އާލިއާ ބަޓް.
03 އޮކްޓޯބަރ 2022 - 06:22
"ޓައިމްސް 100" އިވެންޓުގައި ބައިވެރިވާން ސިންގަޕޫރަށް ގޮސް ނަގާފައިވާ ލޯބި ފޮޓޯތަކެއް ބޮލީވުޑްގެ ތަރި، އާލިއާ ބަޓް ސަޕޯޓަރުންނާ ހިއްސާކޮށްފި އެވެ.
އިންސްޓަގްރާމުގައި އިއްޔެ އާންމުކުރި ފޮޓޯތަކުގައި ފެންނަނީ ބްރޯންޒް ކުލައިގެ ގައުނެއް ލައިގެން އޭނާގެ "ބޭބީ ބަމްޕް" ގައި ހިފަހައްޓާލައިގެން ނަގާފައިވާ ފޮޓޯއަކާއި އޭނާއަށް ލިބުނު އެވޯޑް ހިފައިގެން އުފަލުން ފޮޅިފައި ހުއްޓަ އެވެ. އެއީ އޭނާއަށް ލިބުނު "ޓައިމްސް 100" އިމްޕެކްޓް އެވޯޑެވެ.
އެ ފޮޓޯތަކުގައި އޭނާ ފެންނަނީ "ނޯ މޭކަޕް" ލުކެއްގަ އެވެ.
މިފަހުން "ގަންގޫބާއީ ކަތިއާވާޑީ" އާއި "ޑާލިން" އަދި "ބްރަހްމަސްތުރާ" އިން ފެނިފައިވާ ތަރި އާލިއާ ބަނޑު ބޮޑު ފޮޓޯއެއް އާންމުކުރިއިރު އޭޕްރީލް މަހު ރަންބީރު ކަޕޫރާ ކައިވެނިކުރިތާ މާގިނަ ދުވަހެއް ނުވެ އޭނާ ވަނީ ބަނޑުބޮޑުކަން އާންމުކޮށްފަ އެވެ. އޭގެ ފަހުން ވެސް ހުއްޓާ ނުލާ ފިލްމީ މަސައްކަތްތަކުގައި އޭނާ ހަރަކާތްތެރިވެ އުޅޭ މަންޒަރު ފެނެ އެވެ.
މިފަހުން އާލިއާ ވަނީ ބަނޑުބޮޑު މީހުންނަށް ހާއްސަ ހެދުން ބްރޭންޑެއް ވެސް ލޯންޗުކޮށްފަ އެވެ. އާލިއާ ބުނީ، ބަނޑުބޮޑުވުމުން ލާނެ ރަނގަޅު އެއްޗެއް ހޯދަން އުޅުމުން ހާސްކަން ގެނުވާ ކަމަށެވެ. އެހެންވެ އޭނާގެ ބްރޭންޑެއް ލޯންޗުކޮށް އެ ޑިޒައިންތައް ވެސް ދައްކާލި އެވެ.
އާލިއާގެ ކުރިއަށް އޮތް ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރެމް ކަހާނީ" އިން ރަންވީރު ސިންގް އާއި ދަރްމެންދަރު އަދި ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީއާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy