ޖޭމްސް ކެމެރަން (ކ): އޭނާ ބުނީ އެވެޓާގެ ދެވަނަ ބައި އަންނަ އަހަރު ރިލީޒް ނުކުރާ ކަމަށް.
12 މާޗް 2017 - 06:10
ޖޭމްސް ކެމެރަން 2009 ގައި ގެނެސްދިން ފިލްމް "އެވެޓާ"ގެ ދެވަނަ ބައި އަންނަ އަހަރު ފެންނާނެ ކަމަށް އިންތިޒާރު ކޮށްގެން ތިއްބައި ކެމެރަން ވަރަށް ހިތާމަވެރި ޚަބަރެއް ދީފި އެވެ.
"އަންނަ އަހަރު ސީކްއެލް ބެލުންތެރިންނާ ހަމައަށް ނާންނާނެ،" ކެމެރަން ބުންޏެވެ.
އެކަމަކު "އެވެޓާ"ގެ ސީކްއެލް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާނެ ކަމަށް އޭގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން ވަނީ ކުރިން އިއުލާންކޮށްފަ އެވެ.
ކެމެރަން މިހާރު ބުނަނީ ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.
"އެބަ ޖެހޭ އަދި ތަންކޮޅެއް ދިގު އިންތިޒާއެއް އެވެޓާގެ ސީކްއެލްއަށް ކޮށްލަން،" ޓައިޓޭނިކް ވެސް ގެނެސްދިން ޑައިރެކްޓަރު، ދަ ޓޮރޮންޓޯގެ ސްޓާ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"އެވެޓާ" ގެ ހަތަރު ފިލްމެއް ކުރިއަށް ޕްލޭންކޮށްފައި އޮތް ނަމަވެސް، "ޕެންޑޯރޯ"ގެ ދުނިޔެ އަށް އަލުން ބެލުންތެރިން ގެނެސްދޭނީ ކިހާ ތާކު ކަމެއް ކެމެރަން ނުބުނެ އެވެ. އެހެންވެ ސީކްއެލް އަށް ކުރަން ޖެހޭ އިންތިޒާރު ނިމުމަކަށް އަންނާނެ އިރެއް މިހާރު މިއޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ކެމެރަން ދޭ ޔަގީން ކަމަކީ "އެވެޓާ"ގެ ކުރިއަށް ހުރި ފިލްމުތަކުގެ ސްކްރީންޕްލޭ ވެސް ނިމުމަކަށް އައިސްފައިވާކަމާއި ހަތަރު ފިލްމެއް ގެނެސްދޭނެ ކަމެވެ.
"އެވެޓާ" ގެ ކެރެކްޓާއެއް: ފިލްމުގެ ހަތަރު ބައެއް ވަނީ ޕްލޭންކޮށްފައި.
"އެހެންވީމާ މިއީ ވަރަށް ބޮޑު މަސައްކަތެއް. ފަސޭހަ މަސައްކަތެއް ނޫން. މީގައި އަދި މުހިއްމު ފިލްމް ރިލީޒް ކުރާ ތާރީހެއް ނޫން ކަންނޭނގޭ. ރަނގަޅު ޕްރޮޑަކްޝަންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން،" ކެމެރަން ބުންޏެވެ.
އޭނާ އަދި ބުނީ "އެވެޓާ" އުފައްދަން ވެސް ހަތަރު އަހަރާއި ބައިގެ މުއްދަތެއް ނެގި ކަމަށާއި ކުރިއަށް ހަތަރު ފިލްމެއް ޕްލޭންކޮށްފައި އޮތުމުން ކުރަން ޖެހޭ މަސައްކަތްތައް ގިނަވެފައި، ބުރަ ވާނެ ކަމަށެވެ.
"އަހަރެން ބޭނުން ވަނީ ކުރީގެ ފިލްމުން ބެލުންތެރިން ތަޖުރިބާ ނުކުރާ ކަހަލަ މުޅިން އާ އަދި ވަރަށް އާދަޔާހިލާފު ކަންތައްތަކެއްގެ ތެރެއަށް އެވެޓާގެ ކުރިއަށް ހުރި ފިލްމްތަކުން ބެލުންތެރިން ގެންގޮސްދޭން،" ކެމެރަން، 62، ބުންޏެވެ. "އެ މަސައްކަތްތައް ސައްވީސް ގަޑިއިރު އަހަރެމެންގެ ޓީމުން އަންނަނީ ކުރަމުން."
"އެވެޓާ" ވަނީ ބޮކްސް އޮފީހުގައި 2.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.
"އެވެޓާ"ގެ "ޕެންޑޯރާ" ދުނިޔެ އަސްލަކަށް ބަލައިގެން ޑިސްނީން މިހާރު ވަނީ އޯލަންޑޯގައި ތީމް ޕާކެއް ވެސް ހަދައިފަ އެވެ.
"ޕެންޑޯރާ: ދަ ވޯލްޑް އޮފް އެވެޓާ" އަންނަ މެއި މަހުގެ ތެރޭގައި ހުޅުވާނެ އެވެ. އެ ތީމް ޕާކަށް 500 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނު
14 March 2017
ޙާދަ ދެރައޭ ދޯ... ޥަރަށް އިންތިޒާރު ކޮށް ހުއްޓާ...