނަތު" އިން ސާރާ ބޮލީވުޑަށް ނިކުތްއިރު ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
ބޮލީވުޑަށް ނުކުތުމުން އާންމުން އެ ދެތަރިން ވަރަށް ބޮޑަށް އަޅާ ކިޔެވެ. އެކަމަކު އެމީހުންނަކީ ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން ވެސް ގާތް އެކުވެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy