ޖާންވީ އާއި އޭނާގެ ބައްޕަ.
24 އޮކްޓޯބަރ 2022 - 06:45
ނެޕޮޓިޒަމްގެ ބަހުސްއާ އެކު އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވާ އެއް "ސްޓާ ކިޑް" އަކީ ޒުވާން ތަރި، ޖާންވީ ކަޕޫރެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވުމާ އެކު ބައްޕައަކީ ޕްރޮޑިއުސަރަކަށްވާތީ އާއި މިހާތަނަށް ޖާންވީ ފެނިފައިވާ ފިލްމުތަކުގެ ސަބަބުން، ގިނަ ބަޔަކު އޭނާއަށް ދިމާކުރަނީ ނުފޫޒާއި ބާރުން ރޯލުތައް ހޯދަނީ ކަމަށް ބުނެ އެވެ.
އެހެންވެ، ފާޑުކިޔުންތަކަށް ޖާންވީ ރައްދުދިނީ ސިދާތު ކަނަންއަށް ދިން އިންޓަވިއުއެއްގަ އެވެ. ޖާންވީ ބުނި ގޮތުގައި އޭނާއަށް ފިލްމުތައް ލިބެނީ އޭނާގެ ގައިގައި ކޮންމެވެސް ވަރެއްގެ ހުނަރެއް ހުރި ކަމަށް ޕްރޮޑިއުސަރުންނަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ޖާންވީ ބުނީ އޭނާއަށް ފިލްމު އިންޑަސްޓްރީއަށް ނިކުންނަން ލިބުން ފިލްމު "ދަޅަކް" އަކީ ސްރީދޭވީ އާއި ބޮނީ ކަޕޫރުގެ ދަރިއަށް ވުމުން ލިބުނު ފުރުސަތަކަށް ވެދާނެ ކަމަށެވެ. އެކަަމަކު އިތުރު ފިލްމުތައް ލިބެމުންދަނީ އޭނާގެ ގައިގައި ފިލްމު ކުޅުމުގެ ހުނަރު ހުރުމުން ކަމަށް ދެކޭ ކަމަށް ބުންޏެވެ.
ޖާންވީ ބުނީ އޭނާއަށް އިތުރު ފިލްމުތައް ލިބެމުން އަންނައިރު ދެން އުފެދޭނެ ސުވާލަކީ އޭނާ ޕްރޮޑިއުސަރުންނަށް ފައިސާ ދެނީތޯ އުފެދޭ ސުވާލު ކަމަށެވެ. އެކަމަކު ފިލްމުގައި މަސައްކަތްކުރުމަށް މީހުންނަށް ފައިސާ ނުދޭ ކަމަށާއި އޭނާ އާއި އޭނާގެ ބައްޕައަކީ ވެސް އެކަން ކުރާނެ ތަނަވަސްކަން ހުރި ބައެއް ނޫން ކަމަށް ބުންޏެވެ.
ޖާންވީ ބުނި ގޮތުގައި އޭނާގެ ހުނަރު ފެނިއްޖެ އެވެ. އަދި އެއްވެސް މީހަކީ ސްޓާ ކިޑެއް ލޯންޗުކުރުމަށް ފަހު، ފައިސާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާނެ ވަރުގެ ހިތްތިރި މީހެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ޖާންވީގެ "ދަޅަކް" އާ އެކު އޭނާއަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ. އެކަމަކު އޭގެ ފަހުން ނިކުތް ކޮންމެ ފިލްމަކާ އެކު ވެސް އޭނާގެ އެކްޓިން ރަނގަޅުކުރަމުންދާ ކަމަށް ބުނެ ޖާންވީއަށް ސަޕޯޓަރުން ދަނީ ތައުރީފްކުރަމުންނެވެ.
އެންމެ ފަހުން ޖާންވީ ފެނިފައި ވަނީ "ގުޑްލަކް ޖެރީ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ސަވައިވަލް ތުރިލާއެއް ކަމަށްވާ، "މިލީ" އެވެ. އަދި ރާޖްކުމާރު ރާއޯއާ އެކު "މިސްޓާ އެންޑް މިސިސް މާހީ" އާއި "ބަވާލް" އިން ވެސް ޖާންވީ ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy