"ހިމޭން ދުނިޔެއަކަށް" ފަހު ސަޖުނާ ބިޒީ ވެއްޖެ، މިހާރު "ހެޕީ"

ކުރިން ވަރަށް މަޝްހޫރުވި ބަތަލާ ސަޖްނާ އަހުމަދުގެ މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟ ދެހާހުގެ އަހަރުތައް ފެށިގެން އައި އިރު، ފުވައްމުލަކަށް އުފަން މި ބަތަލާއަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގަދަ އަށް ފިޔަ ޖަހާލި އެއް ތަރި އެވެ. އެތައް ވީޑިއޯ ލަވައަކާއި ބައެއް ފިލްމުތައް ވެސް ކުޅެ އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދި އެެވެ.


އެއީ ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް ހަފުތާ މަޖައްލާތައް ވެސް ނެރެމުން އައި ދުވަސްވަރެކެވެ. މަޖައްލާތަކުގެ ކަވަރުން ޖާގަ ހޯދުމާއި ސަޖުނާއާ ބެހޭ ވާހަކައެއް އޭރުގެ މަޖައްލާތަކުގެ ފިލްމީ ހަބަރުތަކުގެ ތެރޭގައި ހިމެނުމަކީ ކޮންމެހެން މުހިއްމު ކަމަކަށް ވެސް އޮތީ ވެފަ އެވެ.

އުމުރުން 18 އަހަރުގައި ފިލްމީ ދާއިރާ އަށް ނިކުމެ، ކުރިއަރަމުން ދަނިކޮށް، ސަޖްނާގެ ތަރި އޮއްސުމަކީ އޭނާ އަށް ސަޕޯޓްކުރި އެތައް ފޭނުންނަކަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އެތައް އޮފާތަކެއް އޮހެމުން ދަނިކޮށް، އަހުލާގީ މައްސަލަގަނޑެއް ފެންމަތިވުމުގެ އިތުރުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަ އެވެ.

ސަޖްނާ އޭނާގެ ދޮށީ އަންހެން ދަރިފުޅާ އެކު: ފިލްމީ ދާއިރާ އަށް އަލުން އެނބުރި އައުމުގެ ވިސްނުމެއް ނެތް.

އެ ހިސާބުން ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ.

ހިތި ތަޖުރިބާއެކެެވެ. މިހާރު އެ ސަފުހާތައް ހަނދާން ކުރާކަށް ވެސް ސަޖުނާ ބޭނުމެއް ނޫނެވެ. އެ ވާހަކަތައް އަލުން ދައްކާކަށް ވެސް، އުމުރުން 32 އަހަރުގެ، ބަތަލާ ބޭނުމެއް ނުވެ އެވެ.

ސަޖުނާގެ ދިރިއުޅުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސް އަލުން ޒަވާޖީ ހަޔާތެއް ވެސް ވަނީ ފަށައިފަ އެވެ. މިހާރު އެއީ ދެ ކުދިންގެ މަންމައެކެވެ.

ސަޖްނާ އާއި ސީޒަން ކުޅެފައިވާ ލަވައެއް

"މިހާރު ދެން ވަރަށް ފަލަ ވެސްވެއްޖެ. އަހަރެން ފެނުނަސް މިހާރު ނޭނގޭނެ ގިނަ ބަޔަކަށް،" ހިނިގަނޑެއް ޖަހާލާފައި ސަޖްނާ ބުންޏެވެ.

އޭނާ މިހާރު ކުރަނީ ކީއްތޯ ބަލާލަމާ ހިނގާށެވެ. ސަޖްނާ އަދިވެސް ހުރީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގޮތަށް ބާވަ އެވެ؟ އަލުން އޭނާ ސްކްރީނުން ފެނިދާނެ ބާވަ އެވެ؟

"ދެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން އަލުން ފިލްމީ ދާއިރާ އަށް ނިކުންނާކަށް. އެކަހަލަ ޝައުގެއް، ވިސްނުމެއް ވެސް ނެތް،" ހަޔާތުގައި ދިމާވި ހިތްދަތި ތަޖުރިބާ އިން އަރައިގަތްތާ މިހާރު ހަތް އަހަރު ވެފައިވާ ބަތަލާ ބުންޏެވެ.

އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނެވެ. އަލުން ކައިވެނިކުރީ 2010 ގަ އެވެ. ދެ އަންހެން ދަރިންގެ ތެރެއިން ދޮށީ ކުއްޖާ އަށް ހަ އަހަރު ވީއިރު ހަގު ދަރިފުޅަށް އަދި ކިރިޔާ އަހަރެކެވެ.

"ލައިފްގެ ދިމާވި އެންމެ ހިތްދަތި ދުވަސްތަކުން އަރައިގަތްތާ މިހާރު ހަތް އަހަރު ވެއްޖެ. މާލޭގައި ހަތަރު އަހަރު ވަންދެން އުޅެފައި، މިހާރު ރަށަށް ބަދަލުވިތާ ވެސް ތިން އަހަރު ވެއްޖެ.،" 2001 ގައި ނުކުތް "ހިމޭން ދުނިޔެ" އާއި "ނަމޫނާ އަދި "ކައިވެނީގެ ފުރަތަމަ ރޭ" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.

އޭނާ ބުނީ ރަށުގައި މިހާރު ދިރިއުޅެނީ ވަރަށް ހިތްހަމަޖެހިގެން އުފަލުން ކަމަށެވެ.

"ދެ ކުދިންނާ އެކު ފިރިމީހާގެ ގޭގައި މި އުޅެނީ. ދެން ރަށުގައި މިހާރު އުޅެވޭތީ ވަރަށް ހިތްހަމަޖެހޭ. ވަރަށް ހެޕީ ލައިފެއްގައި މި އުޅެނީ،" ސަޖުނާ ބުންޏެވެ.

"ކުރީގެ އެއްވެސް ވާހަކައެއް ދައްކާކަށް މިހާރު ބޭނުމެއް ނޫން."

އޭނާ މިހާރު ޕްލޭންކުރަމުން އަންނަނީ މާލެ ބަދަލުވާށެވެ. އެކަމަކު ދުވަހަކު ވެސް ދެން ފިލްމީ ދާއިރާ އިން ނުފެންނާނެ ކަމަށް ބުންޏެވެ.

"ނެތް އެއްވެސް ޝައުގެއް. މިހާރު ފިލްމީ ދާއިރާގެ އެއްވެސް ކަމެއް އަހަންނަކަށް ނުވެސް އެނގޭ. ބަލާކަށް ވެސް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.

އެންމެ ފަހުން ދިވެހި ފިލްމަކަށް ސަޖުނާ ބެލީ 2005 ވަނަ އަހަރުގައި ނިކުތް "ޒުލޭހާ" އެވެ.

ދައްތައެއް މެދުވެރިކޮށް ފިލްމީ ދާއިރާ އަށް ނިކުންނަން ފުރުސަތު ލިބުނު އިރު ވެސް، އެކަން ފެށީ ކޮންމެހެން އެކްޓް ކުރުމުގެ ޝައުގެއް ހުރެގެންނެއް ނޫނެވެ.

"ދުވަހަކު ހިތަށްއެރި ކަމެއް ވެސް ނޫން ފިލްމީ ދާއިރާ އަށް ނިކުތުމަކީ. އެކަމަކު ލަވައެއް ކުޅުނު ހިސާބުން ވަރަށް ގިނަ އޮފާތައް ލިބެން ފެށި. އޭރު ދެން ހިތަށްއެރީ ކުރިއަށް ދާނީއޭ. ކެރިއަރުގެ ވަރަށް ޕީކްގައި އުޅެނިކޮށް، މައްސަލަގަނޑެއްގެ ތެރެއަށް ދާން ޖެހުނީ،" ސަޖުނާ ބުންޏެވެ.

"އަސްލު ފިލްމީ ދާއިރާ އަށް ނިކުމެވިގެން ވީ ގޮތެއް ނޫން އެއީ. އަމިއްލަ އަށް އުޅެވުނު ގޮތުން އެ ތަޖުރިބާ ކުރަން ޖެހުނީ. މުޅި މީހާ އެކަނިވެރި ބާކީވެގެން ދިޔައީ އެ ހިސާބުން."

މިހާރުގެ ދިރިއުޅުން ވަރަށް ބިޒީ އެވެ. އެހެން ކަމަކަށް ވިސްނުން ދޫކޮށްލާކަށް ވަގުތެއް ނުވެ އެވެ.

"ފިރިމީހާ ރިސޯޓްގައި ވަޒީފާ އަދާކުރަނީ. ކުދިންގެ ކަންތައްތަކުގައި އަހަރެން ހަމަ ވަރަށް ބިޒީކޮށް މި އުޅެނީ. ފަތިސް ނަމާދަށް ހޭލާ ގޮތަށް ކުދިންނާއި ގޭގެ ކަންކަމުގައި މި އުޅެނީ،" އާންމުކޮށް ހަވީރު ރައްޓެހިންނާ އެކު ފަތަން ވެސް ދާ ސަޖްނާ ބުންޏެވެ.

"ވަރަށް ބިޒީ ލައިފެއްގައި ވަރަށް ހިތްހަމަޖެހިގެން މި އުޅެނީ."

ސަޖްނާގެ ފިރިމީހާ ސިމާދާއި ދޮށީ ދަރިފުޅާ އެކު.

ސަޖުނާ ސިފަކުރި ގޮތުގައި ލޯބިވާ އަދި އެކުގައި އުޅެން އެނގޭ ފިރިއެއް ލިބުމަކީ އެންމެ ބޮޑު ނަސީބެވެ.

"ފިރިމީހާ ވަރަށް ރަނގަޅު. އެއީ ވަރަށް އަންޑަސްޓޭންޑިން މީހެއް. ވަރަށް، ވަރަށް ހެޕީކޮށް މި އުޅެނީ."