އިންޑިއާގެ ފިލްމު މޭކާ، އަދި އެކްޓްރެސް ކަންގަނާ ރަނާޓް
24 ޖެނުއަރީ 2023 - 07:02
އިންޑިއާގެ މަޝްހޫރު އެކްޓްރެސް އަދި ފިލްމް މޭކާ ކަންގަނާ ރަނާޓްގެ އާ ފިލްމު "އިމަޖެންސީ" ގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދަން އޭނާގެ ހުރިހާ މުދަލެއް ރަހުނުކުރަން ޖެހުނު ކަމަށް އޭނާ ބުނެފި އެވެ.
ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ކުރި އިންސްޓަގްރާމު ޕޯސްޓެއްގައި ކަންގަނާ ބުނީ އެއީ އޭނާގެ ހަޔާތުގައި ވަރަށް ފަހުރުވެރި މަރުހަލާއެއްގެ ނިމުން ކަމަށެވެ.
ފެންނަ ފެނުމަށް ވަރަށް ފަސޭހައިން މަސައްކަތް ނިންމާލިހެން ހީވިޔަސް، އަސްލު ހަގީގަތް ވަރަށް ތަފާތު ކަމަށް، އެ ފިލްމުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅުނު ކަންގަނާ ބުންޏެވެ.
ކަންގަނާގެ ފިލްމު "އިމަޖެންސީ" ގައި އޭނާ ކުޅޭ، އިންދިރާ ގާންދީގެ ރޯލުގައި ހުރި ފޮޓޯއެއް
"އަހަރެންގެ ގެތަކާއި، ނަމުގައި ހުރި ހުރިހާ މުދަލެއް ރަހުނު ކުރުމުން ފެށިގެން، ފިލްމު ޝޫޓްކުރުމުގެ ފުރަތަމަ ޝެޑިއުލްގައި ޑެންގޫ ހުން ޖެހި، އަދި ލޭގެ ސެލް ކައުންޓް ދަށްވެފައި ހުރެ ވެސް، ޝޫޓިން ކުރިއަށް ގެންދިޔަ މި ފިލްމުގެ މަސައްކަތުން، އަހަރެންގެ ކެރެކްޓާ ވަނީ ވަރަށް ބޮޑަށް އިމްތިހާން ކުރެވިފައި،" ކަންގަނާ، އިންދިރާ ގާންދީގެ ކޮސްޓިއުމްގައި ހުރި ފޮޓޯއަކާ އެކު އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނީ އެ ދުވަސްވަރު ސޯޝަލް މީޑިއާގައި އެ ވާހަކަ ނުދެއްކީ އޭނައަށް އަޅާލައި، ގާތް މީހުންނަށް ބޭކާރު ކަންކަމާ ވިސްނަން ޖެހުނަ ނުދޭން ކަމަށާއި އޭނާއަށް ދެރަގޮތް ވުމަށް އެދޭ މީހުންނަށް އެކަމުގެ ފޮނިކަން ނުދޭން ކަމަށެވެ.
އިންދިރާ ގާންދީ (ވ) އަދި ކަންގަނާ (ކ) "އިމަޖެންސީ" ފިލްމުގައި
އޭނާގެ ޕޯސްޓުގައި ވަނީ ކަމެއް ހާސިލްކުރަން ބޭނުން ނަމަ، އެކަން ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
"އިމަޖެންސީ" ޑައިރެކްޓުކޮށް ޕްރޮޑިއުސްކުރި ކަންގަނާ އޭނާގެ ފިލްމު އިއުލާނު ކުރީ 2021 ވަނަ އަހަރު އެވެ. އެ ފިލްމު ލިޔެފައިވަނީ ކަންގަނާގެ އެންމެ ފަހުން ނެރުނު ފިލްމު، "ދާކަޑް" ވެސް ލިޔުނު ރިޓޭޝް ޝާހެވެ.
އެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި މިހާރު މިވަނީ އެ މަސައްކަތް ނިންމާ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން ފަށަން ތައްޔާރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy