އާލިއާ އާއި ރަންބީރު.
09 ސެޕްޓެމްބަރ 2022 - 08:40
ހުއްޓާނުލައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި "ބްރަހްމަސްތުރާ" ގެ ޕްރޮމޯޝަން އިވެންޓުތައް ވަނީ ބާއްވައިފަ އެވެ. އެ ހަރަކާތްތަކުގައި ލީޑު ދެ ތަރިން ކަމަށްވާ، ރަންބީރު ކަޕޫރާއި އޭނާގެ އަންހެނުން އާލިއާ ބަޓް ވެސް ބައިވެރިވެ އެވެ.
ދިއްލީގައި އޮތް ޕްރޮމޯޝަނަލް އިވެންޓެއް ނިންމާފައި މުމްބާއީއަށް ގޮސް އެއާޕޯޓު ތެރެއިން އާލިއާ އާއި ރަންބީރަށް ނުކުމެވުނީ ޕަޕަރާޒީން ކުރިމައްޗަށެވެ. އެކަމަކު ފޮޓޯއަކަށް ހުއްޓެން ބުނުމުން ރަންބީރު ވަނީ ބަލިވެ އިން އޭނާގެ އަނބިމީހާއަށް އިޝާރާތްކޮށް އޭނާ އުޅެނީ ބުރަކަށީގައި ރިއްސާތީ ކަމަށް ބުނެ ފޮޓޯއަކަށް ނުހުއްޓި އެތަނުން ގޮސްފަ އެވެ.
އާލިއާ ބަލިވެ އިން ފަހުން ވެސް ހުއްޓާނުލައި ފިލްމު މަސައްކަތުގައި ބުރަކޮށް އުޅޭތީ އޭނާގެ ސަޕޯޓަރުން ވަނީ އާލިއާ މަސައްކަތަށް ދޭ ސަމާލުކަމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އަދި އެހާ ބުރަކޮށް މަސައްކަތްކުރާތީ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސަޕޯޓަރުން ބުނެ އެވެ.
ބައެއް މީހުން ވަނީ އޭނާ ހަށިގަނޑަށް ރެސްޓް ދޭން ޖެހޭ ކަމަށާއި ދަރިއަކަށް ވުރެ ވެސް ޕްރޮމޯޝަން މުހިންމީތޯ ބުނެ ފާޑުކިޔައިފަ އެވެ.
ކައިވެނީގެ ކުރީކޮޅު އާލިއާ ބަލިވެއިންކަން އިއުލާންކުރީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިންތަކުގައި އެމެރިކާގައި އުޅެމުންނެވެ. އެކަމަކު އެ މަސައްކަތް ނިންމާލި ގޮތަށް އިންޑިއާއަށް އަނބުރާ ގޮސް އޭނާ ވަނީ ފިލްމީ މަސައްކަތްތައް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
09 September 2022
މަސައްކަތްކުރަންވާނީ ހަށިގަނޑަށްވެސް ވިސްނައިގެން.