ބޭރުގެ ފިލްމުތަކާއި ލަވަތައް ރާއްޖޭގައި ޝޫޓް ކުރުމަކީ އާ ކަމެއް ނޫނެވެ. މި ފަހަރު އޮތީ ނޭޕާލް ލަވައެއްގެ ވާހަކަ އެވެ.
މި ލަވަ ޝޫޓްކޮށްފައި ވަނީ މާލެ އާއި ހުޅުމާލޭގަ އެވެ. ލަވަ ފެށިގެން އަންނަނީ ރަސްފަންނުގެ ހިތްގައިމު މަންޒަރުތަކާ އެކުގަ އެވެ.
ލޯބީގެ ދިވެހި ލަވަކުން ރަސްފަންނުގެ ހިތްގައިމުކަން އަދި ނުފެންނަނީސް ނޭޕާލްގެ ލަވައަކުން އެ ޝަރަފު މިހާރު ހޯދައިފި އެވެ.
ނޭޕާލްގެ ލަވަ ކިއުންތެރިޔާ ޕްރަމޯދް ޙަރެލް ކިޔާފައިވާ "މަޔާލޭ ޖަހަރް ކަނަޔޯ" ލަވައިން ފެނިގެން ދަނީ ނޭޕާލްގެ ޒުވާން ހަތަރު ތަރިއެކެވެ.
ބަގޭޝްރީ މިއުޒިކް ޕްރައިވެޓް ލިމިޓެޑުން ވީޑިއޯ ހަދާފައިވާ ލަވައިން ފެނިގެން ދަނީ އިންދްރީ ސަޕްކޯޓާ، ކޭޝަވް ޗަލީސް، ސަރީނާ ތަމަންގް އަދި ލީލާ މަގަރް އެވެ. ލަވައިގެ ޑައިރެކްޝަން ހަދާފައި ވަނީ ފްރަޝާންތު ތާޕާ އެވެ. "މަޔާލޭ ޖަހަރް ކަނަޔޯ" ލަވައަކީ ރާއްޖޭގައި މިހާތަނަށް ޝޫޓް ކުރި ނޭޕާލްގެ ފުރަތަމަ ލަވަ ކަމަށް އެނގިފައިވެ އެވެ.
އެޕްރީލް މަހު ޔޫޓިއުބްގައި އާންމުކޮށްފައި މި ލަވައަށް މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ ވިިއުސް ލިބިފައިވެ އެވެ.
ދިވެހިންނަށް މި ލަވަ ކަމުދޭތޯ ބަލާލަމާ ހިނގާށެވެ. މިއޮތީ ވީޑިއޯ އެވެ.
ލަވައަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާ އިރު، ލަވައިން ފެންނަ މާލެ އާއި ހުޅުމާލޭގެ މަންޒަރުތައް ވަރަށް ހިތްގައިމުކަން ފާހަގަކޮށްފައިވެ އެވެ.
މި ލަވަ ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ފޭސްބުކްގައި ޝެއާކޮށް ބުނެފައި ވަނީ "ރަސްފަންނު މިހާރު އިންޓަނެޝަނަލްވީ" ކަމަށެވެ.