04 އެޕްރީލް 2023 - 07:11
ނިރާޝާ އަށް ހޭލެވުނެވެ. އަދި މަޑުމަޑުން ވަށައިގެން ބަލައިލިއެވެ. ކައިރީގައި ހުރި މެޝިންތަކާއި މޭޒުމަތީގައި ހުރި ބޭސްތައް ފެނުމުން އޭނާއަށް މި އޮވެވުނީ ހޮސްޕިޓަލެއްގައިކަން ޔަގީންވިއެވެ. އެހެނަސް، އޭނާގެ ކުރިމަތީގައި، އެނދުގެ ފައިލާކޮޅުގައި، އޭނާއާ ދިމާއަށް ބަލަން މިތިބީ ކޮންބައެއް ހެއްޔެވެ؟ އެއީ ނުދަންނަ، ބީރައްޓެހި ބައެކެވެ. އެއީ ކަންބޮޑުވުމާއި އުފާ، އެކުއެކީ ސިފަކޮށްދެމުން ދިޔަ މޫނުތަކެކެވެ.
"ތިއީ ކޮންބައެއް އަހަރެން މިތަނަށް އައީ ކިހިނެއް؟ އަހަންނަށް މިވަނީ ކީއް؟" ނިރާޝާ ސުވާލު ކުރަމުން ދިޔައެވެ.
"އަހަންނަކީ ނިރާޝާގެ ޑޮކްޓަރު، ނިރާޝާ ތި އޮތީ އަހަރެންގެ ބެލުމުގެ ދަށުގައި އައިޖީއެމް ހޮސްޕިޓަލުގައި. ނިރާޝާގެ އެކްސިޑެންޓުގެ ހާދިސާ ހިނގާފައި ވަނީ، މީގެ ދެ ހަފުތާ ކުރިން. އޭރުއްސުރެ ނިރާޝާ ތިއޮތީ މި އައިސީޔޫގައި، ސެމީ ކޯމާއެއްގައި. މިތިބީ ނިރާޝާގެ އާއިލާ." އޭނާގެ ސުވާލުތައް މަޑުޖެހުމުން ޑޮކްޓަރު ޖަވާބު ދިނެވެ.
ނިރާޝާ އާއި އޭނާގެ އާއިލާ އަށް ވަގުތުކޮޅެއް ދިނުމަށްޓަކައި ޑޮކްޓަރު ކުޑަތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޑޮކްޓަރުގެ ފަހަތުން އެތާނގައި ހުރި ޒުވާން އުމުރެއްގެ ފިރިހެނެއް ވެސް ހިނގައިގަތެވެ.
"ނިރާޝާއަށް ވީ ކިހިނަކުންތޯ؟" ނިރާޝާ ދެކެ ކަންބޮޑުވާ ކޮންމެ މީހެއް ވެސް ކުރާނެ ފަދައިން މި ޒުވާނާއަށް ވެސް ފުރަތަމަ ކުރެވުނީ މި ސުވާލެވެ.
"އޭނާގެ ސިކުނޑި އަށް ލިބުނު އަނިޔާއިން ހަނދާންތައް ދިޔައީ." ޑޮކްޓަރު ބުންޏެވެ. އެ ޒުވާނާ އަށް ލިބުނީ އޭނާ ހީނުކުރާ ފަދަ ޖަވާބެކެވެ. ނިރާޝާގެ ވާހަކަތަކުން އެއަށް އިޝާރާތް ކުރި ޖަވާބެކެވެ. ނިރާޝާގެ ހަނދާން އެއްކޮށް ގެއްލުނު ޚަބަރެވެ. އަބަދަށް ޓަކައެވެ.
"އެ ހަނދާންތައް ގެނައުމަށް މަސައްކަތްކުރުން އަދި ރަނގަޅެއް ނޫން." ހަނދާންތައް ތާޒާކޮށްދޭން މަސައްކަތް ނުކުރުމަށް ޑޮކްޓަރު ލަފާދިނެވެ.
ޑޮކްޓަރު ބުނާގޮތުގައި މިއީ ނިރާޝާގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ނުރައްކާތެރި ކަމެކެވެ. ނިރާޝާގެ ފުރާނައާއި ކުޅެން އޭނާ ބޭނުން ނުވާނެކަން ކަށަވަރެވެ.
"އަހަރެންނަކީ ދަރިފުޅުގެ މަންމަ، މިއީ ދަރިފުޅުގެ ބައްޕަ، އަދި އެއީ ދަރިފުޅުގެ ދައްތަ ޔުމްނާ." އޭނާގެ މައިންބަފައިން ކިޔަމުންދިޔަ އެއްޗަކަށް ނިރާޝާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ސަމާލުކަން އެހެން ވިސްނުމެއްގެ މައްޗަށް ހުއްޓިފައި ހުރުމުންނެވެ.
"އަހަންނަށްވީ ކީއްބާ؟ އަހަރެން މިތަނަށް އައީ ކިހިނަކުންބާ؟" މި ސުވާލުތައް ނިރާޝާގެ ހިތުގައި ވަނީ ހަރުލައިފައެވެ. މި ހިޔާލުން އޭނާ ކުޑަކޮށް ވެސް ދުރުވެލީ އެ ކޮޓަރިއަށް އެހެން މީހަކު ވަންތަން ފެނުމުންނެވެ. އެއީ އޭނާއަށް ހޭލެވުނު އިރު ގާތުގައި ހުރި ޒުވާނާއެވެ.
"ކާކު؟" ނިރާޝާ އެހިއެވެ.
"އަހަރެންގެ ނަމަކީ އިޔާދު.'' ސުވާލުމާކުން ފުރިފައިވާ ނިރާޝާއަށް އޭނާ ބުންޏެވެ.
"ނިރާޝާ އެކްސިޑެންޓްވީ މަގު ހުރަސް ކުރަން އުޅެނިކޮށް، ބާރުމިނުގައި ދުއްވަމުން ދިޔަ ކާރެއްގައި ޖެހިފައި. އަހަރެންނަށް ހުރެވުނީ މި ހާދިސާ ހިނގި ހިސާބުގަނޑުގައި. އެހެންކަމުން، ވީހައި ވެސް އަވަހަށް ނިރާޝާ ހޮސްޕިޓަލަށް ގެނައީ." އިޔާދުގެ ބަސްތައް އަހާފައި ނިރާޝާ ހިނިތުން ވެލިއެވެ.
"އިންސާނިއްޔަތަށް ޓަކައި ނުދަންނަ މީހެއްގެ އެހީވުން އެއީ، މި ޒަމާނުގައި، އަޖައިބެއް ފަދަ ކަމެއް. މި ޒަމާނުގެ މި މުޖުތަމައުގެ ގޮތްގަނޑުގެ، ހަމަތަކުގެ ބޭރުން، މިއަދު މި މީހަކު މި ވަނީ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދީފައި." ނިރާޝާ އަނގައަށް މަލާމާތުގެ ވައްތަރެއް ޖައްސާލަމުން ބުންޏެވެ. އޭނާއަކީ ވިސްނުން ތޫނު މޮޅު ކުއްޖެކެވެ.
"އެއީ އަހަރެންގެ ވާޖިބެއް." އިޔާދު ހިނިތުންވެލިއެވެ.
"މުޅި ހަޔާތުގައި ވެސް އަދާ ނުކުރެވޭ ފަދަ ދަރަންޏެއް އަދާކުރީތީ ޝުކުރިއްޔާ. މިއަދު އަހަރެންގެ ފުރާނައަކީ އިޔާދު ދީފައިވާ ހަދިޔާއެއް." ހިން ދިރުވާލަމުން އަނެއްކާ ވެސް ނިރާޝާ ބުންޏެވެ.
އޭގެ އަހަރެއްހައި ދުވަސް ފަހެވެ. ނިރާޝާގެ ގެއްލުނު ހަނދާންތައް ކުޑަކޮށް ވެސް ވިސްނުމަކަށް ނާދެއެވެ. ނަމަވެސް، އޭނާގެ އާއިލާއޭ ބުނަމުން ދިޔަ މީހުން އެއީ އާއިލާ ކަމުގައި ބަލައިގެން އޭނާ އުޅުނެވެ. ހިތްހަމަޖެހިގެންނެވެ. އޭނާގެ ހިތްހަމަޖެހުމުގެ މައިގަނޑު އެއް ސަބަބަށް ވެގެންދިޔައީ އޭނާގެ ދައްތަ ޔުމްނާ އަށް ލިބިފައިވާ ހަތަރު އަހަރުގެ ދަރިފުޅު އިންޝާއެވެ.
"އިންޝާގެ އެ ރީތި ހިނިތުންވުން ފެނިފައި އޭނާ ދެކެ ލޯބިނުވެވޭނީ ފަހެ ކާކަށް؟" ޕާކެއްގެ ބެންޗެއްގައި ތިބެގެން ނިރާޝާ އާއި ޔުމްނާ ވާހަކަ ދައްކަމުން ދިޔައެވެ.
"މިހާރު ވެސް ބަލާބަލަ، އޭނާގެ މޫނުމަތިން އެ ފެންނަމުންދާ ހިނިތުންވުމަށް ބަލާލަބަލަ! އިޔާދު އެއީ އޭނައާ އެއްވެސް ގުޅުމެއް ނެތް މީހަކަސް، އިޔާދުއާ އެކީ ޖެހިލުމެއްނެތި ކުޅެން އުޅޭމަންޒަރު ބަލާލަބަލަ،" ނިރާޝާ ދައްކަމުންދިޔަ ވާހަކަ އިންޝާއިން އިޔާދުއަށް ބަދަލުވެގެން ދިޔައިރު ޚުދް އޭނާއަށް ވެސް ނޭނގުނެވެ.
"އާނ. ނިރާޝާ ބުންޏަސް ތިއީ ތެދެއް. އިޔާދުގާތުގައި އުޅޭއިރު އިންޝާގެ މޫނުމަތިން ފެންނަނީ މުޅިން ތަފާތު ހިނިތުންވުމެއް. އިޔާދުގެ ޖާދޫގައި ޖެހިފައި ވަނީ އިންޝާ އެކަންޏެއް ނޫން. އަހަރުމެންގެ މުޅި އާއިލާ. އިޔާދު އައުމުން މުޅިއާއިލާ މަލެއްހެން ފޮޅި، ފަރިވެލައިފި. އަހަރުމެން އެންމެންނަށް ހިނިތުންވުމުގެ އިތުރު ސަބަބެއް ލިބުނު ފަދަ. ދިރިއުޅުމުގެ އިތުރު ސަބަބެއް ލިބުނު ފަދަ. ހާއްސަކޮށް ނިރާޝާއަށް. އޭނާ ފެނުމުން ނިރާޝާ ތިޔަވާ އުފަލެއް. ނިރާޝާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދޭ. އަބަދުހެން އުޅެނީ ދެ މީހުން އެކުގައި. ވަކިން ފެންނަ ވަގުތެއް މަދުވާނެ. އެކަމަކު އަދިވެސް ބުނާނީ އުޅެނީ ރައްޓެހިވެގެނެއް ނޫނޭ." ޔުމްނާ ބުންޏެވެ.
"ތި ވާހަކަ ބާއްވަމާ. އެކްސިޑެންޓަށް ފަހު އަހަރެން ދުނިޔެއާ މެދު ވިސްނާގޮތް ބަދަލުވެއްޖެ. މީހަކު ހަމަ ކޮންމެ އިރަކު ވެސް މަރުވެދާނެ. އަހަރެން ބޭނުންވި ކޯސް ސިންގަޕޫރުން ހަމަޖެހިއްޖެ." ނިރާޝާ ހިނިތުން ވެލިއެވެ.
ފުރަން ދިއުމުގެ ކުރީން އޭނާ އިޔާދުއާ އެކު ހޭދަކުރާ ވަގުތު އިތުރު ކުރިއެވެ. އިޔާދަށް މި ވަގުތުތަކުގައި ނިރާޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު އިހުސާސްތަކަކާއި މަންޒަރުތަކެކެވެ. ތަރިތަކުގެ ރިހި ބެބުޅުން ފަދަ ދެލޮލެވެ. ކޮކާލެއްގެ ކުލަރީތި ފިޔަތައް ފަދަ ކޯތާފަތެވެ. ފިނިމެންމަލެއްގެ ފިޔައެއް ފަދަ ދެ ތުންފަތެވެ. ނިރާޝާގެ މޫނުމަތިން ދައްކުވައި ދެމުންދިޔަ ހިނިތުންވުން އަޖައިބެއް ފަދަ އެވެ. އެ ހިނިތުންވުން ފެނުމުން އިޔާދުގެ ހިތަށް ފިނިކަމެއް ގެނެސްދެއެވެ.
"މި ހިނިތުންވުން ބަލަން އަހަރެންގެ މުޅި ހަޔާތް ވެސް ވޭތުކުރެވިދާނެ." އިޔާދު މިހެން ނުބުނާ އެންމެ ދުވަހެއް ވެސް ނުދެއެވެ.
"އަހަރެންގެ ހަނދާންތައް އަންނަންދެން ދޯ." ނިރާޝާ ބުނެލިއެވެ. އޭނާ މި ބުނި ބަހުގެ މާނަ އިޔާދަކަށް ނޭނގުނެވެ. ނިރާޝާ އެހެން ބުނީ ދެރަވެގެން ކަމަށް އިޔާދު ނިންމިއެވެ.
ނިރާޝާ ފުރައިފި އެވެ. އޭނާގެ ކިޔެވުމުގެ އެންމެހާ ކަމެއްގައި އުޅެންޖެހޭތީ އިޔާދަށް ފޯނުކޮށް ހެދެނީ ވަރަށް މަދުންނެވެ. އިޔާދު މިކަމާ ކަންބޮޑުވެގެން އުޅޭކަން ނިރާޝާގެ މުޅި އާއިލާއަށް ވެސް އެނގެއެވެ. ނިރާޝާ ދިޔަ ފަހުން އޭނާއަށް ދުނިޔެވީ ފޫހި ތަނަކަށެވެ. ގިނަ ވަގުތު އޮންނަނީ ކޮޓަރީގައެވެ. އޭނާ އެންމެ ލޯބިވާ ބޭބެ މިކަމާ ކަންބޮޑުވެގެން އޭނާ ދުބާއީއަށް ދާން ނަސޭހަތްތެރިވިއެވެ. ދުވަސްކޮޅަކު ވިޔަފާރީގެ ތެރޭގައި އުޅެނިކޮށް ހުރިހާ ކަމެއް ހަނދާން ނެތިދާނެ ކަމުގައި ނަސޭހަތްތެރިވިއެވެ.
"ދެން އިތުރަށް ހެޔޮ އެދޭނެކަމެއް ނެތް." އިޔާދު ރުޅި އައިސްގެން ނިކުތީ އެވެ.
ފުލުހުން އިޔާދު ހައްޔަރުކުރީ އެ ވަގުތެވެ. އޭނާޔާ ދެކޮޅަށް ހުރި ހެކިތައް ފުލުހުން ދައްކަމުން ދިޔައެވެ. ރާއްޖޭގެ ސޯޝަލް މީޑިޔާގައި މަޝްހޫރު ކުއްޖެއް ކަމުގައިވާ ނަޒީމު މަރާލުމުގައި އިޔާދުގެ އަތެއް ވާތީ އެވެ. ނިރާޝާ އެކްސިޑެންޓް ކޮށްލާ މަރާލަން އުޅުނީތީ އެވެ.
"ތިކަމުން އަހަރެން ބަރީއަ ވަން. ތި މައްސަލަ ހުށައެޅީ ކާކު.؟ އިޔާދަށް ކޮށްލެވުނީ ސުވާލެކެވެ.
"ޒުވާނާގެ މަރުގައި، ބަންދު ކުރެވިފައިވާ މި މައްސަލަ އަލުން ހުށައަޅާފައި ވަނީ ނިރާޝާ. މީގެ އިތުރުން ނިރާޝާ އެކްސިޑެންޓް ކޮށްލުމުގެ ދައުވާ ވެސް އޭނާ ކުރޭ." ފުލުހުން ބުންޏެވެ.
މައްސަލައިގެ ހުރިހާ ހެކިތަކެއް ހޯދައި، ހުށަހަޅާފައި ވަނީ އޭނާ އެންމެ ލޯބިވާ ނިރާޝާއެވެ. މައްސަލައިގައި އޭނާގެ ދިފާޢުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްވަރަށް ނިރާޝާ ވަނީ މައްސަލަ ތައްޔާރުކޮށް ހުށަހަޅައިފައެވެ.
"އަހަރެން ފުރާނަ ސަލާމަތް ކޮށްދިނީތީ އިޔާދަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ދެވޭނެ ހަދިޔާއެއްގެ ގޮތުގައި އިޔާދު ކުށްވެރިއަކަށް ހަދައިފިން. އިޔާދުއަށް އަހަރެން މި ވާހަކަތައް ސިއްރު ކުރިން. އަހަރެން ހަނދާނުގައި ހުރިހާ އެއްޗެއް އެބަހުރި. ފުރަތަމަ ދުވަހު ވެސް އަހަރެން ހަނދާން ނެތުނީ ކަމަށް އެކްޓު ކުރީ އިޔާދުމެންގެ ނުރައްކާތައް އެނގޭތީ. އަދި އަހަރެންގެ މި ވާހަކަތައް އަޑުއަހާފައި އިޔާދުގެ ހިތް ކުދިކުދިވެގެން ދާނެކަން އެނގޭތީ އަހަރެންނާ މެދު ކަންތައް ކުރިގޮތަށް ކޮށްލަން ބޭނުންވީ. އިޔާދުގެ ބޭބެ ކުރި ކުށަށް އަދަބުދޭން ނުކެރިގެން އަހަރެން މަރާލުމަށްޓަކައި ބޭބެ އިޔާދު ބޭނުން ކުރީ." ނިރާޝާ އޭނާގެ މޫނުމަތިން ކަރުނަތައް ފޮހެލިއެވެ. އަދި ހިތްވަރު ކޮށްލާފައި ބުންޏެވެ.
"ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޭބެ ބަންދު ނުކުރެވިއްޖެނަމަ އަހަރެންގެ އަތުގައި ހުރި ހުރިހާ ހެއްކެއް މީޑިޔާއަށް ފަތުރާލާނަން." ނިރާޝާ ހިތުގައި ވަނީ ނަފުރަތެވެ.
"ނިރާ... ނިރާއަށް އެނގެއެއްނު އަހަރެންގެ ކުށެއް ނެތްކަން. ނިރާގެ އެކްސިޑެންޓަށް ފަހު ބޭބެ އެ ވާހަކަ ބުނީ ވެސް." އިޔާދުގެ އަޑު މަޑުވަމުން ގޮސް އެންމެ މަޑުވިއެވެ. އަމިއްލަ މީހާ ފިޔަވައި އެހެން މީހަކަށް އަޑުނީވޭ ވަރަށެވެ.
އިޔާދަށް ހުރުވުނީ ހުރިތަނުން ހިރި ވެސް ނުލެވިފައެވެ. ކަންބޮޑުވެފައެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާއަށް އަދިވެސް ހުރުވުނީ ޚިޔާލީ ދުނިޔެއެއްގައެވެ. އެކައްޗެކޭ ވެސް ނުބުނެ ހުރެ، އެންމެފަހުން އޭނާ ހުރި ދިމާގައި އިށީނެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ނިރާޝާ ތާއަބަދަށް އޭނާއާ ވަކިވެގެން ދަނީއެވެ. އަދި މިކަން ވިޔަނުދިނުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
"ނިރާޝާ އާއިނުލާ އަހަރެން ދިރިއުޅޭނީ ކިހިނެއް؟" އިޔާދަށް މަޑުމަޑުން ބުނެވުނެވެ.
"އޭރު ވެސް ބުނީމެއްނު ދުބާއީއަށް ފުރަން. އަހަރެން ތި ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން. އެކަމަކު ދެން އުނދަގޫވާނެ." ބޭބެ ހުރީ އިޔާދު ގާތުގައި ފުލުސް އޮފީހުގައެވެ. އޭނާގެ ފުރާނައަށް ވުރެ ވެސް ބޮޑަށް ލޯބިވާ ކޮއްކޮ ބަންދުވުމަކީ އޭނާ ހިތް ފަޅައިގެންދާ ވަރުގެ ކަމެކެވެ.
އިޔާދުގެ ބޭބެއަކީ ރާއްޖޭގެ މަޝްހޫރު ކުށްވެރިއެކެވެ. ކިތަންމެ ފަހަރަކު ޖަލުގެ ތޭރިތަކުގައި ބަންދުކުރެވި ދޫކޮށްލެވިފައިވާ މީހެކެވެ. އޭނާ ފައިސާ ހޯދާގޮތް އިޔާދުއަށް އެނގެއެވެ. އެކަމާ އިޔާދު އެއްޗެހި ކިޔައެވެ. ނަމަވެސް ކުޑައިރުން ފެށިގެން ވެސް މައިން ބަފައިން މަރުވެފައި ވުމުން އިޔާދުއަށް ކިޔަވައިދީ މޮޅު މީހަކަށް ހެދީ އޭނާގެ ބޭބެއެވެ.
އެއް ދުވަހު ހަވީރުގެ ވަގުތެކެވެ. އިޔާދުގެ ބޭބެ ނިރާޝާ އާ ބައްދަލު ކުރަން އައެވެ. މައްސަލަ އަނބުރާ ގެންދިއުމަށެވެ. ބޭނުން އަދަދަކަށް ފައިސާ ލިބޭނެ ކަމެވެ. އިޔާދުއާ އެކު ދުނިޔޭގެ ކޮންމެ ގައުމެއްގައި އުޅެވޭނެ ކަމުގެ ޔަގީންކަމެވެ.
"ކީއްކުރަން... ގާތިލެއްގެ ކޮއްކޮ އުޅުނީ ބޭބެއަށް ޓަކައި އަހަރެން ފުރާނަ ގުރުބާން ކުރަން. އެ ޒުވާނާ މަރާލީ ވަރަށް ރަހުމު ކުޑަކޮށް އަހަރެންގެ ކުރިމަތީގައި. ހުޅުމާލޭގެ ހަދަން ފަށާފައި ހުރި އިމާރާތެއްގައި. އަހަރެންނަށް އެކަން އެނގޭކަން އެނގުމުން އަހަރެންނަށް އެކަން އެނގޭތޯ ޔަގީންކުރަން ކަލޭގެ ކޮއްކޮ ބޭނުން ކުރީ. ކުރިން ވެސް އެއީ ކަލޭގެ ކޮއްކޮކަން އެނގުނު ނަމަ އަހަރެން ވާހަކައެއް ނުދެއްކީމުސް،" ނިރާޝާ ހިތިގޮތަކަށް ބުންޏެވެ.
"ކޮއްކޮ އަބަދުވެސް ނިރާޝާ ދެކެ ލޯބިވޭ. އޭނާ ކަލޭ ދެކެ ލޯބިވާކަން މަށަށް އެނގުނު ފަހުން ކޮއްކޮ ބޭނުންކޮށްގެން ކަލޭ ވަގަށް ނަގަން އަހަރެން އުޅުނީ. އޭނާއަކަށް މިކަމެއް ނޭނގޭނެ. އެ ދުވަހު ފޯނު ކުރީ އަހަރެން. ކޮއްކޮ މަގުގެ އެއްފަރާތުގައި ބެހެއްޓުމަށްޓަކައި ވާހަކަ ދައްކަމުން ދިޔައީ އަހަރެން. އަހަރެންގެ ފޮނުވި ބަޔަކު ނިރާޝާ ވަގަށް ނަގަން އުޅުނީ. ނިރާޝާގެ ގައިގާ ކާރަކުން ޖެހުނީ ނިރާޝާ ދުއްވައިގަތުމުން. އަހަރެން އުޅުނީ ކަލޭ ވަގަށް ނަގާ ބިރު ދައްކާލަން. އަދި އަބަދުގެ އަބަދަށް އަނގަ ބަންދުކޮށް ރާއްޖޭން ބޭރަށް ފޮނުވާލަން." ބޭބެ އެންމެ ފަހުން ހުރިހާ އެއްޗެއް ކިޔައިދިނެވެ.
"ކަލޭ ތި ދެއްކި ހުރިހާ ވާހަކައެއް އަހަރެން ރެކޯޑް ކޮށްފިން. ދެން ކޮއްކޮއާ އެކު ޖަލުގައި އޮވޭ." ނިރާޝާ ބުންޏެވެ.
"އަހަރެން ޖަލުގައި އޮވެދާނަން. އެ ޒުވާނާ މަރާލީ އަހަރެންނަށް ބޮޑު އަނިޔާއެއް ދިނީމަ. އޭނާ އަހަރެންގެ އެތައް މިލިއަނެއްގެ ފައިސާ ވަނީ އަހަރެން ކަހަލަ ވިޔަފާރީގައި އުޅޭ އެހެން މީހަކަށް ދީފައި. އެ ޒުވާނާ ބޭނުންވީ މި ވިޔަފާރިއަށް ވަންނަން. އެކަމަކު ބޭވަފާތެރި މީހަކު މަށަށް ޚިޔާނަތްތެރިވެ މި ވިޔަފާރީގައި ހިފަހައްޓާލާނީ ކިހިނެއް. އަހަރެން މި ވާހަކަ މި ކިޔައިދެނީ ކޮއްކޮއަށްޓަކައި. އޭނާއަށް މީގެ އެއްވެސް ކަމެއް ނޭނގޭނެ. އަހަރެން އުމުރު ދުވަހު ޖަލުގައި އިނދެފާނަން. އެކަމަކު ކުށެއް ނުކުރާ މީހަކު އަދި އަމުދުން އަހަރެންގެ ހުރި ހަމައެކަނި ލެއަށް ހަރާން ކޯރެއް ނުވެވޭނެ." ބޭބެ ލޮލުން ކަރުނަ ފޮހެލިއެވެ.
"ކަލޭގެ ލޮލުން ކަރުނައެއް ނާންނާނެ. ތީ ކުޅޭ ގޭމެއް." ނިރާޝާ ހުރީ ވަރަށް ރުޅި އައިސްފައެވެ.
"ނިރާޝާ ދޭ. އެ މައްސަލަ ނަގާ. ދެ ކުދިން މަރުވާންދެން ދުނިޔޭގެ ބޭނުންތާކު އުޅޭނެ ފައިސާ ކޮއްކޮއަށް ހުންނާނެ. ކުށެއް ނެތް މީހަކަށް އަނިޔާ ނުދީ. އަހަރެން އަހަރެންގެ ކުށަށް އެއްބަސްވަން. އަހަރެން މިހުރީ އެ ކުށުގެ އަދަބު ލިބިގަންނަން ތައްޔާރަށް. އޭރުން އެންމެންނަށް ވެސް އިންސާފު ލިބުނީ." ބޭބެ އާދޭސް ކުރަމުން ދިޔައެވެ.
ނިރާޝާ ހިންގި އޮޕަރޭޝަން ކާމިޔާބުވިއެވެ. އަދި އޭނާއަށް އާންމު ދިރިއުޅުމެއް އުޅުމުގެ ނަސީބު ދެވަނަ ފަހަރަށް ލިބިގެން ދިޔައެވެ. އޭނާއަށް ފެނުނު އަނިޔާވެރި މަރާމެދު ވިސްނާ ކަންބޮޑުވާކަށް ނުޖެހުނެވެ.
އިޔާދު ބޭނުންކޮށްގެން އޭނާގެ ފުރާނަ ދުއްވާލަން އުޅުނު މީހާ އެ އޮތީ ހަމަ އެ އިޔާދު ބޭނުންކޮށްގެން ކުށަށް އެއްބަސް ކުރުވައިފައެވެ. ރާއްޖޭގައި އެންމެ ގަދަވެގެން އުޅުނު އެކަކު އެ އޮތީ ކުޑަކަކޫ މައްޗަށް ތިރިކޮށްފައެވެ. ނިރާޝާ ބޭނުންވީ މި ދުވަސް ދެކޭށެވެ. އޭނާ ރާއްޖޭން ބޭރަށް ދިޔައީ ކިޔަވާކަށް ނޫނެވެ. ރަނގަޅަށް ތައްޔާރުވެލައިގެން ހަނގުރާމާއިގެ މައިދާނަށް ނިކުންނާށެވެ. ދުޝްމަނުންނާ ކުރިމަތިލާ މޮޅުވާށެވެ. ނިރާޝާ ނިދީ ހިތްހަމަ ޖެހިގެންނެވެ. އޭނާއަށް ހޭލެވުނުއިރު މުޅި ރާއްޖޭގެ މީޑިޔާގައި ދައްކަމުން ދަނީ އިޔާދުގެ ބޭބެ ކުށަށް ވީ އިއުތިރާފެވެ.
"އިޔާދު..." ނިރާޝާއަށް އިޔާދުގެ ހަނދާން އައީ ކުއްލިޔަކަށެވެ. ނިރާޝާ މި ސުވާލު ކުރީ ހިނިތުންވުމަކާ ވެސް އެކުގައެވެ. އޭނާގެ ކާމިޔާބާމެދު ފަޚުރުވެރިވާ ގޮތަކަށެވެ.
އެހެނަސް ޔުމްނާ މި ސުވާލު އެހީ ހައިރާންވުމާއި ކަންބޮޑުވުން އަދި ހިތާމައާ ވެސް އެކުގައެވެ. ދައްތަ މޫނުމަތިން ހާމަވެގެން ދިޔަ އިހްސާސްތައް ނިރާޝާއަށް ފެނުނެވެ.
"ކިހިނެއްވީ؟" މިފަހަރު ނިރާޝާގެ އަޑުން ވެސް ކަންބޮޑުވުން ހާމަވެގެން ދިޔައެވެ.
"އެކްސިޑެންޓް ހިނގި ރޭގައި ވީގޮތް ކިޔައިދެންވީތަ؟" ނިރާޝާގެ ޖަވާބެއް ނުލިބުމުން ޔުމްނާ ކިޔައިދޭން ފެށިއެވެ.
"އަހަންނަށް އެނގޭ." ނިރާޝާ ފޫހި ގޮތަކަށް ބުންޏެވެ.
އެރޭ ނިރާޝާ އޮފީހުން ނިމުނުއިރު ހުރީ ވަރަށް ދަންވެފައި. އެހެންވެ އިޔާދުއާއެކު އަންނަނިކޮށް އިޔާދުއަށް ފޯނެއް އައިސްގެން މި އަންނަނީ ކަމަށް ބުނެ މަޑުކޮށްލީ. އިޔާދު ލަސް ވެދާނެތީ ނިރާޝާ ހިނގައިގަތީ. ކުއްލިއަކަށް މަގުމަތީ ވަކި ހިސާބަކުން ފިރިހެނުންތަކެއް ނިރާޝާއަށް އުނދަގޫ ކުރަން ފެށީ. ދެން ނިރާޝާ ގުޅީ އިޔާދުއަށް. އެތަނުގައި އެ ވަގުތު ހުރެވުނު މީހަކު ބުނިގޮތުގައި ނިރާޝާ އެ ފިރިހެނުންނާއި ދުރަށް ދާން ދުއްވައިގަތީ، އަދި ބާރުމިނުގައި އައި ކާރެއްގައި ޖެހުނީ. އިޔާދަށް އެ ސަރަހައްދަށް ދެވުނުއިރު ނިރާޝާގެ ވަށައިގެން ތިބީ މީހުން އެއްވެފައި. އެއީ ކަންބޮޑުވެ، ކުރާނެ ނުކުރާނެ ކަމެއް ނޭންގިފައި ތިބި މީހުންތަކެއް. އިޔާދު ގޮސް ނިރާޝާގެ އަތުގައި ހިފި، އަދި ވިންދު ހުރިކަން އެނގުމުން ޖަމާވެފައި ތިބި މީހުންގެ ތެރެއިން މީހެއްގެ ކާރުގައި ނިރާޝާ ހޮސްޕިޓަލަށް ގެންދިޔައީ."
"ތި ހުރިހާ ކަމެއް މަށަށް އެނގޭ." ނިރާޝާ ވަރަށް ހަމަޖެހިލައިގެން ހުރެ ބުންޏެވެ.
"ދެން ކީއްވެ ނޭނގޭ ކަމަށް ހަދައިގެން ތި ހުންނަނީ." ޔުމްނާ ދެރަވިއެވެ.
ނިރާޝާ ޓީވީއަށް އިޝާރާތް ކުރިއެވެ. ޓީވީން ދައްކަމުން ދިޔަ ޚަބަރުތަކުގައި އިޔާދުގެ ބޭބެގެ ކުށުގެ އިއުތިރާފް ނުހަނު ރީއްޗަށް ދައްކަމުން ދިޔައެވެ.
"އަހަރެން ރާއްޖޭން ބޭރަށް ދިޔައީ ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން. ހެޔޮ އެދޭ ބައެއްގެ އެހީއާ އެކު އަހަރެން ހުރިހާ ކަމެއް ކުރީ އަހަރެންގެ ލޮލުގެ ކުރިމަތީގައި މަރާލި ޒުވާނާގެ ހައްގުގައި. މީހާ ކިތަންމެ މުއްސަންދިވެފައި ބާރު ގަދަޔަސް އަދި އަނެކާއަކީ ކިތަންމެ ނުބައި މީހަކަސް މީހެއްގެ ފުރާނަ ދުއްވާލުމެއް ނޯވޭ. އެ މީހުން ބޭނުން ކުރީ ކުށެއްނެތް އިޔާދު. އޭނާ ބޭނުން ކޮށްގެން އަހަރެން މަގުން އެއްފަރާތް ކުރަން. އަހަރެން ވެސް އިޔާދު ބޭނުން ކޮށްލީ... އެކަމަކު އިންސާފު ހޯދަން." ނިރާޝާ ބުންޏެވެ.
"ނިރާޝާ އިޔާދު ދެކެ ލޯތްބެއް ނުވޭތަ؟ އިޔާދަކީ ރަނގަޅު ކުއްޖެއް. އިޔާދު ނެތްނަމަ ކޮއްކޮގެ ފުރާނައެއް ނުލިބުނީސް. އޭނާއަށް މާފުކުރޭ." ޔުމްނާ ބުންޏެވެ.
"ނޫން. އެއީ ގާތިލެއްގެ ކޮއްކޮ. އެ އާއިލާ ދުވަހަކު ވެސް ރަނގަޅެއް ނުވާނެ." ނިރާޝާ ކަރުނަ ފޮހެލިއެވެ.
އޭނާއަށް އިޔާދު ކިތަންމެހާ ވެސް ރަނގަޅެވެ. އިޔާދުގެ ކުށެއް ނެތްކަން ވެސް އެނގެއެވެ. އެކަމަކު އޭނާއަކަށް އިޔާދާމެދު ދެކޭގޮތް ބަދަލެއް ނުކުރެވޭނެއެވެ. ކިތަންމެ ލޯބި ވިޔަސް މެއެވެ.
"ބޭބެގެ އިއުތިރާފުން ނިރާޝާގެ ހެކިތައް ނަފީވެއްޖެ. އެއީ ހަދާފައިވާ ހެކިތަކެއްކަން ސާބިތުވޭ. ބޭބެ އެ އޮތީ އޭނާ ކުރި ކުށަށް އަދަބު ތަންފީޒު ކުރަން." އިޔާދު އައިސް ނިރާޝާގެ ގާތުގައި ހުއްޓުނެވެ.
"އެކަމަކު.." ނިރާޝާއަށް އަދިވެސް އިޔާދު ބަލައިގަންނަން ދަތިވިއެވެ.
"ބޭބެ އެ ނުބައި މަގު ޚިޔާރުކުރީ ވަރަށް ކުރީން. މައިންބަފައިން ނެތުމުން މާލޭގެ މަގުތަކުގައި އަހަރެމެން އުޅުނު ނިކަމެތި ހާލުން އަރައި ގަންނަން. ބޭބެ ދުވަހަކު ވެސް އަހަރެން އެފަދަ ކަމަކަށް ބައިވެރިއެއް ނުކުރޭ. އޭނާ އުޅުނީ އަހަރެން ހަރުދަނާ ރަނގަޅު މީހަކަށް ހަދަން. އަހަރެން މިހުރީ ހަމަ އެގޮތުގައި. އަހަންނަކީ ހިތް ހަރު ނުބައި މީހެއް ނޫން. ނިރާއާ ނުލާ އަހަންނަށް ދިރިއުޅުމަކީ ދަތިކަމެއް." އިޔާދު ބުންޏެވެ.
އެތަކެއް އަހަރެއް ފާއިތުވެ ހިނގައްޖެއެވެ. މިއަދު ނިރާޝާއަކީ އިޔާދުގެ އަނބިމީހާއެވެ. ލޯބިލޯބި ފިރިހެން ދަރިފުޅެއްގެ މަންމައެވެ. ބޭބެ ހޯދި ފައިސާއިން އެ މީހުން ރާއްޖޭގައި ރިހިބިލިޓޭޝަން ސެންޓަރެއް ހަދައި ގިނަ ޒުވާނުންނަށް ފަރުވާ ދެމުން އައެވެ. ކުށުގެ ވެށީގައި ބޮޑުވަމުންދާ ކުދިންނަށް ކިޔެވުމާއި ވަޒީފާގެ ފުރުސަތު ހޯދައިދީ ހަމަމަގަށް އަޅުވައެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްކާ
19 August 2023
ޔެސް
މިސްކާ
19 August 2023
ޔެސް
ޕީކޭ
05 April 2023
ލޮލް
ދީނާއު
05 April 2023
ހާދަ ރީތި ވާހަކައެކޭ އެތުރުންވެސް އެހާ ހިތްގައިމު
ބެލާހަދީދް
05 April 2023
ވާހަކަ ރީއްޗޭ ސަޅިޔޭ ކިޔައިގެން އެއް ރާގަކަށް ކޮމެންޓުތައް ކޮށްފަ މި ހުންނަނީ އެކަކުހެން ހާދަ ހީވެޔޭ. އެކި ނަންނަމުގަ. އަސްލު އެހާ ރީއްޗެއް ނޫން މި ވާހަކައެއް. ވަކި ހިސާބަކުން އޮޅުންބޮޅުން ވެފަ ހީވަނީ ވާހަކަ އަތުރަންވީ ގޮތް ނޭނގިފަ އޮތްހެން.
ސިހާމާ
04 April 2023
ޔަޝްފާގެ ވާހަކަ ތަކަކީ މޮޅު ވަރަށް ޢިބްރަތްތެރި ވާހަކަތަކެއް. މިވާހަކަވެސް އެހާ ރީތި. ކޮންމެ ދުވަހަކުވެސް މިކަހަލަ ވާހަކަތައް ކިޔާލަން ލިބޭ ނަމަ ހާދަ ރަނގަޅޭ. ޝުކުރިއްޔާ މިހާރު
ޒުލްފިޝާން
04 April 2023
ރާއްޖޭގައި އެންމެ ގަދަވެގެން އުޅުނު އެކަކު އެ އޮތީ ކުޑަކަކޫ މައްޗަށް ތިރިކޮށްފައެވެ. ޢިބާރާތްތައް ވަރަށް ވަރަށް ރީތި. ވަރަށް ހިތްގައިމު. ޔަޝްފާގެ ވާހަކަ ހާދަ ރީއްޗޭ.
ޝީލް
04 April 2023
މިއަދުގެ ވާހަކަ އަކީ ވަރަށް މޮޅަށް ލިޔެފައިވާ ވާހަކައެއް. ހަމަ ހަބޭސް ވަރަށް ވަރަށް މޮޅު ގެނައި ގޮތް
ހިޔާލީ އަލީ
04 April 2023
ވާހަކަ ލިޔުން ވަރަށް ސިމްޕަލް ކަމަކަށް ވެއްޖެ، ވަރަށް އާދައިގެ ގޮތަކަށް ޅެންވެރިކަމާ ވާހަކަތައްވެސް މިހާރަކަށް އައިސް މި ހުންނަނީ، ވާހަކަ ކިޔަން ތިބޭ މީހުންނަށްވެސް މިހާރު ވާހަކަ މި ރީތިވާ ގޮތެއް ނޭންގޭ އަބަދު އެއްގޮތް ތަކެއް ވިޔަސް
ބަރާބަރު
04 April 2023
ވަރަށް ކިޔާހިތުން މިވާހަކަ ކިޔާލެވިއްޖެ. ޝުކުރިއްޔާ ޔަޝްފާ