ކާތިކް އާރިޔަން އާއި ކިއާރާ އަދްވާނީ.
29 އޯގަސްޓް 2022 - 06:23
ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަން އާއި ކިއާރާ އަދްވާނީ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމު އަންނަ އަހަރުގެ ޖޫން މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"ސަތުޔަޕްރެމް ކީ ކާތާ" ގެ ނަން ދީފައިވާ އެ ފިލްމު އަންނަ އަހަރުގެ ޖޫން 29 ގައި ރިލީޒްކުރަން ހަމަޖެހިފައިވާކަން ކާތިކް ވަނީ އިއުލާންކޮށްފަ އެވެ. ފިލްމުގެ ޝޫޓިންތައް ވަރަށް އަވަހަށް ފަށާނެ އެވެ.
ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް ޑައިރެކްޓްކޮށް މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަޑިއަވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޕޯސްޓަރެއް ދައްކާލީ ކިއާރާގެ އުފަން ދުވަހާ ދިމާކޮށެވެ.
އެ ފިލްމަށް އެންމެ ފުރަތަމަ ކީ ނަމަކީ ސަތުޔަނާރަން ކީ ކާތާ އެވެ. އެކަމަކު ފާޑުކިޔުންތަކާ ހެދި ފަހުން ނަން ބަދަލުކުރީ އެވެ.
އެ ފިލްމަކީ މިއުޒިކަލް ލަވް ސްޓޯރީ އެކެވެ. ކާތިކާއި ކިއާރާ ފުރަތަމަ ފަހަރަށް އެކުގައި ފެނުނީ މިއަހަރު ރިލީޒްކުރި ބޫލް ބުލައްޔާ 2 އަކުންނެެވެ. ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމާ އެކު ކާތިކާއި ކިއާރާގެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy