ގޮށްރާޅު: ޝިނާންގެ ދެވަނަ ޑައިރެކްޝަން

މިދިޔަ އަހަރު ފާތުމަތު ނަހުލާއާ ގުޅިގެން "4426" ގެނެސްދިން ޑައިރެކްޓަރު އަހުމަދު ޝިނާން "ގޮށްރާޅު" ގެ ނަމުގައި ދެވަނަ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.


މި ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

މޫމިނަކީ "ލޫދިފާ" އާއި "ހެޕީ ބާތުޑޭ" ފަދަ ފިލްމްތައް، ލިޔެ، ޑައިރެޓްކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާން ފަންނާނެކެވެ.

މޮގާ ބުނީ ފިލްމުގެ ކާސްޓުން ހަމަޖައްސަމުން އަންނަ ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ ރޯދައިގެ ފަހުން ކަމަށެވެ.

"ފިލްމާ ގުޅޭ އެކިއެކި މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. އަންނަ އަހަރުގެ ކުރީކޮޅު މީތި ރިލިޒް ކުރާނީ،" އޭނާ ބުންޏެވެ. "ޑާކް ރެއިންގެ އެހެން ފިލްމްތަކޭ އެއްގޮތަށް ގޮށްރާޅަކީ ވެސް ފުދޭ ވަރަކަށް ހަމަ ކާސްޓުން ބޮޑު ފިލްމެއް."

މުޅި ފިލްމް މާލޭގައި ޝޫޓް ކުރާ "ގޮށްރާޅު" އަކީ ތުރިލާއެކެވެ.