އެސްއެސް ރާޖަމޯލީ އާއި މަހޭޝް ބާބޫ.
14 ސެޕްޓެމްބަރ 2022 - 06:38
އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީ، މިވަގުތު މަސައްކަތްކުރަމުން އަންނަ ސްކްރިޕްޓް ވާނީ ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު "ބަހޫބަލީ" އަށް ވުރެ ވެސް ވަރުގަދަ މަސައްކަތަކަށް ކަމަށް އޭނާ ބުނެފި އެވެ.
ތެލޫގޫ ސިނަމާގައި އެންމެ ޑިމާންޑް ބޮޑު އެއް ތަރި، މަހޭޝް ބާބޫ ލީޑު ރޯލު ކުޅޭ އެ ފިލްމާ ބެހޭ ގޮތުން ރާޖަމޯލީ ބުނީ އެ ފިލްމު ވާނީ ސިނަމާގައި ފިލްމު ބަލަން ލޯބިކުރާ މީހުންނަށް ކަމުދާނެވަރުގެ ޕްރޮޖެކްޓަކަށް ކަމަށެވެ.
ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ފިލްމަށް ތައްޔާރުވުމުގެ ގޮތުން މަހޭޝްއާ އެކު ވޯކްޝޮޕް ފަށާނެ ކަމަށް އޭނާ ބުންޏެެވެ.
ފިލްމުގެ ޝޫޓިންތައް ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމަށް ދީފައިވާ ނަމަކީ "އެސްއެސްއެމްބީ29" އެވެ. އެކަމަކު ފިލްމުގެ ޓީމުން އެ ނަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
މިހާތަނަށް ނެރުނު ފިލްމުތަކަށް ވުރެ ވަރުގަދަ މަސައްކަތަކަށް އެ ފިލްމު ހެދުމުގެ މަސައްކަތް ރާޖަމޯލީ ކުރަމުން އަންނައިރު މިއީ ފިލްމަށް ކަނޑައަޅާ ބަޖެޓް ވެސް ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
ގްރެފިކްސްގެ ބޮޑު މަސައްކަތެއް ވެސް ހިމެނޭ އެ ފިލްމުގެ ބައެއް ޝޫޓްކުރާނީ ޖަންގަލީގަ އެވެ. އެކަމަށް ބޭނުންވާނެ ތަފާތު ސެޓެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
ރާޖަމޯލީއަކީ ސިނެމެޓިކް ތަފާތު ތަޖުރިބާތައް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. ބަހޫބަލީ އާއި އެ ފިލްމުގެ ދެވަނަ ބައި އަދި އޭނާ ޑައިރެކްޓްކުރި އާރްއާރްއާރްއަކީ ބްލޮކްބާސްޓާ ފިލްމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy