24 ޖޫން 2024 - 05:59
ރާހުލް މޯދީ އާއި އޭނާއާ ދެމެދުގައި އޮންނަނީ ލޯބީގެ ގުޅުމެއްކަން ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރް ކަށަވަރުކޮށްދީފި އެވެ.
މަސައްކަތުގައި އަވަދިނެތި އުޅެމުން އަންނަ ޝްރައްދާ ދާދި ފަހުން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ފިލްމު ރައިޓަރު ރާހުލް އާއި ޝްރައްދާއާ ދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށް އަޑު ފެތުރިފައި ވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިފަހުން ޝްރައްދާ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓަކުން ވަނީ މިކަން ކަށަވަރުވެފަ އެވެ. އެއީ ދެ ދެމީހުންގެ ސެލްފީއެކެވެ.
"އަހަރެންގެ ހިތް ގެންދިޔަސް، އަހަންނަށް ނިދިޔަ ދީ،" އެ ސެލްފީގެ ކެޕްޝަންގައި ޝްރައްދާ ލިޔެފައިވެ އެވެ.
މި އަޑުތައް ފުރަތަމަ ފެތުރުނީ އިންޑިއާގެ ޖަމްނަގަރުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެނީގެ ކުރިން ބޭއްވި ހަފުލާއެއްގައި މި ދެމީހުން އެކުގައި ބައިވެރިވުމުންނެވެ.
މިދިޔަ މާޗު މަހު ޝްރައްދާ އިންސްޓަގްރާމް ކުރި ޕޯސްޓަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އޭނާގެ ނިދާ ހެދުމުގައި ހުރެ ނަގާފައިވާ އެ ފޮޓޯއިން ފެންނަ ގޮތުގައި، އެ ހެދުމުގައި ވަނީ "އާރު" އަކުރެއް ލިޔެފަ އެވެ. އެ ނިދާހެދުމުގައި ލިޔެފައިވާ "އާރު" އަކުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އަދި އެއީ ވެސް އޭނާ ދިން ހިންޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.
ޝްރައްދާ އެންމެ ފަހުން ކުޅުނީ ކަބީރް ހާން ޑައިރެކްޓުކޮށް މި މަހު ރިލީޒްކުރި ފިލްމް "ޗަންދޫ ޗެމްޕިއަން" އެވެ. އެއީ ކާތިކް އަރްޔަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy