އަނަންޔާ އާއި އަދިތުޔާ.
21 އޮކްޓޯބަރ 2022 - 07:33
"އާޝިގީ 2" އިން ގިނަ ބައެއްގެ މެދުގައި މަގްބޫލުވި ތަރި، އަދިތުޔާ ރޯއީ ކަޕޫރާއި ޒުވާން ތަރި، އަނަންޔާ ޕާންޑޭ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް އެރިތާ ގާތްގަނޑަކަށް ތިން މަސް ފަހުން މި ތަރިން އެކުގައި ފޮޓޯއަކަށް ހުއްޓިއްޖެ އެވެ.
އަނަންޔާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންއާ އެވެ. ވަރަށް ލޯބިން އުޅުމަށް ފަހު ދެ މީހުން ކުއްލިއަކަށް ރުޅިވީ "ވައިބް ދިމާނުވާތީ"އޭ ކިޔައިފަ އެވެ.
އޭގެ މާގިނަ ދުވަސްތަކެއް ނުވެ އަޑުއެރީ އަނަންޔާ އުޅެނީ އަދިތުޔާއާ ރައްޓެހިވެގެން ކަމަށެވެ.
ބޮލީވުޑްގެ ތަރި، ކްރިތީ ސަނޮން އިންތިޒާމުުކުރި ޕާޓީއެއްގައި ކްރިތީ އާއި ނެހާ ދޫޕިއާ އެކުގައި ނަގާފައިވާ ސެލްފީއެއް އާންމުކުރިއިރު މި ސެލްފީއިން އެންމެންގެ ލޮލުގައި އަޅައިގަތީ ފޮޓޯގެ ފަހަރުން ކަނެއްގައި އަދިތުޔާ އާއި އަނަންޔާ ވާހަކަ ދައްކަން ތިބި މަންޒަރުންނެވެ.
އޭގެ އެއް ދުވަސް ފަހުން ޑިޒައިނަރު، މަނީޝް މަލްހޯތުރާ ބޭއްވި ޕާޓީއެއްގައި މި ދެތަރިން ވަނީ އެކުގައި ފޮޓޯއަކަށް ހުއްޓިފަ އެވެ.
އެކުގައި ޕާޓީއަށް ނުދިޔަ ނަމަވެސް ދެމީހުން ވަނީ ޕަޕަރާޒީންގެ ކުރިމައްޗަށް އެކުގައި ގޮސް ފޮޓޯއަކަށް ހުއްޓިފަ އެވެ. އެމީހުން ގޮސް ޕަޕަރާޒީންގެ ކުރިމައްޗަށް އެރުމުން އެމީހުންނާ ގުޅިގެން ސުވާލުތަކެއް ކުރިޔަސް އެއީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމެއް ވެސް މި ތަރިން ނުބުނެ އެވެ.
އަނަންޔާ އާއި އަދިތުޔާ ދިމާވީ ކަރަން ޖޯހަރަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޕާޓީންނެވެ. އެ ޕާޓީން ދިމާވެގެން އެކަކު އަނެކަކަށް ވަރަށް ގަދަޔަށް ވާހަކަ ދެއްކިއިރު އެތަނުން ވަރަށް ބޮޑަށް ގަޔާވީކަމަށްވެ އެވެ.
އުމުރުން 36 އަހަރުގެ އަދިތުޔާ އާއި 23 އަހަރުގެ އަނަންޔާގެ ޖޯޑު ނުގުޅޭ ކަމަށް ސަޕޯޓަރުން ބުނެ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy