އެލެކްސް އާއި ޖެނިފާ ލޮޕޭޒް: ދެ މީހުން އުޅެނީ ރައްޓެހިވެގެން ކަމަށްވޭ.
10 މާޗް 2017 - 06:36
ލަވަ ކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒާއި ރެޕާ ޑްރޭކް ރައްޓެހިވެގެން އުޅޭ ކަމަށް ދާދި ފަހުން އަޑު ފެތުރިފައި ވަނިކޮށް، ޖެނިފާ މުޅިން އާ ބައިވެރިއަކު ހޯދައިފި އެވެ.
ކުރިން އެކްޓަރު ބެން އެފްލެކާ ވެސް ސީރިއަސް ގުޅުމެއް ބޭއްވި، ދެ ކުދިންގެ މަންމަގެ ހަޔާތަށް މި ފަހަރު އައިސްފައި ވަނީ މުޅިން އެހެން ދާއިރާއަކަށް ނިސްބަތްވާ ބައިވެރިއެކެވެ.
އެއީ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ނިއުޔޯކް ޔަންކީޒްގެ އެލެކްސް ރޮޑްރިގޭޒެވެ. އެ ދެ މީހުން މިހާރު އުޅެނީ ސީރިއަސް ގުޅުމެއްގެ ތެރޭގައި ކަމަށާއި އެ ގުޅުން އަދި އޮތީ ވަރަށް ޅަފަތުގައި ކަމަށްވެ އެވެ.
ޖެނިފާ އާއި އެލެކްސްގެ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރިފައި މި ވަނީ ލަސް ވެގަސްގައި މިދިޔަ މަހު ބޭއްވި ޖެނިފާގެ ކޮންސަޓެއް ވެސް ބަލާލަން ގޮސް އުޅެނިކޮށް އެލެކްސް ފެނިފައި ވަނިކޮށާއި މަޔާމީގައި ދެ މީހުން އެކުގައި ވަގުތުތައް ހޭދަކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޖެނިފާ އާއި އެލެކްސްގެ ތަރުޖަމާނުން ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އިންކާރުކޮށްފަ އެވެ.
އެލެކްސް (މ) އާ އެކު ޖެނިފާ ލޮޕޭޒް.
އެލެކްސް، 41، އަހަރެއްހާ ދުވަސް ވަންދެން ރައްޓެހިވެން އުޅުނު ޓެކް ސީއީއޯ އެނީ ވޮސިކީގެ ގުޅުން ވެސް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށްވެ އެވެ.
ޖެނިޕާ، 47، މީގެ ކުރިން ވަނީ ތިން ކައިވެންޏެއްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy