"މަލިކާ" މާޗް 2 ގައި ރިލީޒް ކުރަނީ

ފިލްމުގެ ޓިކެޓް އަންނަ މަހުގެ ތެރޭގައި ވިއްކަން ފަށާނެ ކަމަށް "މަލިކާ" ގެ ޓީމުން ބުނޭ.

އީއެސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލްމް "މަލިކާ" އަންނަ މާޗް މަހުގެ ދެ ވަނަ ދުވަހު ޕްރިމިއާ ކުރާ ގޮތަށް ނިންމައި، ފިލްމުގެ ފުރަތަމަ ޓްރެއިލާ އާއި ޕޯސްޓަރު ރޭ ދައްކާލައިފި އެވެ.


ސީކްރެކްޓް ރެސިޕީގައި ރޭ ބޭއްވި ހަފްލާގައި "މަލިކާ"ގެ ޓީމުން ބުނީ ފިލްމުގެ ޓިކެޓް އަންނަ މަހުގެ ތެރޭގައި ވިއްކަން ފަށާނެ ކަމަށެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "މަލިކާ" އިން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝަކީލާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ނީނާ ސަލީމް އަދި އިސްމާއިލް ޒާހިރު ހިމެނެ އެވެ.

"މަލިކާ" އިން ފިލްމީ ދާއިރާ އަށް ބަތަލާއަކު ތައާރަފުވެގެން ދާނެ އެވެ. އެއީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

ލ. އަތޮޅުގައި ވެސް މަންޒަރުތަކެއް ނަގާފައިވާ "މަލިކާ" އަކީ ސެމީ ވަރަށް ގިނަ ދުވަހު ޑައިރެކްޝަނާ ދުރުގައި ހުރުމަށް ފަހު، ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އޭނާ ކުރިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "އެ ތޫފާނީ ރޭ"، "އުމުރަށް"، "ލޭކޮކާ" އަދި "ހިތް ހެޔޮކުރާތި" ހިމެނެ އެވެ.

ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" ކެމެރާކޮށްފައި ވަނީ މޫމީން ފުއާދެވެ. ފިލްްމް އެޑިޓްކޮށްފައި ވަނީ އަހުމަދު އާސިމެވެ. އަދި ބެކްގްރައުންޑް ސްކޯ ހަދާފައި ވަނީ މުހައްމަދު ފުއާދެވެ.