މުނިފޫހިފިލުވުން / ކުރު ވާހަކަ

ރާނީ

ސަލާމާ އަބްދުލްއަލީމް

29 މާޗް 2024 - 09:10

2 comments

އިރުއިރުކޮޅުން ފޯނު ވައިބްރޭޓްވެއެވެ. ކައިރީގައި ހުރި ޝިހާމް ގާތު، ކުޑަ ވަގުތުކޮޅެއް ދިނުމަށް އެދި، ރާނީ ދުރަށް ޖެހިލިއެވެ. ޔުނިފޯމް ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އޭނާ ވާހަކަ ދެއްކީ ސިއްރުންނެވެ.

"ގެއަށް އައީތަ؟" ރާނީ އެހި އެވެ.

"އަދިވެސް ޑިޔުޓީ ނުނިމޭތަ؟ ދެން އަވަހަށް އާދޭ، މާ ގިނަ އިރަކު ކެތެއް ނުކުރެވޭނެ،" ވާހަކަ ދެއްކީ ރާނީގެ ފިރިމީހާ ޖަބީންއެވެ.

"އިންވެސްޓިގޭޝަން ރޫމްގައޭ މިހުރީ. ޑިޔުޓީ ނިމިއްޖެ. އެކަމަކު އަދި ދީ ދިހަވަރަކަށް މިނިޓް،" ރާނީ ބުންޏެވެ. ސިއްރުންނެވެ.

ޖަބީން ރާއްޖެ އައިކަން އެނގުމުން ރާނީ ވެސް ހުރީ ގެއަށް ދާ ހިތުން ކެތްމަދު ވެފައެވެ. ރާނީއާއި ޖަބީން ދިރިއުޅެނީ ޖަބީން ގަނެފައި ހުރި އެޕާޓްމަންޓެއްގައެވެ. ޖަބީންއަކީ ފޮތީގެ ވިޔަފާރި ކުރާ މީހެކެވެ. ކޮންމެ މަހަކު ވެސް އޭނާ ވިޔަފާރި ދަތުރުތަކުގައި ދުބާއީއަށް ދެއެވެ. މިރޭ ވެސް އޭނާ އެ އައީ ދުބާއީގައި ހަފްތާއެއް ހޭދަ ކޮށްފައެވެ.

ރާނީ އައިސް ކޮޓަރީގެ ދޮރު ހުޅުވާލި އިރު ލޮލުގައި އަޅައިގަތީ އެނދުމަތީ އޮތް ރަތް ކުލައިގެ ތުނި ނައިޓީއެވެ. އެ ވަގުތު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. ބޮލުގައި އޮތް ތޮފި ނަގައި، ޑްރެސިން ޓޭބަލްމަތީ ބޭއްވުމަށް ފަހު ރާނީ މަޑުމަޑުން ޖަބީންއަށް ގޮވާލީ ފާހާނައިގައި އުޅޭ ކަމަށެވެ.

އެކަމަކު ފާހާނާގައި ވެސް ޖަބީންއެއް ނެތެވެ. ޖީބުން ފޯނު ނެގުމަށްފަހު ރާނީ ޖަބީންއަށް ގުޅާލިއެވެ. އެ ވަގުތު ފޯނު ރިންގް ވީ އަލަމާރި ތެރެއިންނެވެ. ބޮޑު ހިނިގަނޑެއް ޖަހައިލަމުން ޖަބީން އަލަމާރި ތެރެއިން ބޭރަށް ފުންމައިލިއެވެ. އަދި އަވަސް އަވަހަށް ރާނީގެ ގައިގައި އޮޅުލައިގަތެވެ.

"ހާދަ ބޮލެއް ނެތޭ، ފިލަން އެނގިގެންނެއް ވެސް ނޫން ދޯ ފިލަނީ،" ރާނީ ބުންޏެވެ.

"އެހެން ނޫނަސް މަގޭ ރާނީއަކީ ފުލުސް އިންސްޕެކްޓަރެއްނު. ޔަގީނޭ ހޯދާނެކަން،" ރާނީގެ ކަނދުރާގައި މޫނު ޖައްސާލުމަށް ފަހު ޖަބީން ބުންޏެވެ.

"އާނ. ހަމަ ޔަގީން. އަހަންނަށް ސިއްރުން ނުވެސް ފިލޭނެ. ކަމެއް ވެސް ނުކުރެވޭނެ،" ރާނީ ބުނެލީ ޔަގީން ކަމާއެކުއެވެ.

އޭރު ރާނީ އޮތީ ޖަބީންގެ ވަރުގަދަ އަތްދަނޑި މަތީގައެވެ.

"ދެން ވެސް އެ ނައިޓީ ލައިބަލަ. ރާނީ މީތި ލީމަ ހާދަ ޗާލު ވާނެ އޭ. އަހަރެންގެ އަޑުން މިރޭ ރީތި ލަވައެއް ވެސް ކިޔައިދޭނަމޭ،" ޖަބީން ބުންޏެވެ. އޭނާއަކީ ރީތިކޮށް ލަވަ ކިޔާ މީހެކެވެ.

އެނދު ކައިރީގައި ރާނީ ބެހެއްޓުމަށްފަހު ޖަބީން އޭނާގެ އަތަށް ނައިޓީ ދިއްކޮށްލިއެވެ. އެންމެ ފަސް މިނިޓް ކަމުގައި ބުނެ ރާނީ ހެމުން ހެމުން ދުއްވައިގަތީ ފެންވަރާށެވެ.

ރާނީގެ އިންތިޒާރުގައި ޖަބީން އަވަދި ވަނީއެވެ. ކުއްލިއަކަށް ފާހާނައިގެ ދޮރު ހުޅުވިއްޖެއެވެ. އޭރު ރާނީ ހުރީ އޭނާ ގެނެސްދިން ރީތި ނައިޓީ ލައިގެންނެވެ. ބާރު ހިނގުމެއްގައި ގޮސް ޖަބީންގެ ވަރުގަދަ އަތުން ރާނީގެ ކަރުގައި ހިފަހައްޓާލިއެވެ. އެއާއެކު ރާނީ ދެ ލޯ މަރާލީ ޖަބީންގެ ގައިގައި އަތް ޖައްސާލަމުންނެވެ.

ކުއްލިއަކަށް ރާނީގެ ކަންފަތުގައި ޖެހުނީ ފޯން ރިންގުވާ އަޑެވެ. އެ ވަގުތު ރާނީގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ. އެ ރިންގަކީ ހަމައެކަނި ތަހުގީގު ޑިޕާޓްމަންޓުގެ ނަންބަރަށް އޭނާ ލައިފައި އޮންނަ ރިންގެކެވެ. ތެޅިގަނެފައި ރާނީ އަވަސް އަވަހަށް އެނދާ ދިމާލަށް ދިޔައެވެ. އެ ވަގުތު ޖަބީންގެ ރޮމޭންޓިކް މޫޑު މުޅިން ގެއްލިއްޖެއެވެ.

"ލައްބަ. ލައްބަ. އަޅުގަނޑު ހަމަ މިހާރު މި ދަނީ،" ރާނީ ބުންޏެވެ. ހާސްވެ ހުރެއެވެ.

ދެރަވެފައި ހުރެ ޖަބީންގެ މޫނަށް ރާނީއަށް ބަލައިލެވުނެވެ.

"ސޮރީ ބޭބީ. ކުއްލިއަކަށް ދާން ޖެހިއްޖެ. ވަރަށް އާޖެންޓު ކޭސްއެއް އައިސްގެން،" ރާނީ ބުންޏެވެ.

ޖަބީން މޫނު އަނބުރާލީއެވެ.

"ސޮރީ، އަންޑަސްޓޭންޑް ވައްޗޭ. އަހަރެންގެ ޒިންމާ އެނގެއެއްނު،" ރާނީ ބުންޏެވެ.

ޖަބީން ރުއްސަން އިތުރަށް ވަގުތު ހޭދަ ކުރެވޭކަށް ނެތެވެ. އަވަސް އަވަހަށް ޔުނީފޯމް އަޅައި، ތައްޔާރު ވިއެވެ. އެނދުގައި އޮތް ފޯނާއި ދަބަސް ނެގުމަށްފަހު އަނެއްކާ ވެސް ރާނީ ޖަބީންއަށް ބަލައިލިއެވެ. އޭރު ވެސް ޖަބީން އިނީ ހިތްހަމަ ނުޖެހިފައެވެ.

"ފިރިމީހާއަށް ވުރެ މުހިއްމުތަ؟ އަހަރެން ހީކުރީ ރާނީއަށް އެންމެ މުހިއްމު ވާނީ އަހަރެން ކަމަށް." ރާނީގެ ކަންފަތުގައި ޖަބީންގެ އަޑު ޖެހުނެވެ.

އޭރު ރާނީ ހުރީ ކޮޓަރި ދޮރުމަތީގައެވެ. ޖަބީންގެ އެ ޖުމްލައިން ރާނީ އިންތިހާއަށް ދެރަވެއްޖެއެވެ. ނަމަވެސް އޮފީހަށް ދާން ލަސްވެފައި ހުރުމުން ގިނަ އިރު މަޑުކުރާކަށް ރާނީ ބޭނުމެއް ނުވިއެވެ.

"އަހަންނަށް އަބަދުވެސް މުހިއްމު ވާނީ ބީން. މިއީ އަހަރެންގެ ކެރިއާ. މި މަގާމުގައި ހުރިހާ ހިނދަކު މި ޒިންމާ އަދާކުރަން އަހަރެން އޮންނާނީ ވައުދެއް ވެފައި." ޖަބީންއަށް ހަނދާން ކޮށްދެމުން ރާނީ ބުންޏެވެ.

އޮފީހަށް ދެވުނު އިރު ވެސް ރާނީގެ ސިކުނޑީގައި ވަނީ ޖަބީންއެވެ. ލޯބިވާ ފިރިމީހާއަށް ދޭން ޖެހޭ ވަގުތު ނުދީ، ވަޒީފާއަށް އިސްކަން ދޭން ޖެހުމުން ޚުދު ރާނީ ވެސް ބައެއް ފަހަރު ދެރަވެއެވެ. ރާނީއަކީ ޕޮލިސްގެ މަތީ ރޭންކެއް ފުރަމުން އަންނަ ހީވާގި ފުލުހެކެވެ. އެހެންވެ، ވަޒީފާގެ ގޮތުން އޭނާގެ ޒިންމާ ނުހަނު ބޮޑެވެ.

"ކިޑްނެޕް ކޮށްގެން." އަބީދު ބުންޏެވެ.

އޮފީހުގައި އެ ވަގުތު ޑިޔުޓީގައި ހުރި އެކަކީ އިންވެސްޓިގޭޝަން އޮފިސަރު އަބީދެވެ. އަވަސް ހިނގުމެއްގައި އައިސް މޭޒުމަތީގައި އަތް ދަބަސް ބަހައްޓަމުން ރާނީ ހަމަޖެހިލިއެވެ.

"ނަމަކީ ޝާޔާ. ޝާޔާ ރަފީގު. ރިޕޯޓު ކުރީ ކުއްޖާގެ ބައްޕަ އަލީ ރަފީގު،" އަބީދު ބުންޏެވެ.

ދެއަތް މޭޒުމަތީގައި ވިއްދާލުމަށްފަހު ރާނީ ކުޑަކޮށް ގުދުވެލީ ކޮމްޕިޔުޓަރާ ދިމާލަށެވެ.

"ކިޑްނެޕެއްކަން ޔަގީންވަނީ ކިހިނެއްބާ؟ ކުއްޖާ އަމިއްލައަށް ފިލައިފާނެ ދޯ؟" ރާނީ ބުންޏެވެ.

އޭރު ވެސް އޭނާ ދިޔައީ ކޮންމެވެސް ފައިލެއް ފެނޭތޯ ބަލަމުންނެވެ.

"ރަފީގު އެބައިން އޮފީހުގައި." އަބީދު ބުންޏެވެ.

"ހޫމް. އެބަ ދަން،" ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ރާނީ ބުނެލިއެވެ.

ރެކޯޑު ކުރާ ސާމާނު ހިފައިގެން ރާނީ ގޮސް ވަނީ ރަފީގު އިން ކޮޓަރިއަށެވެ. އެ ކޮޓަރީގައި ހުރީ ހަމައެކަނި ދެ ގޮނޑިއާއި މޭޒެކެވެ. ސީލިންގުގެ މެދުގައި ބޮޑު، ހުދު ބޮތްކެއް ހަރުކޮށްފައި ހުއްޓެވެ. ރާނީ ފެނުމާއެކު ރަފީގު ދެ ލޮލުން ކަރުނަ ފޮހެލަމުން ބަލައިލިއެވެ.

"އެއީ ވަރަށް ރުޅި ގަދަ ކުއްޖެއް. މަންމަވަނީ ވަރަށް ކުޑައިރު ނިޔާވެފައި. އެހެންވެ އޭނަ ބެލީ އަހަރެން. ވަރަށް ހާލުގައި ބެލީ. އޭނަ ބޭނުންވާ ގޮތަށް ކަންކަން ނުވިޔަސް އަހަރެންދެކެ ރުޅި އަންނާނެ. ގޭގައި ހުންނަ އެއްޗެހި ހަލާކު ކުރާނެ. އޭނަ އަބަދު ވެސް އަހަރެން ދެކެ ރުޅި އާދޭ." ރަފީގު ބުންޏެވެ.

އޭނާގެ ކުރިމަތީގައި ރެކޯޑަރު ޖައްސައިގެން ރާނީ އިނީ ކަނުލައި އަޑުއަހާށެވެ.

"އެކަމަކު ފާހަގަ ކުރެވޭ ވަރަށް ރަނގަޅު ކަމެއް ވެސް އެބައޮތް. އޭނަ ދުވަހަކު ވެސް އަހަރެން ގާތު ނުބުނެ ތަނަކަށް ނުދާނެ. މީހުންނާ ވެސް ރައްޓެހިވޭ. އެ މީހުންނާ އެކު ތަންތަނަށް ވެސް ދޭ. ނުދާށޭ ބުންޏަސް ދަމުން ބުނާނެ ބައްޕާއޭ އަހަރެން މި ދަނީއޭ. މިވެނި ވަރަކަށް ދުވަސް ފަހުން އަންނާނަމޭ. ރިސޯޓުތަކަށް ދާ ކަން ވެސް އަހަންނަށް އެނގޭ." ރަފީގު ކިޔައިދިނެވެ.

"ކިޑްނެޕް ކުރީ ކަމަށް ރަފީގު ތި ބުނަނީ އޭނަ ނުބުނެ ތަނަކަށް ދިޔައީމަތަ؟" ރާނީ ސުވާލު ކުރީ ބާރަށެވެ.

"އަހަރެންގެ ދަރިފުޅު މާލެ އައިތާ އަދި މިވީ ފަސް ވަރަކަށް ދުވަސް. މިރޭ އިރާކޮޅު އޭނަ އޮތީ ސިޓިންރޫމްގައި. އަހަރެން ވެސް އެތާ އިނިން. އެ ވަގުތު އޭނައަށް އައީ ފޯނެއް. ފޯނުގައި ހުރެ އޭނަ ފޭބީ ތިރިއަށް. އަހަރެން ހީ ކުރީ އޭނަ ދިޔައީ ކޮންމެވެސް އެއްޗެއް ބަލައި ކަމަށް. އޯޑަރު ކޮށްގެން ވަރަށް ގިނައިން ކާ އެއްޗެހި ވެސް ޝާޔާ ގެންނާނެ. އެދިޔަ ގޮތަށް އޭނަ ނާދެ." ރަފީގު ބުންޏެވެ.

ރަފީގު ވާހަކަ ދައްކަމުން ދިޔައިރު ރާނީ އިނީ ފުން ވިސްނުމެއްގައެވެ.

"ފޯނު ވެސް އޮތީ ނިއްވާފައި. މިއަދަށް މި ވީ ދެ ދުވަސް،" ރަފީގުއަށް ރޮވިއްޖެއެވެ.

ކުރިމަތީގައި ހުރި ޓިޝޫ ފޮށި ރަފީގުއާ ދިމާލަށް ޖައްސާލުމަށްފަހު ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އެންމެ ރަނގަޅު ގެއަށް ދިޔަޔަސް. އިތުރު މައުލޫމާތެއް ބޭނުން ވިޔަސް، އަޅުގަނޑުމެންނަށް ލިބުނަސް ގުޅާނަން." ރާނީ ބުންޏެވެ.

ރާނީ އެނބުރި އައި އިރު އަބީދު ހުރީ އޭނާގެ އިންތިޒާރުގައެވެ. ރާނީ ފެނުމާއެކު އަބީދު އެދުނީ ރިކޯޑަރު ދިނުމަށެވެ. ރަފީގުގެ ވާހަކަ އޭނާ ވެސް އަޑު އެހިއެވެ.

"އަހަންނަށް ހީވަނީ ރަފީގުގެ އިންޓެންޝަން ރަނގަޅެއް ނޫންހެން. ހަމަ ވެދާނެ އޭނަ ޝާޔާއަށް ކަމެއް ކޮށްފައި މަރައިލީ ކަމަށް،" އަބީދު ބުންޏެވެ.

"އާންމުކޮށް ދިމާވަނީ ތިހެން ދޯ. އެ ސަރަހައްދުގެ ސީސީކެމެރާތައް ހުރީ ހަލާކު ވެފައި ކަމަށް ޓެކްނިކަލް ޓީމުން ބުނެފި." ރާނީ ބުންޏެވެ.

ޝާޔާ ގެއްލުނު ވާހަކަ ހުރިހާ ނޫސްތަކެއްގެ ސުރުހީއަށް އަރައިފިއެވެ. މުޅި މީޑިއާގައި އެއް އަޑު ކިޔާފައި އޮތީ އެ ވާހަކައެވެ. ފުލުހުން އޭރު ވެސް ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާނީއަށް ގެއަށް އާދެވުނު އިރު ހެނދުނު ވެއްޖެއެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ، ނިދި ވެސް އައިހެވެ. ނިދާފައި އޮތް ޖަބީން ފެނުމުން އޭނާ ދެރަވެއްޖެއެވެ. ކޮޓަރި ދޮރު ލައްޕާލި އަޑަށް އެ ވަގުތު ޖަބީން ހޭލައިފިއެވެ.

"އަދި ކިރިޔާތަ ނިމުނީ؟" ޖަބީން އެހިއެވެ.

ބޯ ޖަހާލަމުން ރާނީ އެނދުގައި އިށީނެވެ. ދެ އަތުން ބޮލުގައި ހިފަހައްޓާލުމުން ޖަބީން ތެދުވެ ރާނީގެ ބުރަކަށީގައި ފިރުމާލިއެވެ.

"ސޮރީ، އަހަންނަށް އެނގޭ ރާނީ ވަރަށް ބިޒީ ވާނެކަން. އެކަމަކު އަހަރެން ވެސް ބޭނުން ވެފައި ހުރި ވަރުން އެ ގޮތަށް ވާހަކަ ދެއްކުނީ،" ޖަބީން ބުންޏެވެ.

"އިޓްސް އޯކޭ ބޭބީ. ބީން މިކޮޅުގައި ނެތް ނަމަ އަހަރެން މިއަދު ގެއަށް ނުވެސް ވަންނާނެ ކަންނޭނގެ،" ރާނީ ވާހަކަ ދެއްކީ ވަރުބަލި ކަމާ އެކުގައެވެ.

"ކިހިނެއްވީ؟ މާ ބޮޑު ކަމެއް ވީތަ؟" ޖަބީން އެހިއެވެ. އަދި އޭނާ ރާނީގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ.

"ނޫސްތަކުގައި އެ އޮތީ ކަން ވީ ގޮތް. ރޭ ދަންވަރު ނޫސްވެރިންނާ ވެސް ބައްދަލު ކުރިން." ރާނީ ބުންޏެވެ.

ހައިރާންވެފައި ޖަބީން ނެގީ ބާލީސް ދަށުގައި އޮތް ފޯނެވެ.

"އަހަރެން ވަރަށް އުފާވޭ ބީން އަހަންނަށް ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދޭތީ. ބީން އަންޑަސްޓޭންޑް ނުވާ ނަމަ އަހަންނަށް މި ކަމެއް ނުވީސް،" ރާނީ ބުނެލިއެވެ.

އޭރު ޖަބީން އިނީ ފޯނުން ހަބަރުތައް ބަލާށެވެ.

"މި ޒަމާނުގައި ކިޑްނެޕް ވެސް ކުރެވޭތަ؟ އެ ކުއްޖާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟" ޖަބީން އަހާލިއެވެ.

ވަރުދެރަ ކަމާއެކު ރާނީ ދެ ފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނަމުންނެވެ. ރާނީއަކީ އޭނާގެ ވަޒީފާއަށް ވަރަށް ވަފާތެރި މީހެކެވެ. ކުށުގެ ސިއްރުތައް ފިރިމީހާއަށް ވެސް އޭނާ ސިއްރު ކުރެއެވެ. ފާޅުގައި އެނގެން ހުންނަ ކަންކަން ފިޔަވައި ހިއްސާއެއް ނުކުރާނެއެވެ. އެކަން ޖަބީންއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.

"ސީސީތައް ނުބަލަންތަ؟" އަނެއްކާ ވެސް ޖަބީން ސުވާލު ކުރިއެވެ.

"ހަލާކުވެފައި ހުރީ." ރާނީ ބުންޏެވެ.

"ދެން ތިކަން ލޯބިއަށް ފަސޭހައިން ކާމިޔާބު ކުރެވެން އޮތީ ކޮން ގޮތަކުން؟" ޖަބީން އެހިއެވެ.

އެ ވަގުތު ޖަބީންގެ މޫނަށް ރާނީއަށް ބަލައިލެވުނީ ހިތްހަމަ ނުޖެހިފައި އިނދެއެވެ. މީގެ ކުރިން ވެސް އޭނާ ވާނީ ތަހުގީގުތަކާ ގުޅިގެން އެއްވެސް ސުވާލެއް ނުކުރުމަށް ޖަބީން ގާތު އެދިފައެވެ. އެހެންވެ ރާނީއަށް ބަލައިލެވުނު ގޮތުން ޖަބީންއަށް ވެސް އެކަން ހަނދާންވި ކަހަލައެވެ.

"ރާނީ ތިހެން ކަންބޮޑުވެފައި އިންނާތީ އަހަންނަށް ހާދަ އުނދަގޫވެޔޭ. އެހެން ނޫނަސް ރާނީގެ މަސައްކަތުން އެ ކުއްޖާ ސަލާމަތް ކުރެވުނިއްޔާ އަހަރެން ވަރަށް އުފާވާނެ،" ޖަބީން ރާނީގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ. އެ ވަގުތު ރާނީއަށް ވެސް ހިތްހަމަ ޖެހުން ލިބުނު ކަހަލައެވެ.

ހަފްތާއެއް ފާއިތު ވެގެން ދިޔައިރު ވެސް ޝާޔާގެ އެއްވެސް ހަބަރެއް ފުލުހުންނަކަށް ނުހޯދުނެވެ. އެހެންވެ، އާއްމު ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑު ކިޔުންތައް ރާނީއާއި އޭނާގެ ޓީމަށް އަމާޒު ވާން ފެށިއެވެ. އެކަން ވެގެން ދިޔައީ ރާނީއަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. ގެއަށް އައިސް ކޮންމެ ރެޔަކު އޭނާ ޖަބީން ގާތު ރޮއެވެ.

އޮފީސް ދޮރުމަތީގައި ސައިކަލް ޕާކު ކުރުމާއެކު ރާނީއަށް ސިހުން ލިބުނެވެ. މަގުމަތިން ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކު އޭނާގެ ގަޔަށް ދެތިން ފެން ކޮތަޅު ހޫރައިލާ އޭނާ ތެންމާލީއެވެ. އެކަން އެ ކުރީ ޝާޔާގެ ކޭސް ކާމިޔާބު ނުވެ، ދިގުދެމިގެން ދާތީކަން ރާނީއަށް އެނގުނެވެ.

ތެމި ފޯވެގެން އޭނާ އޮފީހަށް ވަތް އިރު އަބީދު އިނީ އޭނާގެ އިންތިޒާރުގައެވެ. އޭނާ ފެނުމުން އަބީދަށް ވެސް ލިބުނީ ހައިރާން ކަމެވެ.

"އަޅައިނުލާ. ހިކިދާނެ،" ރާނީ ބުންޏެވެ.

ރާނީގެ ޖުމްލައިން އިތުރު ސުވާލެއް ކުރާކަށް އަބީދަކަށް ނުކެރުނެވެ. އެހެންވެ، އޭނާ ފެށީ ޝާޔާގެ ވާހަކައެވެ.

"ޝާޔާގެ ފޯނަށް ގުޅާފައި އޮތީ ފޭސްބުކް އެކައުންޓެއްގެ މެސެންޖާ އިން. ރަފީގު ފިޔަވައި އިތުރު ނަންބަރަކުން ނެތް އޭނައަށް ކޯލެއް އައިސްފައެއް. މިއީ އަޖައިބެއްނު." އަބީދު ބުންޏެވެ.

"ކޮން ނަމެއްގައި އޮތް އެކައުންޓެއް؟" ރާނީ ސުވާލު ކުރީ ނުހަނު އަވަހަށެވެ.

"ބީސްޓް." އަބީދު ބުނެލީ ކޮމްޕިޔުޓަރު ރާނީއާ ދިމާލަށް އަނބުރާލަމުންނެވެ. ރާނީއަށް ބޯ ޖަހާލެވުނެވެ.

ޖަބީން ފިހާރައަށް ދިޔަ ވަގުތު ރާނީ އުޅުނީ މަސައްކަތު މީހާ ގެއަށް ގެނެސްގެންނެވެ. އޭނާއާއެކު ސާފު ކުރުމުގެ މަސައްކަތުގައި ރާނީ ވެސް އެހީތެރިވަމުން ދިޔައެވެ. ކޮޓަރީގައި މޮޕްލާން ހުއްޓާ، މަސައްކަތު މީހާ އައިސް ރާނީ އަތަށް ކަރުދާސްތަކެއް ދިއްކޮށްލީ ބޭނުންތެރި އެއްޗެއްތޯ އަހަމުންނެވެ.

ރާނީ ކުޑަކޮށް އެ ކަރުދާސްތަކަށް ނަޒަރު ހިންގައިލިއެވެ. އެއީ ވިޔަފާރި ޑޮކިޔުމަންޓްތަކެކެވެ. އޭނާ އުޅުނީ ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީ، ކަރުދާސްތައް ބަހައްޓާށެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭގެ ތެރެއިން ވެއްޓުނު ކަރުދާސްކޮޅެކެވެ.

"ޝާޔާ ރަފީގް؟" ރާނީއަށް ޝާޔާގެ ނަން ކިޔާލެވުނެވެ.

ރަނގަޅަށް އެ ކަރުދާސްކޮޅަށް ބަލައިލީ ދެނެވެ. ދުބާއީން ޝާޔާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ހަފުތާ ކުރިންކަން ރާނީއަށް އެނގުނެވެ. ބާރު ހިނގުމުގައި ރާނީ ގޮސް ފުރަތަމަ ވެސް މަސައްކަތު މީހާ ގެއަށް ފޮނުވާލިއެވެ. އަދި ދޮރު ލައްޕައި ތަޅުލީ ހާސްވެފައި ހުރެއެވެ. ޖަބީންގެ ކަބަޑު ހުޅުވުމަށްފަހު ޗެކް ކުރަން ފެށިއެވެ. އޭރު ވެސް ސިކުނޑީގައި އިނީ ޝާޔާ ރަފީގުގެ ނަމެވެ.

އިތުރު އެއްވެސް ހެއްކެއް ނުފެނުމުން ރާނީ ވިސްނަން ފެށިއެވެ. އެނދުމަތީ އޮތް ފޯނު ނެގުމާއެކު ވައިފައި ކެނޑިފައި އޮތްކަން ރާނީއަށް އެނގުނެވެ.

ވައިފައި ޕާސްވޯޑު ހަނދާން ނެތުމުން ޖަބީންއަށް މެސެޖް ކުރަން އޭނާއަށް މަޖުބޫރު ވިއެވެ. ލިބުނު މެސެޖް ހުޅުވައިލުމާ އެކު ރާނީއަށް ލޯ ކުޑަ ކޮށްލެވުނެވެ. އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ބީސްޓްގެ ނަމެވެ. އިނގިރޭސި އަކުރުން ބީސްޓް ލިޔެފައި އޮތް އިރު ކޮންމެ ދެ އަކުރެއްގެ ދެމެދަށް ހިސާބު އަދަދެއް އޮވެއެވެ. ނަމަވެސް ރާނީއަށް އެ ޕާސްވޯޑު ފެނުމާއެކު ޝާޔާގެ ސިއްރު ލޯބިވެރިޔާ ބީސްޓަކީ ކާކުކަން ޔަގީން ކުރެވުނެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ، ރާނީ ވިސްނަން ފެށިއެވެ.

ރާނީ އިންތިހާއަށް ޖަބީންދެކެ ލޯބިވެއެވެ. ނަމަވެސް މިއަދު އޭނާއަށް ޖަބީންގެ ހަގީގަތް ހާމަ ވީ ހިތްދަތި ގޮތަކަށެވެ. ފިރިމީހާ ދެކެ ވާ ލޯބިން އެކަން ސިއްރު ކުރަން ވީ ހެއްޔެވެ؟

ރާނީ ތެދުވެއްޖެއެވެ. ބޯކޮށް ވާރޭ ވެހެމުންދާކަން ވެސް އޭނާއަށް އެނގުނީ ދެނެވެ. ވިއްސާރަ ކޯޓު ލާން ވެސް އޭނާ ހަނދާން ނެތް ކަހަލައެވެ. ފުލުސް އޮފީހަށް ވަތް އިރު އޭނާ ހުރީ ތުރުތުރު އަޅާ ހާލުގައެވެ. އަބީދަށް ރާނީ ފެނުމާއެކު ހައިރާންވެ ހުރެ ތެދުވިއެވެ. ރާނީގެ ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތައް އަބީދަކަށް ސިއްރެއް ނުކުރެވުނެވެ. އެ ވަގުތު ރާނީ ހުރިހާ ވާހަކައެއް އަބީދަށް ކިޔައިދިނެވެ.

"ޖަބީން... ޖަބީން ހައްޔަރު ކުރޭ،" އެތެރޭގައި ނޭވާ ހިފަހައްޓައިގެން ހުރެ ރާނީ އަމުރު ކުރިއެވެ.

ހަމައެކަނި އިވެނީ ބޫޓުގެ ޓިކްޓޮކްގެ އަޑެވެ. ތަހުގީގު ކުރާ ކޮޓަރީގައި ޖަބީން އޮތީ މޭޒުގައި ބޯ އަޅާލައިގެންނެވެ. ކުރިމަތީގައި ހުރި ގޮނޑި ދަމާލި އަޑަށް ސިހިފައި ޖަބީން ބޯ ހިއްލާލިއެވެ. އޭރު ކުރިމަތީގައި އިނީ އޭނާގެ އަންހެނުން ރާނީއެވެ. ފުރަތަމަ ވެސް ޖަބީންއަށް ބަލައިލެވުނީ ރާނީގެ ދެ ލޮލަށެވެ. އެ ދެ ލޮލުގައި ވަނީ ވަރުބަލި ކަމެވެ. ރަތްވެ، ދެ ލޯ ވަނީ ދުޅަ ވެފައެވެ.

ހިންދިރުވާލުމަށްފަހު ރާނީ ޖަބީންގެ މޫނަށް ބަލައިލިއެވެ. އަތުގައި އޮތް ރެކޯޑަރު އޮން ކޮށްލި އިރުގައި ވެސް އޭނާއަށް ބެލެނީ ޖަބީންގެ ލޮލަށެވެ.

"ކީއްވެ އަހަރެން ބޭޒާރު ކުރީ؟" ރުޅިވެރި އަޑަކުން ޖަބީން ބުންޏެވެ.

އޭނާގެ ބާރު އަޑު އިވި، ރާނީ ދިޔައީ ސިހިގެންނެވެ. މީގެ ކުރިން ދުވަހަކު ވެސް ރާނީއާ އެފަދަ ގޮތަކަށް ޖަބީން ވާހަކަ ދައްކާފައެއް ނުވެއެވެ.

"އަހަންނަކީ ފުލުހެއް. މިއީ އަހަރެންގެ ވާޖިބެއް." ރާނީގެ ދޫ ހަރަކާތް ކޮށްލީ ގަދަ ބާރުންނެވެ.

"ޕާސަނަލް ވާހަކަ ދައްކާނީ މި ވަގުތަކު ނޫން. އަހަންނަށް އަހަރެންގެ ޒިންމާ އަދާ ކުރުމަށް ފުރުސަތު ދީ." ރާނީގެ ޖުމްލަ ނުނިމެނީސް ޖަބީން ތެދުވެ ރާނީގެ މޫނުމަތީގައި ޖަހައިފިއެވެ.

އެ ވަގުތު އެ ކޮޓަރި ތެރެއަށް ހައެއްކަ ފުލުހުން ވަދެ، ޖަބީން ރާނީއާ ދުރު ކުރުވިއެވެ. އެ މީހުން ޖަބީން ގޮވައިގެން ދިޔައިރުގައި ވެސް ރާނީ ހުރީ ރޮވިފައި ބަލަހައްޓައިގެންނެވެ.

އެ ކޭސް ތަހުގީގު ކުރީ ރާނީގެ ބެލުމުގެ ދަށުން އަބީދުއެވެ. ޝާޔާ ރަފީގު ބަންދު ކޮށްގެން ޖަބީން ގެންގުޅެނީ އޭނާގެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައެވެ. އެއީ ޖަބީން ކުރިން މަސައްކަތް ކުރި ސައުންޑް ޕްރޫފް ސްޓޫޑިޔޯއެކެވެ. ޖަބީންއާއި ޝާޔާއަކީ ކުރީއްސުރެ ވެސް ދެ ލޯބިވެރިންނެވެ. ޖަބީންގެ ވިޔަފާރި ދަތުރުތަކުގައި ވެސް އޭނާއާއެކު ޝާޔާ އަބަދު ވެސް ދަތުރު ކުރެއެވެ.

ޝާޔާ، ޖަބީންއާ އެކު އެ ގެއަށް ދިޔައީ ހިތުން ރުހުމުންނެވެ. ނަމަވެސް އެ ގެއަށް ދިޔުމަށްފަހު، ޖަބީންގެ އަނތްބަކު ހުންނަކަން ޝާޔާއަށް އެނގުނެވެ. އެހެންވެ، އޭނާ ބޭނުންވީ ރާނީއާ ބައްދަލްކޮށް ޖަބީންގެ ހަގީގަތް ކިޔައިދޭށެވެ. އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި ޖަބީން، ޝާޔާ ކޮޓަރީގައި ހައްޔަރު ކުރިއެވެ.

ހަގީގަތާ ކުރިމަތި ލާނެ ހިތްވަރު ރާނީގެ ގައިގައި އެބަހުއްޓެވެ. ބޭވަފާތެރި ފިރިޔަކަށް ވުރެ އޭނާއަށް މުހިއްމުވީ ގައުމަށް ވަފާތެރި ވުމެވެ. މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ދޫނިދޫ ޖަލަށް ޖަބީން ފޮނުވާލަން ހުކުމް ކުރިއެވެ. އެ ޝަރީއަތުގައި ރާނީ ބައިވެރިވިއެވެ. އޭނާ ދެއްކި ހިތްވަރާއި ނަމޫނާ މަސައްކަތަށް އެ ދުވަހު އެންމެންގެ ތައުރީފް އޮހެމުން ދިޔައެވެ.

ރާނީ ނިކުތީ ޖަބީންގެ ފަހަތުންނެވެ. އޭނާގެ ދެ ލޯ އަމާޒު ވެފައި ހުރީ ބިޑިއަޅުވައިފައި ހުރި ޖަބީންގެ ދެ އަތަށެވެ. ކޯޓުން ނިކުމެ ރާނީ މޫނު އަނބުރައިލީ ޖަބީނާ ދުރަށެވެ. ފުރަގަސް ދިނުމަށްފަހު އޭނާ ހިނގައިގަތީ ދުރަށް ހިނގައިގަތީ ހިތްހަމަ ޖެހުމުގެ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުންނެވެ. ކިތަންމެ ލޯބިވި ނަމަވެސް ކުށްވެރިޔަކަށް ހިމާޔަތް ދިނުމަށް ވުރެ، ގައުމީ ހިދުމަތް އޭނާއަށް މާ މުހިއްމެވެ.

ނިމުނީ

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީސްޓް001

30 March 2024

މިހާރު އެބަ ރަނގަޅުވޭ

The name is already taken The name is available. Register?

ކޮކީލާ

29 March 2024

vaahaka ވަރަށްރީތި ނިމުންވެސް ފައްކާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454