ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް "ގަދަރް" ގެ ފުރަތަމަ ބައިގާ
30 ޖެނުއަރީ 2023 - 07:16
މީގެ 22 އަހަރު ކުރިން ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލި، ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލްގެ ފިލްމު "ގަދަރް" ގެ ދެވަނަ ބައި އަންނަ އޮގަސްޓު މަހު އަޅުވަން ނިންމައިފި އެވެ.
"ގަދަރް 2" ގެ ނަންދީފައިވާ އެ ފިލްމުގެ ޕޯސްޓަރެއް މިދިޔަ ބުރާސްފަތި ދުވަހު ސަނީގެ އިންސްޓަގްރާމުގައި ޕޯސްޓް ކުރަމުން ބުނީ ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެ ޕޯސްޓަރުގައި ފެންނަނީ ޓާރާ ސިންހްގެ ރޯލުން ފެންނަ ސަނީ، މަރުތޭލެއް ހިފަހައްޓައިގެން ހުއްޓަ އެވެ..
"ގަދަރް: އޭކް ޕްރެމް ކަތާ" ގެ މަންޒަރެއް
ސަނީއާ އެކު އަމީޝާ ޕަޓޭލް އުޅޭ، 2001 ވަނަ އަހަރުގެ "ގަދަރް: އޭކް ޕްރެމް ކަތާ" ފިލްމު ނިކުތް ދުވަސް ވަރު ވަނީ ބޮލީވުޑްގައި ވަރަށް ގަދަޔަށް ހިނގައިފަ އެވެ. އޭރު އެ ފިލްމު ވަނީ އާމިރް ހާން އޮސްކާ އަށް ނޮމިނޭޓްވި ފިލްމު "ލަގާން" އާ ވެސް ކުރިމަތިލައިފަ އެވެ.
"ގަދަރް: އެކް ޕްރެމް ކަތާ" އަކީ ސަނީގެ ހަޔާތުގައި މުހިންމު ދައުރެއް، އަމިއްލަ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ވެސް އަދާކުރި ފިލްމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
"ގަދަރްގެ ޓާރާ ސިންހަކީ ހަމައެކަނި ފިލްމުގެ ޕްރޮޓަގްނިސްޓް އެކަންޏެއް ނޫން، އޭނާ ވަނީ އާއިލާ އާއި ލޯތްބަށްޓަކައި ހުރިހާ ހައްދުތަކެއް ހުރަސްކުރި 'ކަލްޓް އައިކަން' އަކަށް ވެފައި. ބާވީސް އަހަރަށް ފަހު މި ޓީމާ އެކު މަސައްކަތްކުރަން ލިބުމަކީ އުފެއްދުންތެރިކަން އިތުރުވި ތަޖުރިބާއެއް،" ސަނީ ބުންޏެވެ.
އަނިލް ޝަރްމާ ޑައިރެކްޓްކޮށް، ޒީ ސްޓޫޑިއޯސް އިން އުފައްދާ "ގަދަރް 2" ގެ ލީޑު ރޯލުން ފެންނާނީ ސަނީ އާއި އަމީޝާގެ އިތުރުން އުތްކާޝް ޝަރްމާ އެެވެ.
ފިލްމުގެ ޑައިރެކްޓަރު އަނިލް ބުނީ "ގަދަރް" ގެ ފުރަތަމަ ބަޔަކީ އެއީ އޭނާގެ ފިލްމެއް ނޫން ކަމަށާއި، އެއީ އެންމެންގެ ވެސް ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު ވަނީ އޭރު ބޮލީވުޑްގެ ގޮތްގަނޑު ބަދަލުކޮށްލާފައި ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދާނޯމޮސް
31 January 2023
ގަދަރު ގައި ސަނީ އަރަބިބަހުން މުސްލިމުންގެ ޙުރުމަތް ގެއްލޭ ބަސްތަކެއް ބޭނުންކޮށްފަވެއެވެ. އެއީ ޕާކިސްތާނުގެ މުސްލިމުންނަށް ދޭހަވާގޮތަށެވެ. މީ މުސްލިމުން ބޮއިކޮޓް ކުރާވަރުގެ ފިލްމެކެވެ.