ފަވާދު ޚާން.
26 ސެޕްޓެމްބަރ 2022 - 06:38
ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުވި ފަވާދު ޚާންގެ ކުރިއަށް އޮތް ޕާކިސްތާން ފިލްމު، "ދަ ލެޖެންޑް އޮފް މޯލާ ޖެޓް" ގެ ރޯލަށް މީހާގެ ބަރުދަން އިތުރުކުރަން އުޅުމުގެ ތެރޭގައި ސިއްހީ މައްސަލަތަކެއް ދިމާވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނު ކަމަށް އޭނާ ބުނެފި އެވެ.
ޕާކިސްތާން މީހެއް ކަމަށްވާ ފަވާދު އެންމެ ފަހުން ބޮލީވުޑުން ފެނުނީ "އޭ ދިލްހޭ މުޝްކިލް" އިންނެވެ. "ކޫބްސޫރަތު" އާއި "ކަޕޫރް އެންޑް ސަން" އިން ވެސް ފެނިގެންދިޔަ ފަވާދު ބޮލީވުޑް ދޫކޮށްލަން ޖެހުނީ އިންޑިއާ-ޕާކިސްތާނުގެ ސިޔާސީ ހަމަނުޖެހުންގަނޑާ ހެދި އެވެ.
އޯލް އިންޑިއާ ސިނެ ވޯކާސް އެސޯސިއޭޝަނުން، އިންޑިއާގައި 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަސައްކަތްކުރުން އެއްކޮށް މަނާކުރުމުން އޭނާ ވަނީ ޕާކިސްތާނު ފިލްމުތަކާއި ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.
ބިލާލް ލަޝާރީ ޑައިރެކްޓްކޮށް އަންނަ މަހުގެ 13 ގައި ރިލީޒްކުރާ ޕާކިސްތާނުގެ އެކްޝަން ފިލްމު، "ދަ ލިޖެންޑް އޮފް މައުލާ ޖެޓް" ގައި ފަވާދު ފެންނާނީ "ފައިޓާ" އެއްގެ ރޯލުންނެވެ. އެ ރޯލަށް ހަށިގަނޑު ބިޔަކޮށްލުމަށް ބަރުދަން 100 ކިލޯއަށް ޖައްސާލި އެވެ. އެކަމަކު ހަށިގަނޑުގެ ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން ސިއްހީ މައްސަލަތަކެއް ދިމާވެ 10 ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނު ކަމަށް ފަވާދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބަރުދަން އިތުރުކުރަން އުޅުމަކީ އޭނާ ކުރި ރަނގަޅުކަމެއް ނޫނެވެ. އަދި އެކަހަލަ ރޯލެއް ދެން ނުވެސް ނަގާނެ ކަމަށާއި އެއީ ޕިޒިކަލް ޓްރާންސްފޮމޭޝަންގެ ޑާކް ސައިޑް ކަމަށް ބުނެ ފަވާދު ވަނީ އެކަހަލަ ރޯލެއް ނަގާއިރު ވަރަށް ވިސްނަންވާނެ ކަމަށް ބުނެފަ އެވެ.
ފަވާދު ބުނެފައިވާ ގޮތުގައި އޭނާ އެޑްމިޓްކުރީ ކިޑްނީގެ މައްސަލައެއްގަ އެވެ.
އެކަހަލަ ރޯލު ނެގުމަށް އޭނާ، ތަރިންނަށް ހިތްވަރު ނުދޭނެ ކަމަށް ވެސް ބުންޏެެވެ.
އެ ފިލްމަކީ ޕާކިސްތާނުގެ އެންމެ އަގު ބޮޑު އެއް ފިލްމު ކަމަށްވެ އެވެ. ފިލްމުގައި ފަވާދުގެ އިތުރުން ބޮލީވުޑްގައި ކުރިން މަސައްކަތްކުރި މާހިރާ ޚާނާއި ޕާކިސްތާނުގެ ތަރިން ކަމަށްވާ ހަމްޒާ އަލީ އާއި ހުމައިމާ މާލިކް އަދި ފާރިސް ޝާފީ ކަހަލަ ތަރިން ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy