މަޝްހޫރު ގިނަ ތަރިންތަކަކާ އެކު "ނޯޓީ 40" ލޯންޗްކޮށްފި

އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ "ނޯޓީ 40" ސިނަމާ އަށް އަންނާނީ އޮގަސްޓް 2 ގައި.

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް، މިދިޔަ އަހަރު ގެނެސް ދިން ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ ކާމިޔާބީ އަށް ފަހު، އެ ދެ މީހުން ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމް "ނޯޓީ 40" ވަރުގަދަ ކާސްޓަކާ އެކު ލޯންޗްކޮށް، ފިލްމް ރިލީޒް ކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.


ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް، އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމް ސިނަމާ އަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 2 ގަ އެވެ.

"ނޯޓީ 40" ގެ ކާސްޓް ވަރަށް ވަރުގަދަ އެވެ.

މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރުންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ޔޫއްޕެ، ނިއުމާ، އަލީ ސީޒަން، އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

މަނިކަކީ ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރު ވެސް މެ އެވެ.

މަނިކު: "ނޯޓީ 40" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ޒިންމާ ވެސް ނަގާނެ.

އެ މީހުންނާ އެކު ފިލްމުން މިހާރުގެ އެންމެ މަޝްހޫރު ބައެއް ތަރިން ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ) ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން އަންނަ މަހު އަޅުވާ "މަލިކާ" އިން ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ލިއާމް ޖޯންސް (އެލްޖޭ) ވެސް ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

ސައީދު: "ނޯޓީ 40" ގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ.

"ނޯޓީ 40" ގެ ޓީމުން ބުނީ އެ ފިލްމުން އާ އެކްޓަރުންތަކެއް ވެސް ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ސަން ޓީވީގެ ބައެއް ޕްރޮގްރާމްތައް ހޯސްޓްކޮށްފައިވާ ޝަރީފާއި ގުލިސްތާން ހިމެނެ އެވެ.

ށ. މިލަންދޫގައި ބޮޑު ބައި ޝޫޓް ކުރާ ފިލްމްގެ ކްރޫ ބުދަ ދުވަހު އެ ރަށަށް ފުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. "ނޯޓީ 40" ގެ ޓީމުން ބުނީ އެ ރަށުގައި ގާތްގަނޑަކަށް 25 ވަރަކަށް ދުވަސް ހޭދަ ވާނެ ކަމަށެވެ.

މިލަންދޫގެ އިތުރުން މާލޭގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގާނެ އެވެ.

ފިލްމް "ނޯޓީ 40" ގެ ކާސްޓުން: މި މަހުގެ 15 ގައި މިލަންދު އަށް ފުރާނެ.

"ނޯޓީ 40" ގެ ޓީމުން ބުނީ އެ ފިލްމަކީ "ބައިވެރިޔާ" އަށް ވުރެ ހުރިހާ ގޮތަކުން ވެސް ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ. އެގޮތުން ފިލްމަކީ ކޮމެޑީގެ އިތުރުން ވަރަށް ގިނަ ރަހަތައް އެކުލެވޭ ފިލްމަކަށް ވާނެ ކަމަށް ޓީމުން ބުންޏެވެ.

"ނޯޓީ 40" ޕްރޮމޯޓް ކުރަނީ އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގަ އެވެ. ފިލްމުގެ ހޭޝްޓެގަކީ "ބިގެސްޓް މުވީ އޮފް ދި އިޔާ" އެވެ.