ޓައިގާ ޝްރޮފާއި އަކްޝޭ ކުމާރް.
04 އޮކްޓޯބަރ 2022 - 06:59
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފް އެކުގައި ކުޅޭ ފުރަތަމަ ފިލްމު، "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަކީ "ބަޑީ" ފިލްމެއް ކަމަށާއި ފިލްމު ވަރަށް ތަފާތުވާނެ ކަމަށް ބުނެފި އެވެ.
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް އެ ފިލްމުގެ ޓީޒާ އާންމުކޮށް، ފިލްމު ނެރެނީ އަންނަ އަހަރުގެ ޖެނުއަރީގައި ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނޭ އެ ފިލްމާ ގުޅޭ މާގިނަ މައުލޫމާތެއް އޭރަކު ނޭނގެ އެވެ.
އެކަމަކު ދެ ހީރޯ އިން ލީޑު ކުޅޭ އެ ފިލްމާ ބެހޭ ގޮތުން ޑައިރެކްޓަރު އަލީ ބުނީ، އެއީ އެކުވެރިކަމުގެ ގުޅުން ދައްކުވައިދޭނެ ފިލްމެއް ކަމަށާއި ފިލްމުގައި އެކްޝަން އާއި ކޮމެޑީ ވެސް ހިމެނޭނެ ކަމަށެވެ.
އެ ފިލްމަކީ 1998 ގައި އަމީތާބު ބައްޗަން އާއި ގޯވިންދާ ލީޑު ކުޅެފައިވާ ފިލްމު، "ބަޅޭ މިޔާ ޗޯޓޭ މިޔާ" އާ ގުޅުމެއް އޮތް ފިލްމެއް ނޫން ކަމަށް ވެސް އޭނާ ބުނެ އެވެ. އަލީ ނެރެން އުޅޭ ފިލްމަށް ވެސް އެއް ނަމެއް ކިޔާތީ ގިނަ ބަޔަކަށް ކުރިން ހީވެފައި އޮތީ އެ ފިލްމާ ގުޅޭ ބައެއް ނެރެން އުޅެނީ ކަމަށެވެ.
އަލީ ބުނެފައިވާ ގޮތުގައި މި ފިލްމު ތަފާތުވާ އެއް ސަބަބަކީ މި ފިލްމުގައި ދެ ހީރޯ އިން އެކަކު އަނެކަކާ ޖައްސާލައިގެން އުޅުމުގެ ބަދަލުގައި އުޅޭނީ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy