25 ސެޕްޓެމްބަރ 2022 - 10:33
ގަޑިން ދަންވަރު ދެގަޑި ބައިވާން ތިން މިނެޓެވެ. މުޖުތަބާގެ ދަންވަރު ޑިއުޓީ ރެޔެވެ. މާލޭގެ މަގުމަތި ވަރަށް އަމާނެވެ. ސައިކަލު އިންޖީނުގެ އަޑު ނޫން އެހެން އަޑެއް ނެތެވެ. މުޖުތަބާގެ ސަރަހައްދަކީ މައްޗަންގޮޅީގެ ދެކުނު ފަޅިއެވެ. އުމުރުން ބައްތިރީސް އަހަރުގެ މުޖުތަބާ، ފުލުހުންގެ ހިދުމަތަށް ނުކުތްތާ ތިން އަހަރު ފުރެން ދެ ދުވަހަށްވީއެވެ. ސައިކަލު ފަހަތުގައި އެކުވެރި ނައުޝާދު އިނެވެ. އޭނަ ވާހަކައެއް ނުދައްކައެވެ.
"ނިދުނީ ދޯ؟" ސަމާސާ ރާގެއްގައި މުޖުތަބާ އެހިއެވެ. "މަ ބުނަމެއްނު ދަންވަރު ޑިއުޓީއަށް އަންނަ އިރު ކުޑަކޮށް ރެސްޓުކޮށްލައިގެން އަންނާށޭ! އަންހެނުން ނިދިޔަނުދެނީތަ؟"
"މުޖޫ ހިނގާބަލަ އެ ކަން ހަމައަކަށްއަޅުވާލަން،" ނައުޝާދު އެދުނެވެ. "މިހާރު ދެން އެހެން ކަމަކާ ވިސްނޭ ވަރެއް ނޫނޭ!"
ނައުޝާދު އެ ދައްކަނީ ކޮން ވާހަކައެއްކަން މުޖުތަބާއަށް އެނގެއެވެ. އެ ކަމެއް ލައިގަނެގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ.
"ކަލޭގެ ނެތޭ ހިތްވަރެއް! ދެން ކިހިނެއް ކަމެއް ކުރާނީ؟" މުޖުތަބާ ބުންޏެވެ. "މަގޭ އަންހެނުންނަށް މީހަކު އެ ގޮތަށް ގުޅާ ޖެއްސުންކުރަންޏާ ނިމުނީ. ކުޅިދައްކާލީމުސް. ހުވާ! ވަރިހަމަ ވަޒީފާއިން ކަނޑާލިޔަސް. އެބަ އެނގޭ ކާކުކަން. އުޅޭ ގެ ވެސް އެނގޭ. ރޭގަނޑު ވެސް އެ ކަލޭގެ ބޭރަށް ނުކުންނާނެތާ! ދާ ގޮތަށް ގޮސް ފިލުވައިލީމަ ނިމުނީނު."
ނައުޝާދު އަޑުއަހަން އިނެވެ. ވަޒީފާއިން ކަނޑާލީމަ މުޖުތަބާއަށް ހެވަސް ނައުޝާދަކަށް ހެވެއް ނޫނެވެ.
"ދެން އަހަރުމެންގެ ޖޮބޯ؟" ނައުޝާދު ސުވާލުކުރިއެވެ.
"ޖޮބަކަށް ނުވާނެ އެއްކަމެއް ވެސް،" ޔަގީންކަމާ އެކުގައި މުޖުތަބާ ބުންޏެވެ. "ތަޅައިގެންފަ އޭނަ މަގުމައްޗަށް އެއްލާލާނީކީ ނޫނޭ. ގޮވައިގެން ދާނީ އެޗްކިއުއަށް. ގޮއްސަ ބުނާނީ ޑްރަގުޑީލަރެކޭ! އެ ކަހަލަ ފާޑަކަށްނު އޭނަ ހުންނަނީ. ކާކު ޝައްކުކުރާނީ؟"
"އެކަމަކު އޭނައަކީ ޑްރަގްޑީލަރެއް ނޫނޭ! ހެއްކެއް ވެސް ނުދެއްކޭނެ." ނައުޝާދު ޖަވާބުދިނެވެ.
"ކަލޭ ހަމަ ފިނޑީ!" ނުރުހުމުގެ ރާގަކަށް މުޖުތަބާ ބުންޏެވެ. "ބަލަ އޭނަގެ ޖީބުން އަހަރުމެން ޕީސް ނަގާނަމޭ! އެޗްކިއުގަ، އެންމެންގެ ކުރިމަތީގަ ނަގާނީ. ރާވައިގެނޭ އަހަރުމެން ކަންތައް..."
"ފިހާރަޔަކުން އެބަ ވައްކަންކުރޭ!" ކުއްލިއަކަށް ޓޯކީން ގޮވައިލި އަޑުއިވުނެވެ.
ވައްކަންކުރާކަމަށް ފުލުހުންގެ ހެޑްކުއާޓަރުން ބުނީ މައްޗަންގޮޅީ ދެކުނުގައި ހުރި ފިހާރަޔަކުންނެވެ. ތަނުގެ ނަން ބުނުމާއެކު މުޖުތަބާ ސައިކަލު ބާރުކޮށް އެ ދިމާއަށް މިސްރާބުޖެހިއެވެ. ވަގުން ވަދެ ތިބި ފިހާރައަކީ، ހަތަރު ދިމާއަކުން ވަދެވޭ މަގެއްގައި ހުރި ފިހާރައެކެވެ. ފުލުހުންގެ ހަތަރު ޓީމު ވަނީ ހަތަރު މަގުންނެވެ. ސައިރަން ނާޅާ އަޔަސް، ހަތަރު ސައިކަލު އެއްފަހަރާ މަގަށް ވަނުމުން، ވަގުންނަށް ފާރަލައިދޭން ބޭރުގައި ހުރި މީހާ ވަގުންނަށް އިޝާރާތްކޮށްލިއެވެ. ފިހާރަ ތެރޭގައި ތިބި ދެ މީހުން ދުވެފައި ނުކުތެވެ. ތިން މީހުން ތިން ދިމާއަށް ދުއްވައިގަތެވެ. މުޖުތަބާމެންނާ ދިމާއަށް މީހަކު އަންނާތީ މުޖުތަބާއާއި ނައުޝާދު ސައިކަލު މަޑުކޮށް، ސައިކަލުން ފޭބިއެވެ. ވަގުކަލޭގެ އުޅުނީ މުޖުތަބާމެންގެ އަތްދަށުން ދެމިގަނެގެން ދާށެވެ. އެއީ އޭނައަށް ނިންމުނު ނުބައި ނިންމުމެކެވެ. ދެ ފުލުހުން ވެގެން ވަގުކަލޭގެ ބިންމައްޗަށް ވައްޓައިލިއެވެ.
"ކަލޭ ދޯ؟" ނައުޝާދަށް ބުނެވުނެވެ.
އަތުލައިގަނެވުނު މީހަކީ، ނައުޝާދުގެ އަންހެނުންނަށް ފޯނުކޮށްގެން ޖެއްސުންކޮށް، ފާރަލާ މީހާއެވެ. އެކަމަކު ނައުޝާދު އަމިއްލަ ނަފުސު ކޮންޓުރޯލުކުރިއެވެ. ޔުނީފޯމުގައި ހުރި ވަގުތަކަށް ވީތީއެވެ. މުޖުތަބާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އަވަހަށް ރުޅިއަންނަ، ޖެހިލުންކުޑަ މުޖުތަބާއަކަށް ނަފުސު ކޮންޓުރޯލެއް ނުކުރެވުނެވެ.
ޖެހިގެންއައި ދުވަހު މެންދުރުވީ އިރު މީސްމީޑިޔާގައި އެ ޚަބަރު ހިލިއްޖެއެވެ. ކަމުގެ ހަގީގަތާއި، ނޫސްތަކުން ނުފެންނަ ތަފުސީލުތައް ވެސް ފެންމަތިވެއްޖެއެވެ. އަނިޔާލިބުނީ ނާހިދު ކިޔާ މީހަކަށެވެ. ނާހިދަކީ ނައުޝާދުގެ އަންހެނުންނަށް ފޯނުން ޖެއްސުންކުރާ މީހެކެވެ. ނައުޝާދަކީ މުޖުތަބާގެ ގާތް އެކުވެރިއެކެވެ. އެހެންކަމުން، ލިބުނު ދަނޑިވަޅުގައި ނާހިދަށް އަނިޔާކޮށްލީއެވެ. މެންދުރުވީ އިރު ވެސް ނާހިދު އޮތީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ބޮލުގެ ނާށިގަނޑުގައި ރެނދުލައި، އެއް ލޮލުގެ ފެނުން ގެއްލި، ދެ ދަތް ވެސް މަދެވެ. ފުރާނައަށް ނުރައްކަލެއް ނެތް ނަމަވެސް ނާހިދު ވާނީ ނުކުޅެދޭ މީހަކަށެވެ. ޑަކުޓަރުން ލަފާދިނީ އެ ގޮތަށެވެ.
ހާދިސާ ހިނގައިދިޔަތާ ތިން އަހަރު ފަހެވެ. މުޖުތަބާއަށް އަދަބުލިބި، ވަޒީފާއިން ވަކިކޮށް، ދިވެހިން އެ ވާހަކަ ހަނދާން ވެސް ނެތިއްޖެއެވެ. ފުލުހުންގެ ދާއިރާ ދޫކޮށް، މުޖުތަބާ އަދާކުރަން ފެށީ ސޭޓެއްގެ ވަޒީފާއެވެ. ފިހާރަ ހުންނަނީ ހުޅުމާލޭގައެވެ. ހުރިހައިކަމެއް ބަދަލުވިޔަސް، ބަދަލުނުވާ އެއް ކަމެއް އޮތެވެ. އެއީ މުޖުތަބާގެ ރުންކުރުކަމެވެ. އަވަހަށް ރުޅިއައުމަކީ މުޖުތަބާގެ ކަށީގައި ހިފައިފައި ހުންނަ ކަމެކެވެ. ފިހާރައަށް އަންނަ ބައެއް މީހުންނާ މުޖުތަބާ މުއާމަލާތުކުރާ ގޮތުގެ ޝަކުވާ ވެރިމީހާޔާ ހަމައަށް އަންނަލެއް މަދެއް ނޫނެވެ. އެހެނަސް މުޖުތަބާއަކީ ތެދުވެރިޔެކެވެ. ދީނަށް ފަރުވާތެރިވާ މީހެކެވެ. މަސައްކަތަށް ކަމޭހިތާ މީހެކެވެ. ވަޒީފާއިން ވަކިނުކޮށް ބަހައްޓާފައި ހުރީ އެހެންވެއެވެ.
ނަޒްދާއަކީ މުޖުތަބާގެ އަނބިމީހާއެވެ. ތިރީސް އަހަރުގެ ރީތި އަންހެނެކެވެ. އެ ކައިވެންޏަށް އަށް އަހަރު ވެއްޖެއެވެ. އެ މީހުންގެ ހަމަ އެކަނި ދަރިފުޅު އަޒާނަށް ހަ އަހަރު ފުރިއްޖެއެވެ. މުޖުތަބާޔާ ހިލާފަށް ނަޒްދާއަކީ ބޮޑު ހިތެއްގެ ވެރިއެކެވެ. ނުދަންނަ މީހުންނަށް ހިނިތުންވުމަކީ ނަޒްދާގެ ރީތި ސިފައެކެވެ. އެ ކަމުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރެއެވެ. ރަށުން އޯލެވެލު ހަދައިގެން މާލެއައިތަނާ މުޖުތަބާޔާ ދިމާވެގެން ކައިވެނިކުރީއެވެ. ކޮންމެ މީހަކު ވެސް މީހަކާ ކައިވެނިކުރާނީ ސަބަބެއް އޮވެގެންނެވެ. މުޖުތަބާޔާއި ނަޒްދާ ރައްޓެހިވި އިރު މުޖުތަބާ އުޅުނީ ފުލުހުންގެ ވަޒީފާގައެވެ. ޔުނީފޯމުގައި ތިބޭ ފިރިހެނުން ނަޒްދާއަށް ވަރަށް ރީއްޗެވެ. ފިރިހެންވަންތައެވެ. ލޯބިވެވުނީ އެހެންވެއެވެ. މުޖުތަބާއަކީ ކިހައި ރުޅިގަދަ މީހެއްކަން ނަޒްދާއަށް އެނގުނީ ކައިވެނިކުރިތާ އަހަރެއް ފަހުންނެވެ. އޭރު ބަނޑުގައި ދަރިއެއް އޮތެވެ.
މުޖުތަބާގެ ރުޅި ދެކެ ނަޒްދާ ވަރަށް ބިރުގަނެއެވެ. ކަމެއްވާ އިރަށް ބަލައިނުލައި މުޖުތަބާ ހަޅޭއްލަވައިގަންނާތީއެވެ. ގަޔަށް އަތްލައި އަނިޔާ ނުކުރިޔަސް، މުޖުތަބާގެ ފިސާރި އަޑެއް އޮވެއެވެ. ރުޅިއައިސްގެން ކައިރިވެލާ އިރު ހީވާނީ ދެންމެދެންމެ ޖަހާފާނެހެންނެވެ. ފުލުހުންގެ ވަޒީފާއިން މުޖުތަބާ ވަކިކުރުމުން، އޭނަ ދެކެ ލޯބިވި ސަބަބު ނަޒްދާއަށް ގެއްލުނެވެ. އެހެނަސް ދެން ނަޒްދާ ކެތްކުރިއެވެ. ކައިވެނީގެ ވާފަށް ކެނޑުނަނުދީ ހިފޭއްޓީ ދަރިފުޅު އަޒާންއެވެ. އަޒާން ދެކެ ނަޒްދާ ވި ލޯތްބެވެ. ބައްޕަގެ ލޯބިން ދަރިފުޅު މަހުރޫމުކުރަން ނަޒްދާއަށް ނުކެރުނީއެވެ. ނަޒްދާ އަބަދު ވެސް ހިތަށްއަރައެވެ. ދަރިފުޅަށް އަށާރަ އަހަރު ފުރޭ ދުވަހު ކައިވެނި ރޫޅާލާނަމެވެ. ރަށަށް ދާންޖެހުނަސް ވެހެވެ. އެހައި ތަނަށް، ގަދަކަމުން ލޯބިދީގެން ނަމަވެސް މުޖުތަބާޔާ އެއްކޮށް އުޅޭނީއެވެ.
ނަޒްދާ އުޅުނީ ނަޒްދާގެ ދިރިއުޅުމެއް ނޫނެވެ. މުޖުތަބާ ބޭނުންވާ ދިރިއުޅުމެވެ. ލަނީ މުޖުތަބާއަށް ރީތިވާ ހެދުމެވެ. ދަނީ މުޖުތަބާ ގެންދާ ތަންތަނަށް އެކަންޏެވެ. މުޖުތަބާ ބުނީމައި ނިދަނީއެވެ. ގޮވީމައި ހޭލަނީއެވެ. ނަޒްދާއަކީ މީރުކޮށް ކައްކާ، ގެވެހި އަންހެނެކެވެ. ދުވަހު މެނޫ ތައްޔާރުކުރާނީ ވެސް މުޖުތަބާއެވެ. ނަޒްދާ ހެނދުނު ކާން ބޭނުންވަނީ ރޮށްޓާއި ރިހައެވެ. މުޖުތަބާއަށް އެންމެ ކަމުދަނީ ޕާނާއި، ޖޭމާއި، ޗީޒެވެ. ބިސްގަނޑާއި ސޮސެޖެވެ. ނަޒްދާ ވެސް ކަނީ އެއެވެ. ކޫސް ވެސް ކިޔައިނުލައެވެ. އިސްތަށިގަނޑުގައި ޖައްސަނީ މުޖުތަބާ ބޭނުންވާ ކުލައެކެވެ. ފުނާއަޅަނީ މުޖުތަބާ ބޭނުންވާ ގޮތަށެވެ. ނަޒްދާ ބޭނުންވަނީ ބުރުގާއަޅާށެވެ. މުޖުތަބާގެ ހުއްދައެއް ނެތެވެ. މުޖުތަބާއަކީ ފަސް ވަގުތު ނާޅާ ނަމާދުކުރާ މީހެކެވެ. އެކަމަކު އަނބިމީހާ ބުރުގާއަޅަން ހުއްދައެއް ނުދިނެވެ. އެ ކަމާ ވިސްނާވިސްނާ ނަޒްދާ ވަރުބަލިވެއްޖެއެވެ. ނަޒްދާގެ މިނިވަންކަމަަކަށް މުޖުތަބާ ހުރަހެއްނާޅައެވެ. ދެ ތަނުގައި ވަޒީފާއަދާކުރިޔަސް ޝަކުވާއެއް ނުކުރެއެވެ. ފުރަތަމަ ތަނަށް ނަޒްދާ ދަނީ ދަރިފުޅު އިސްކޫލަށް ލާފައެވެ. ދެވަނަ ތަނަށް ދަނީ ދަރިފުޅު ޓިއުޝަނަށް ލާފައެވެ.
އިސްކޫލުގެ ކޮންސަޓަށް ތައްޔާރުވަމުންއައި ދުވަސްކޮޅެވެ. އަޒާން ގެންދަންޖެހެނީ ނަޒްދާ ދެވަނަ ވަޒީފާއަށް ދާންޖެހޭ ގަޑީގައެވެ. އެހެންކަމުން، އެ ދުވަސްކޮޅަށް ނަޒްދާ ޗުއްޓީނެގިއެވެ. އަޒާން ނިމެނީ ދޮޅު ގަޑިއިރު ފަހުންނެވެ. އެހައި ކުޑަ ވަގުތުކޮޅެއް ލިބޭތީ އަލުން ގެއަށްދިޔުން ނަޒްދާއަށް ވީ ތަކުލީފަކަށެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ނަޒްދާ ދަނީ، ކައިރީގައި ހުންނަ ޕާކަކަށެވެ. ގޮސް ގޮނޑިއެއްގައި އިށީނދެލައިގެން ފޯނާކުޅެން އިންނަނީއެވެ. އެއީ ވަރަށް އެކަނިވެރި ވަގުތުކޮޅެކެވެ. މޫމިނާއަށް އެ ކަން ފާހަގަކުރެވުނެވެ. އެންމެ ގާތް އެކުވެރިޔާ އެހައި އެކަނިކޮށްފައި ބައިންދަން ބޭނުންނުވާތީ، މޫމިނާ ވެސް އެ ގަޑީގައި ޕާކަށް އަންނަން ފެށިއެވެ. މޫމިނާ ހުންނަނީ ބުރުގާއަޅާފައެވެ. އެ މަންޒަރު ފެނުމުން ނަޒްދާގެ ހިތަށް ވަރަށް ތަދުވެއެވެ. ދޭތެރެއަކުން ނަޒްދާގެ ބުރުގާޔާ ކުޅެލައެވެ. ރީތިކޮށްލައެވެ.
"ދެން ނަޒްދާ ވެސް ބުރުގާއަޅާބަލަ!" އެއްދުވަހަކު މޫމިނާއަށް ބުނެވުނެވެ.
ނަޒްދާ ހިނިތުންވެލިއެވެ. ތުންފަތުން އެކަންޏެވެ. އެއީ ކީއްވެކަން މޫމިނާއަށް ވެސް އެނގެއެވެ. އެކަމަކު އެހެން ބުނެވުނީއެވެ. އެ ތަން ފޫބައްދަން ނަޒްދާ ގޮވައިގެން މޫމިނާ ދިޔައީ ކެފޭއަކަށެވެ. އެ ތަނުގައި ނަޒްދާއަށް މާ މީރު ކޭކެއް ހުރެއެވެ. އޭގެ ކޭކުފޮއްޗަކާއި، ކޮފީއެއް ގެނެސްގެން ކާން ހަމަ ފެށި ތަނާ ނަޒްދާއަށް މެސެޖެއް އައެވެ.
"ދަރި މާ އަވަހަށް ނިމުނީތަ؟" ތެޅިގެންފައި ދަބަސް ހުޅުވައިލަމުން ނަޒްދާ ބުންޏެވެ.
ނަޒްދާ ފޯނު ބަލައިލިއެވެ. ހައިރާންވެފައި ފޯނަށް ބަލަހައްޓައިގެން އިނެވެ.
"ކާކު؟" މޫމިނާ އެހިއެވެ.
"ނޭނގެ! ހައި ޔޯ!" ދަބަހަށް ފޯނުލަމުން ނަޒްދާ ބުންޏެވެ. "މެސެޖެއް ފޮނުވާ އިރު ނަންބަރު ޑަބަލްޗެކްކޮށްލިއްޔާ ކީއްތަވާނީ؟"
"ހިނގާބަލަ މި ފަހަރު ޗުއްޓީގަ ތި ރަށަށް ދަމާ!" މޫމިނާ ބުންޏެވެ. "ކުރީ ދުވަހު އިންސްޓާއިން އެއްކަލަ ތުނޑި ފެނުނީ. ހާދަ ސަޅިޔޭ! އަހަރެންގެ ފިރިސޮރު ބުނީ ކިހާ ކުރިޔަކުން އުޅުނިއްޔާހޯ ތަނެއް ލިބޭނީ؟ ހުރޭ ދޯ ގެސްޓުހައުސް؟"
މޫމިނާ ވާހަކަދެއްކި އިރު އަނެއްކާ ވެސް މެސެޖެއް އައި އަޑު ނަޒްދާއަށް އިވުނެވެ. ނަޒްދާ ފޯނު ނަގައިފައި ބަލައިލިއެވެ. އެ ފަހަރު ނަޒްދާ ދިޔައީ ސިއްސައިގެންނެވެ.
"ކިހިނެއްވީ؟" މޫމިނާ އެހިއެވެ.
"ތި ހެދުން ނަޒްދާޔާ ވަރަށް ގުޅޭ!" ނަޒްދާ މެސެޖު ކިޔައިލިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހ2022
26 September 2022
ގިނަ ދިވެހި ކަނބަލުންގެގޮތް ކުއްޖަކު ހުންނާތީއޭ ކިޔާފަ އެޅިހާ ބަތަކަށް ރިހަ..... ބޮއިހަލަކި
ޞަޅިވިއަސް
25 September 2022
ބިންމާ ވާހަކަ ފަށާނެ ވަރަށް ރީތިކޮށް. ޥަކި ހިސާބަކުން އެހެން މީހުނާ ހަވާލުކުރާތީ ފޫހި ވަނީ.
ވަރަށް
25 September 2022
ސަޅި