އެޑް ޝީރަން: ގޭމް އޮފް ތުރޯންސްގެ ހަތް ވަނަ ސީޒަނުން މި އަހަރު ފެންނާނެ.
14 މާޗް 2017 - 06:14
އެޗްބީއޯއިން ގެނެސްދޭ ފެންޓަސީ ސީރީޒް "ގޭމް އޮފް ތުރޯންސް" އަކީ ޓީވީ ސިލްސިލާތަކުގެ ރަސްގެފާނެވެ. މިއީ އެތައް ބަޔަކު އަވައިގައި ޖައްސާފައިވާ، ވަރަށް ކާމިޔާބު އަދި އެތައް އެވޯޑެއް ވެސް ހޯދާފައިވާ ސިލްސިލާއެކެވެ.
މީގެ ހަތް ވަނަ ސީޒަން އަންނަ ޖުލައި މަހުގެ 16 ގައި ދައްކަން ފަށާ އިރު، އޭގެ ޕްރޮޑިއުސަރުން ވަނީ ބެލުންތެރިންނަށް ވަރަށް އުފާވެރި ހަބަރެއް ދީފަ އެވެ. އެއީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އެޑް ޝީރީން "ގޭމް އޮފް ތުރޯންސް" ގެ މި ފަހަރުގެ ސީޒަނުން ފެނިގެން ދާނެ ވާހަކަ އެވެ.
އެ ޝޯގެ އެކްޒެކެޓިވް ޕްރޮޑިއުސަރު ޑޭވިޑް ބެނޮއިފް ބުނި ގޮތުގައި އަލަށް ފެށި ހަތް ވަނަ ސީޒަންގެ ހާއްސަ ފެނިލުމަކުން ޝީރަން، 26، ފެނިގެން ދާނެ އެވެ.
އޭނާ ވަނީ މީގެ ކުރިން ބައެއް ފިލްމުތަކުން ވެސް ފެނިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްވި "ބްރިޖެޓް ޖޯންސް ބޭބީ" އާއި ހޯމް އެންޑް އަވޭ (2015) ފާހަގަކޮށްލެވެ އެވެ.
guess the cats out the bag... https://t.co/9GCDUp9HPN
— Ed Sheeran (@edsheeran) March 12, 2017
ޝީރަންގެ ޓްވީޓެއް
އެހެން ނަމަވެސް "ގޭމް އޮފް ތުރޯންސް" ގައި ޝީރަން ފެނިގެންދާ ގޮތާ ބެހޭ ގޮތުން އެއްވެސް ތަފުސީލެއް ދޭކަށް ޑޭވިޑް ބޭނުމެއް ނުވެ އެވެ. އެކަން އަދި ބާއްވަން ބޭނުން ވަނީ ސަޕްރައިޒެއްގެ ގޮތުގަ އެވެ.
ޑޭވިޑް ބުނި ގޮތުގައި "ގޭމް އޮފް ތުރޯންސް" އަށް ޝީރަން ގެންނަން އެ މީހުން މަސައްކަތް ކުރާތާ ލައްކަ ދުވަސްވެއްޖެ އެވެ. އެހެންވެ އެކަން އެންމެ ފަހުން ކާމިޔާބުވުމުން އެ މީހުން މިހާރު ތިބީ ވަރަށް އުފަލުންނެވެ.
"ޝީރަން ޝޯ އަށް ގެންނަން ކުރި މަސައްކަތް އެންމެ ފަހުން މި އަހަރު ކާމިޔާބުވުމުން އަހަރެމެން ވަރަށް އުފަލުން މި ތިބީ،" ޑޭވިޑް ބުންޏެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ "ގޭމް އޮފް ތުރޯންސް" ގެ ހަ ވަނަ ސީޒަން ނިންމައިލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ހަތް ވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ތައްޔާރުވަމުން އަންނަ އިރު، އަށް ވަނަ ސީޒަނާ އެކު "ގޭމް އޮފް ތުރޯންސް" އަށް ނިމުން އަންނާނެ އެވެ. އެކަމަކު އަށް ވަނަ ސީޒަނާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު މި ޝޯ ނިންމައިލާނީ އަށް ވަނަ ސީޒަނުގައި ގެނެސްދޭ އަށް އެޕިސޯޑާއެކު ކަމަށް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy