އަޔޫޝްމަން ކުރާނާ.
29 ސެޕްޓެމްބަރ 2022 - 06:28
ބޮލީވުޑްގެ ކާމިޔާބު ތަރި، އަޔޫޝްމަން ކުރާނާގެ އެންމެ ފަހުގެ ދެ ފިލްމު ފްލޮޕްވުމުން، ފިލްމުތަކަށް އޭނާ ނަގަމުން އަންނަ ފީ ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮވިޑްގެ ކުރިން އަޔޫޝްމަން އައީ އޭނާ ކުޅޭ ކޮންމެ ފިލްމަކަށް 25 ކްރޯޑް ރުޕީސްގެ ފީއެއް (47 މިލިއަން ދިވެހި ރުފިޔާ) ނަގަމުންނެވެ. އެކަމަކު ކޮވިޑަށް ފަހު، ބޮލީވުޑްގައި ފިލްމުތަކަށް ލިބޭ ތަރުހީބަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑްގެ ކުރިން އަޔޫޝްމަން 25 ކްރޯޑް ރުޕީސްގެ ފީއެއް ނަގަމުން ދިޔަ ނަމަވެސް އެ އަދަދު 15 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ) އަށް މިހާރު ބަދަލުވެފައި ވަނީ އޭނާގެ އެންމެ ފަހުގެ ދެ ފިލްމު ކަމުގައިވާ "އަނޭކް" އާއި "ޗަންދީގަރް ކަރޭ އާޝިގީ" އަށް ތަރުހީބު ދަށްވެގެންނެވެ.
ޕްރޮޑިއުސަރުން ވަނީ ކުރިއަށް ހުރި ފިލްމުތަކަށް އެވަރުގެ ފީއެއް ނަގަން އެއްބަސްވެ، މިދަނޑިވަޅުގައި އެއްބާރުލުންދިނުމަށް ވެސް އެދިފަ އެވެ. އެހެންވެ، ކޮވިޑާ ގުޅިގެން ޕްރޮޑިއުސަރުންނަށް ވެސް ދަތިވި ކަމަށް ގަބޫލުކުރާތީ އެ ފީއަށް އޭނާ އެއްބަސްވެފައިވާ ކަމަށްވެ އެވެ.
އަބަދުވެސް އިޖުތިމާއީ މައްސަލަތަކަށް ފިލްމު ކުޅޭ، އަޔޫޝްމަންގެ ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އަނަންޔާ ޕާންޑޭއާ އެކު އޭނާ ކުޅޭ ފިލްމު، "ޑްރީމް ގާލް 2" ގަ އެވެ.
ޖެހިޖެހިގެން ދެ ފިލްމަށް ލިބުނު ތަރުހީބު ދަށްވެ މާކެޓުގައި އަޔޫޝްމަންގެ އަގު 15 ކްރޯޑް ރުޕީސްއަށް ދަށްވިއިރު ފީ ކުޑަކުރަން ޖެހުނު ހަމައެކަނި ތަރިއަކީ އޭނާއެއް ނޫނެވެ. ބޮލީވުޑްގެ އެންމެ ނަން ހިނގާ ތަރިންނަށް ވެސް ޖެހިފައި ވަނީ ހަމަ އެ ހާލެވެ.
އޭގެ ތެރެއިން އަކްޝޭ ކުމާރު ކުރިން ކޮންމެ ފިލްމަކަށް 144 ކްރޯޑް ރުޕީސް ނަގަމުން އައި ނަމަވެސް މިހާރު އޭނާގެ އަގު ވެސް 72 ކްރޯޑު ރުޕީސްއަށް ވަނީ ދަށްވެފަ އެވެ. އަދި ޓައިގާ ޝްރޮފާއި ޖޯން އަބްރަހަމާއި ޝާހިދު ކަޕޫރުގެ އިތުރުން ރާޖްކުމާރު ރާއޯ ކަހަލަ ތަރިން ވެސް ވަނީ އެމީހުން ނަގަމުން އައި ފީން ދެބައިކުޅަ އެއްބައި ކުޑަކުރަން މަޖުބޫރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަރޫޝާ
29 September 2022
ދެން އަންނަގަ މަށާ އެއްކޮށް ފިލުމު ކުޅެން