ޓެޑްރީގެ ޖަވާބު "ލަސްވިޔަސް"އިން ދައްކާލައިފި

ފުރަތަމަ ފިލްމު "ދެރިޔާ" އަށް ފަހު އެހެން ފިލްމެއް ޑައިރެކްޓްނުކުރާތީ މުހައްމަދު ނިޔާޒް (ޓެޑްރީ) އަށް އަމާޒުވެފައިވާ ސުވާލަށް "ލަސްވިޔަސް"ގެ ނަމުގައި ރޭ ޖަވާބު ދީފި އެވެ. އެކަމަކު އެއީ 23 އަހަރު ފަހުންނެވެ.


ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެރިޔާ" 1994 ގައި އުފެއްދި ފަހުން ޓެޑްރީ ފީޗާ ފިލްމެއް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ނެރުނު "އަމާނާތް" އަކީ އޭނާ ޕްރޮޑިއުސްކުރި ފިލްމެކެވެ.

ޓެޑްގެ ފޭނުން ގަބޫލުކުރަނީ ދެވަނަ ޑައިރެކްޝަނެއް ނުގެނެސް ދެވި މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ.

މީގެ 19 އަހަރު ކުރިން ނެރުނު "އަމާނާތް" އޮލިމްޕަހުގައި ރޭ އަލުން ދެއްކި އިރު، "ލަސްވިޔަސް" ގެ ޓީޒާ ވެސް ދަައްކާލި އެވެ.

އެކަމަކު އެ ފިލްމާ ބެހޭ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

"ލަސްވިޔަސް"ގެ ޓީޒާ ފެށިގެން އަންނަނީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއްގެ ކަޑިއަކުންނެވެ؛ "ކައިވެނީގެ އަމާޒުކަމުގައިވާ ހަގީގަތަކީ ކޮބާ؟" އެވެ.

އެ ޓީޒާއިން ދެން ފެންނަނީ ގޮނޑިއެއްގައި އިންނަ ކުޑަ އަންހެން ކުއްޖެކެވެ. ބޮލުގައި އިސްތައްޓެއް ނުހުރު އެވެ. އޭނާގެ ސިފަ ފެނުމުން ހީވަނީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްހެންނެވެ.

ޓެޑްރީގެ "ލަސްވިޔަސް" އިން އަލަށް ތައާރަފުވާ ޒޯޔާ ޓީޒާގެ މަންޒަރެއްގައި.

ދެން ޓީޒާ އަށް އަރަނީ އަލަށް ތައާރަފު ކުރާ ޒޯޔާ ހަސަން އިބްރާހީމްގެ ނަމެވެ. އެއީ ފިލްމީ ބަތޮލާ ނިއުމާ މުހަންމަދުގެ ދަރިފުޅެވެ. އެ ނޫން އެއްވެސް އެއްޗެއް "ލަސްވިޔަސް" ގެ ޓީޒާ އިން ހާމައެއް ނުވެ އެވެ.

އެކަމަކު ޔަގީންވާ ކަމަކީ 23 އަހަރު ފަހުން ނަމަވެސް ޓެޑްރީގެ ފަރާތުން އާދައިގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ނާންނާނެ ކަމެވެ.

"ލަސްވިޔަސް" އަކީ ޓެޑް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ ބުނީ ޓީޒާ ފެށިގެން އަންނަ އިރު އެ އިވޭ ލަވައިގެ ކަޑި މުޅި ފިލްމުގެ ވާހަކަ އެއަށް ބިނާވެފައި ވާނެ ކަމަށެވެ.

"މީގެ ކާސްޓުންނާ އެއްޗެހި ފައިނަލް ކުރުމާއި ފިލްމުގެ ވަރަށް ގިނަ މަސައްކަތްތައް މިހާރު އެބަ ކުރިއަށްދޭ. ކާސްޓުންގެ ތެރޭގައި އާ މީހުންނާއި ތަޖުރިބާ ހުރި ބައެއް މީހުން ވެސް ހިމެނޭނެ،" އެޕްރީލް މަހު ރަސްމީކޮށް ލޯންޗް ކުރަން ނިންމާފައިވާ ފިލްމާ ބެހޭ ގޮތުން ޓެޑް ބުންޏެވެ.

"މީގެ އޮފިޝަލް ލޯންޗިން ސެރަމަނީއެއް ބާއްވައި، ފިލްމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހިއްސާ ކުރާނަން."

"ލަސްވިޔަސް" ގެ ޓީޒާ

ޓެޑް ބުނީ ވަރަށް ޒަމާންކޮށްފައި ފިލްމެއް ޑައިރެކްޓް ކުރާ އިރު، އޭނާގެ މަސައްކަތްތަކަށް ލޯބި ކުރާ މީހުން އުންމީދުކުރާ ވަރުގެ ފިލްމަކަށް "ލަސްވިޔަސް" ވާނެ ކަމަށެވެ.

"އެ މީހުންގެ އެކްސްޕެކްޓޭޝަނާ މީޓް ކުރެވޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. ވަރަށް ކޮންފިޑެންސާ އެއްކޮށް މަސައްކަތް މި ކުރަނީ. އެހެންވީމަ އަހަރެންގެ މަސައްކަތްތަކަށް ލޯބި ކުރާ މީހުން އުފާކޮށް ދެވުނީމަ އަހަންނަށް ނިމުނީ،" ޓެޑްރީ ބުންޏެވެ.

"އެ ހިތްހަމަޖެހުން ބޭނުން ވަނީ ވެސް. ދެން އަނެއްކޮޅުން ތިބޭނެ ފާޑުކިޔާ މީހުން ވެސް. އެ މީހުން ބުނަން ވެސް ބުނާނެ ތި ޓީޒާއެއް ދައްކާލައިފައި މި ހިސާބުން ދެން މިކަން އަނެއްކާ ވެސް ނިމުނީއޭ. އެކަމަކު އެ ވެސް މައްސަލައެއް ނޫން."

މުހައްމަދު އިކްރާމް މިއުޒިކް ހަދާ "ލަސްވިޔަސް" ސިނަމާ އަށް އަންނާނީ ލަސްވެގެން 2018 ގަ އެވެ. އެކަމަކު އަދި ސީދާ ތާރީއެއް ނުނިންމަ އެވެ.