ކުރީގެ މަޝްހޫރު ބަތަލާ ޖަމްޝީދާ އަހުމަދު މިހާރު ކޮބައި ހެއްޔެވެ؟ އެނގިފައިވާ ގޮތުން އޭނާ މިހާރު އާއިލާއާ އެކު ދިރިއުޅެނީ މެލޭޝިއާގަ އެވެ.

ފުވައްމުލަކަށް އުފަން މި ބަތަލާއަކީ ފިލްމީ ދާއިރާ އިން ފެނުނު އެންމެ ރީތި ބަތަލާއިންގެ ތެރެއިން އެކެކެވެ. މިއީ ފުވައްމުލަކުން ފިލްމީ ދާއިރާ އަށް ނިކުތް ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ބަތަލާ ވެސް މެ އެވެ.

ޖަމްޝީދާ ފިލްމީ ދާއިރާ އަށް ނިކުތީ ފާތުމަތު ނަހުލާގެ ވާހަކައަކަށް، އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓް ކުރި "ހިނިތުން" އިންނެވެ.

އެ ފިލްމާ އެކު، އޭނާ ވަރަށް ބޮޑަށް ވިދާލައި، އޭރުގެ އެންމެ ވިދުން ގަދަ ތަރިންގެ ތެރޭގައި ހިމެނޭ އައިޝަތު ޝިރާނީ އާއި މަރިޔަމް ނިޝާ އަދި އަދި ނިއުމާ މުހައްމަދު ފަދަ ބަތަލާއިންނާ އެއް ސަފުގައި ހިމެނުނެވެ.

ގިނަ ބަޔަކު ޖަމްޝީދާގެ އެންމެ ރީތި ސިފައަކަށް ފާހަގަ ކުރި އެއް ކަމަކީ ފަން ދިގު ރީތި އިސްތަށިގަނޑެވެ. އެ ދުވަސްވަރުގެ ޖަމްޝީދާގެ އެ ސްޓައިލް ބައެއް އަންހެނުން، ޓްރެންޑެއްގެ ގޮތުގައި ވެސް ބަލައި ގަތެވެ.

ޖަމްޝީދާގެ ކެރިއާ އަށް ބަލާ އިރު، އޭނާގެ އެންމެ ފާހަގަ ކުރެވޭ އެއް ފިލްމަކީ އެޓާނަލް ޕިކްޗާސްގެ "އަމާނާތް" އެވެ.

މުހައްމަދު ނިޔާޒު (ޓެޑްރީ) ޕްރޮޑިއުސްކޮށް، މަހުދީ އަހުމަދު ޑައިރެކްޓް ކުރި އެ ފިލްމުގައި އޭނާ ކުޅެފައި ވަނީ އައްޑޫގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އަންހެން ކުއްޖެއްގެ ރޯލެވެ.

ދަތުރުވަރެއްގައި މާލޭން އައްޑު އަށް ދާ ފިރިހެނަކު (އަލީ ހާލިދު) ކަން ދިމާ ކުރި ގޮތުން މަޑު ކުރަން ޖެހެނީ ޖަމްޝީދާމެންގެ ގޭގަ އެވެ. ނަތީޖާއަކަށް ފަހުން ވަނީ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް، ހިނގައި، ޖަމްޝީދާ ބަނޑު ބޮޑުވެ، ދަރިއަކު ވެސް ވިހެއުމެވެ.

"އަމާނާތް" ގެ މައިގަނޑު ވާހަކަ ބިނާވެފައި އޮތީ ޖަމްޝީދާ އާއި އަލީ ހާލިދާ ދެމެދު ހިނގާ ގުޅުމާއި، އެ ގުޅުމުގެ ތެރެއިން ލިބޭ ދަރިއެއްގެ ސަބަބުން، ދެން އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ 1983 ވަނަ އަހަރު ޝޭކަރު ކަޕޫރު ގެނެސް ދިން "މާސޫމް" ގެ މައްޗަށެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ނަސީރުއްދީން ޝާހާއި، ޝަބާނާ އަޒުމީގެ އިތުރުން ސުޕްރިޔާ ޕަތެކެވެ.

ފިލްމަކީ ތިން ކުޑަކުއްޖެއްގެ ރޯލްތަކެއް ވެސް ފެނިގެންދާ ވަރަށް އަސަރު ގަދަ އާއިލީ ލޯބީގެ ފިލްމެކެވެ.

"އަމާނާތު" ގައި ޖަމްޝީދާ ކުޅުނީ ސުޕްރިޔާގެ ރޯލެވެ.

މި ފިލްމް ރިލީޒް ކުރިތާ 19 އަހަރު ފަހުން މިހާރު މިއޮތީ އަނެއްކާ ވެސް އޮލިމްޕަސް ސިނަމާ އަށް އައުމުގެ މަގުމަތީގަ އެވެ. އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ފިލްމުގެ ފުރަތަމަ ޝޯ ދައްކާނެ އެވެ.

އެޓާނަލް ޕިކްޗާސް އިން މިހާރު އަންނަނީ "އަމާނާތް" ޕްރޮމޯޓް ކުރަން ވަރަށް ގިނަ ކަންކަން ކުރަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގަ އެވެ.

މި ފިލްމަކީ ގައުމީ ފިލްމް ފެސްޓިވަލްގައި 12 އެވޯޑް އުފުލާލި ފިލްމެކެވެ. އޭގެ ތެރޭގައި ޖަމްޝީދާ އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހިމެނެ އެވެ.

ފިލްމް އިޝްތިހާރު ކުރަން އެޓާނަލް ޕިކްޗާސް އިން ބެލުންތެރިންނަށް ދޫކޮށްލި ޓީޒާއެއްގައި ޖަމްޝީދާ ވަނީ ފިލްމާ ބެހޭ ގޮތުން ވާހަކަ ވެސް ދައްކައިފަ އެވެ.

އެ ވީޑިއޯގައި ޖަމްޝީދާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. އޭނާ ބުރުގާ އެޅިތާ މިހާރު ކިތަންމެ ދުވަހެކެވެ. އެކަމަކު ވީޑިއޯ އިން އެންމެ އަޅައިގަތީ ޖަމްޝީދާގެ މޫނުމަތީގެ ސިފަ އަށް އައިސްފައި ހުރި ބަދަލެވެ. ކުރީގެ ޖަމްޝީދާ އާއި މިހާރުގެ ޖަމްޝީދާ މާ ބޮޑަށް ވެސް ތަފާތީ އެވެ.

އެއީ އޭނާ ނޫންހެން ވެސް ހީވެ އެވެ. މާ ބޮޑަށް ވެސް ތަފާތީ އެވެ. ވީޑިއޯގައި ވާހަކަ ދައްކަނީ ޖަމްޝީދާކަން ކަށަވަރުވީ އޭނާގެ އަޑުންނެވެ. ނިކަން މި ވީޑިއޯކޮޅު ބަލައިލާށެވެ.

އޭނާ ވަނީ ދިވެހި ފިލްމުތަކަށް ލޯބި ކުރާ މީހުން "އަމާނާތް" ބެލުމަށް އޮލިމްޕަހަށް ދިއުމަށް އެދިފަ އެވެ.

"ވަރަށް ކާމިޔާބު ފިލްމެއް އަމާނާތަކީ. ދިވެހި ފިލްމުތަކަށް ލޯބި ކުރައްވާ ފަރާތްތަކުން ސާދަ ފެބްރުއަރީގައި އަޅުގަނޑު އުންމީދު ކުރަން އަމާނާތަށް ވަޑައިގަންނަވާނެ ކަމަށް،" ވީޑިއޯގައި ޖަމްޝީދާ ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް "އަމާނާތް" ޖަމްޝީދާ އަށް ހާއްސަ ވާނެ އެވެ. އެއީ އޭނާ އަށް ގައުމީ އެވޯޑް ލިބުނު ފިލްމެވެ. ބެލުންތެރިންނަށް އަދި އަދަށް ދާންދެން ވެސް މި ފިލްމް ވަރަށް މަގުބޫލެވެ.

ޖަމްޝީދާގެ ކުޅުނު އެހެން ފިލްމަތަކަށް ބަލާ އިރު، ފަހު ނޭވާ، ނާއުންމީދު، އުމުރަށް، 2000 ވަނަ އުފަން ދުވަސް އަދި ވެހޭ ވާރޭތެރެއިން ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

އަލަކުން އޭނާ ފިލްމީ ދާއިރާ އަށް ދެން އަންނާނެ ކަމެއް ނޭނގެ އެވެ. އެކަމަކު ޖަމްޝީދާގެ ފޭނުންނަށް "އަމާނާތް" އަކީ އޭނާގެ ހަނދާންތައް އާކޮށްލަން އެންމެ ރަނގަޅު އެއް ފިލްމަށް ވާނެ އެވެ.