ނުޒޫ: "މަލިކާ" އަކީ މިއީ

ފިލްމީ ދާއިރާއިން އާ މީހުން ފެންނަލެއް މަދުކަމުން ކަންބޮޑު ވަނީ ހެއްޔެވެ؟ މިއީ ދިވެހި ފިލްމު ބަލާ އެންމެން ވެސް އަބަދު ކުރާ ޝަކުވާއެކެވެ. ފިލްމުތަކުން އަބަދު އެއް ބަޔަކު ފެންނަ ވާހަކަ އާއި އާ މީހުން މި ދާއިރާ އަށް ނުކުންނަލެއް މަދު ވާހަކައަކީ ބާ ވާހަކައެކެވެ.


އެ މަންޒަރު މިހާރު އެބަ ބަދަލުވެ ވެސް އެވެ.

އީއެސް އެންޓަޓައިންމަންޓުން އަންނަ މާޗް ދޭއްގައި ރިލީޒް ކުރާ ފިލްމު "މަލިކާ" އަކީ މުޅިން އާ ބަތަލާއަކު ފިލްމީ ދާއިރާ އަށް ތައާރަފު ވާނެ ފިލްމެކެވެ.

އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ އަލަށް ފިލްމެއް ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މިއީ އަލަށް ތައާރަފުވާ ބަތަލާއަކަށް ވިޔަސް، ނުޒޫ ވަނީ ފިލްމުގައި އޭނާގެ އެކްޓް ކުރުމުގެ ހުނަރު ދައްކާލައިފަ އެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ އިން ވެސް ނުޒޫގެ ހުނަރު ފެނިގެން ދެ އެވެ.

އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ "މަލިކާ" ގައިި ނުޒޫ ފެނިގެން ދާނީ ހަތަރު ބެއިން ތިބޭ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ރޯލުންނެވެ. އެއީ "މަލިކާ" އެވެ.

ފިލްމް "މަލިކާ" ގެ ޕޯސްޓަރެއް.

އެއީ އޭނާ ބޮޑުވެގެން އަންނަނީ އާއިލާގެ ފިރިހެން ކުދިންނާ ތަފާތުކޮށް، އެތަކެއް ފުރުސަތުތަކުން މަހުރޫމުވާ ކުއްޖެއްގެ ގޮތުގަ އެވެ. އެކަމަކު ފިލްމްގައި ނުޒޫ ފެނިގެން ދާނީ އާއިލާއަށްޓަކައި ހާއްސަކޮށް ބައްޕަ އަށްޓަކައި ގުރުބާންވާ ބަސް އަހާ މަޑުމައިތިރި އަންހެން ކުއްޖެއްގެ ރޯލުންނެވެ.

ވަރުގަދަ ޓީމެއް އޮތް ބޮޑު، ފިލްމަކުން ނުޒޫ އަށް ފުރުސަތެއް ލިބުނީ ކިހިނެއް ބާވަ އެވެ؟

"އަސްލު މި ފުރުސަތު ފަހިވީ ގާތް ރައްޓެއްސެއް ކަމަށްވާ އައްޔަ [އެކްޓަރު އަލީ އާޒިމް _ދޮން އައްޔަ)] ގެ ސަބަބުން. ނުޒޫ އަބަދު ވެސް ވަރަށް އިންޓްރަސްޓް ހުންނަ ދާއިރާއެއް އެންޓަޓައިންމަންޓް ދާއިރާއަކީ،" ކުރިން އެނިމޭޝަން ޑާންސް ގްރޫޕާ އެކު ނަށަން އުޅުނު ނުޒޫ ބުންޏެވެ. "އައްޔަ އަބަދު ވެސް ބުނާނެ ފިލްމެއް ކުޅެންވީ ނޫންހޭ. ދެން އެ ކަހަލަ ވާހަކަތަކެއް ދެކެވިފައި އޮއްވައި، މަލިކާގެ ޓީމާ ބައްދަލުވެ، ފިލްމުން ފުރުސަތު ލިބުނީ."

"ޖެލީ" ގައި ވަޒީފާ އަދާ ކުރަމުން އަންނަ ނ. މަނަދު އަށް އުފަން ނުޒޫ ބުނީ އޭނާ ހުރީ ފުރުސަތު ލިބޭ ވަރަކުން ފިލްމީ ދާއިރާ އިން ކުރިއަށް ދާން ކަމަށެވެ. އެކަމަކު އަދި އޭނާ ނިންމައިގެން ހުރީ ވަޒީފާއެއް އަދާ ކުރަމުން ފިލްމީ މަސައްކަތް ކުރާށެވެ.

"މަލިކާ" ގެ އިތުރުން ނުޒޫއަކީ ޑާކް ރެއިނުން މިހާރު ހަދަމުން އަންނަ ފިލްމް "މީ ލޯތްބަކީ" ގެ ކާސްޓުންގެ ތެރޭގައި ވެސް ހިމެނުނު ބަތަލާއެކެވެ.

"އަސްލު އެ ފިލްމަށް ވާހަކަ ދެކެވިފައި އޮއްވައި ވީ ގޮތަކީ ފަހުން މާ ބޮޑަށް ބިޒީވެގެން ޓައިމް ދެވެން ނެގިގެން ފުރުސަތު ދޫކޮށްލަން ޖެހުނީ،" އާއިލާގެ ފަރާތުން ވެސް ސަޕޯޓް ލިބޭކަން ފާހަގަކޮށް އޭނާ ބުންޏެވެ. "ޑާކް ރެއިނާ އެއްކޮށް މަސައްކަތްކޮށްލަން ވަރަށް ބޭނުން. އެފަދަ ފުރުސަތެއް ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް އުންމީދު ކުރަނީ."

އޭނާ ބުނީ "މަލިކާ" އަކީ ފުރަތަމަ ތަޖުރިބާއާ ބަލައިފައި، ކުރިއަށް ދާން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"މި ޓީމަށް ބަލާ އިރު ސެމީ އާއި ކޮޕީ އިއްސެ އަދި މޫމިން ފުއާދު އެބަ ހިމެނޭ. އެހެންވެ އެ މީހުންނާ އެއްކޮށް މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް އުފާވި،" ލ. އަތޮޅާއި މާލޭގައި ޝޫޓްކޮށްފައިވާ "މަލިކާ" އާ ބެހޭ ގޮތުން ނުޒޫ ބުންޏެވެ. "ޓީމް ވޯކް ވަރަށް ރަނގަޅު. ނުޒޫ އާ ކުއްޖަކަށްވީމަ އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. އެހެންވެ ވަރަށް ފަސޭހަވި މަސައްކަތް ކުރަން."

އޭނާ އަދި ބުނީ ފިލްމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ.

"މަލިކާ" ގެ ޓްރެއިލާ.

"ބެސްޓް ދިނިން. އަސްލު ފުރަތަމަ ފިލްމަށްވީމަ މީގައި އެންމެ ބޮޑަށް ބެލީ ޑައިރެކްޓަރު ހިތްހަމަޖެހޭ ވަރުކޮށް ދިނުން. ނުޒޫ އަމިއްލަ އަށް ވެސް ހިތްހަމަޖެހޭ ކުރެވުނު މަސައްކަތާ ދޭތެރޭ. ދެން އެކަމުން ހުންނާނެދޯ އަދިވެސް ރަނގަޅުކޮށްލަން ޖެހޭ ކަންކަން،" ނުޒޫ ބުންޏެވެ.

އާއިލީ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ "މަލިކާ" ގައި ނުޒޫގެ ކޯސްޓާރަކީ ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. އޭނާ ބުނީ ޖުމަލްއާ އެކު މަސައްކަތްކޮށްލަން ވެސް ވަރަށް ފަސޭހަ ކަމަށެވެ.

މި ފިލްމްގެ ކާސްޓަށް ބަލާ އިރު ތަޖުރިބާކާރު އެކްޓަރުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، އަލީ ފާރޫގް، އިސްމާއީލް ޒާހިރު، ނީނާ ސަލީމް އަދި އަހުމަދު އާސިމް ފަދަ ތަރިން ހިމެނެ އެވެ.

ޒުވާން ތަރިންނަށް ބަލާ އިރު ފާތުމަތު އާޒިފާ، ދޮން އައްޔަ، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ފާހަގަކޮށްލެވެ އެވެ.

"މަލިކާ" ގެ މަންޒަރެއްގައި ނުޒޫ އާއި ޖުމަލް.

"ޖުމަލް ހަމަ ވަރަށް ބެސްޓް. ވަރަށް ބުނެދީ ހަދާނެ. އެހެންވީމަ ވަރަށް ފަސޭހަ އެކުގައި މަސައްކަތްކޮށްލަން. އަނެއްކާ ނުޒޫ އާ ވިޔަސް، އަންފްރެންޑްލީ ކަމެއް ނެތް،" އޭނާ ބުންޏެވެ.

"މަލިކާ" އާ ދޭތެރޭ ނުޒޫގެ އުންމީދުތަކެއް އެބަ ހުއްޓެވެ. އޭނާ ބުނީ ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ އަދި އިބުރަތްތެރި މެސެޖްތަކެއް ލިބޭނެ ފިލްމެއް ކަމަށެވެ.

"މީގެ ސްޓޯރީ މިހާރުގެ މުޖުތަމައުގެ ހާލަތާ ވަރަށް ގުޅޭނެ. ނުޒޫ ކެރެކްޓާ އަށް ބަލާ ކަމަށް ވަންޏާ ފިލްމުން ދައްކުވައި ދޭނެ އަންހެން ކުއްޖަކަށްވެގެން ފިރިހެން ކުއްޖަކާ ވަކި ތަފާތެއް ނެތްކަން. އިބުރަތްތެރި އަދި ހޭލުންތެރިކަން ގެނެސްދޭ ކަހަލަ ކަންކަން ފިލްމުން ފެނިގެން ދާނީ،" ނުޒޫ ބުންޏެވެ.