06 މާޗް 2025 - 07:07
ފަސް ވަނަ ބައި
"ދެން މާގިނަދުވަހެއް ނެތެއްނު!" ވަރަށް ލޯތްބާއެކު ޒިލާލު ބުނެލިއެވެ.
އެެވަގުތު ޝިއުނާމެން އޮފީހުގައި އުޅޭ އައްޅޯ އާއި އަދިވެސް އެހެންކުއްޖަކު އެމީހުންގެ ކައިރިއަށް އައެވެ. އައްޅޯ އެންމެ ފުރަތަމައިނުންވެސް ޝިއުނާ ހެދުން އަޅާފައި ހުރި ގޮތުން ދިމާކުރަން ފެށިއެވެ. ޒިލާލު ކައިރީގައި ވަރަށް ބަލައިގެން އުޅެއްޗޭ އެހެންނޫނީ ގެއްލިދާނެއޭ ބުނެލިއެވެ. ޝިއުނާގެ އޮފީސް އެންމެންނަށްވެސް ޒިލާލު އެނގި ތަޢާރަފުވިތާ ދުވަސްކޮޅެއް ވެގެން ހިނގައްޖެއެވެ. އެހެންކަމުން އައްޅޯ އަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެއްކަން ޒިލާލުއަށްވެސް އެނގެއެވެ.
"ނުގެއްލޭ ގޮތް ހަދަންވެގެން މިއުޅެނީ" ޒިލާލު ޖަވާބުދިނެވެ.
އައްޅޯ މަރުހަބާ ކިޔާފައި އެންމެ އުފާވަނީ އަނެއްކާވެސް 'ކެއުންގަނޑެއް' ލިބޭނެތީ ކަމުގައި ބުނެލިއެވެ.
އޭރު އެއޮފީހުގައި އުޅޭ ފާތުންނާއި އޭނާގެ ފިރިމީހާއާއި ދެމީހުންވެސް އެމީހުން ފެނިގެން އެތަނަށް އަތުވެއްޖެއެވެ. އެމިހުން ފެންނައިރަށް އަނެއްކާ އަނެއް ކެއުމޭ ކިޔާފައި އައްޅޯ އެވާހަކަ ފެށިއެވެ.އެންމެން އެތާ ކަނުގައި އޮލަވާހަކައިގަ ތިއްބާ ކުއްޖަކު އައިސް ޝިއުނާކައިރިއަށް ހުއްޓިފައި ތުއްތަ އެބަ ގޮވައޭ ބުނެލިއެވެ. ޝިއުނާ އަޒީމާ ކައިރިއަށް ދިޔައިރު އޭނާގެ ކައިރީގައި ދެތިން މީހުން ތިއްބެވެ. އޭގެ ތެރެއިން އަޅި ކުލައިގެ ގަމީހެއް ލާފައި ހުރި މީހަކު ޝިއުނާއާއި ދިމާލަށް ހިނިތުންވެލައިގެން ބަލަހައްޓައިގެން ހުރިކަން ފާހަގަ ކުރެވުނެވެ.
"މީ ދަންނަ މީހެއްތަ؟" އޭނާއަށް އިޝާރާތް ކޮށްލަމުން އަޒީމާ އަހާލިއެވެ.
އެޔާއިއެކު ޝިއުނާ ވަރަށް ފަރުވާތެރިކަމާއިއެކު އޭނާއާއި ދިމާލަށް ބަލައިލިއެވެ. އެއީ އޭނާ ދެކެފަރިތަ މޫނޭއްކަމަކު ކާކުކަމެއް ބުނެދޭކަށް ނޭނގުނެވެ. އޭނާ ހުރީ ތުނިތުނި ވަށް ތުނބުޅިއެއް ލާފައެވެ.
"ދެކޭ ވައްތަރު ޖަހާ... އެކަމަކު ކޮންތާކުން ކަމެއް ނޭނގުނު" ކުޑަކޮށް ވިސްނާލުމަށްފަހު ޝިއުނާ ބުނެލިއެވެ. "އަހަރެންގެ ފޮޓޯ ޝިއުއަށް ގިނައިން ތި ފެންނާނީ.. ދެދުވަހަކު ކަންނޭނގެ އަސްލު ދިމާވީ .. އެވެސް މަގުމަތިން" އޭނާ ބުނެލިއެވެ.
ދެންވެސް ޝިއުނާއަކަށް ހަމަ ނޭނގުނެވެ.
"މިއީ ރިޒްވީ ... ޔުއަރ އެކްސްގެ ކުލޯޒް ފުރެންޑް!" އަޒީމާ ބުނެދިނެވެ.
"އޯވް!" އެއާއިއެކު ޝިއުނާއަށް ބުނެވުނެވެ. އޭނާއަށް ރިޒްވީ ފެންނަނީ ހައިޝަމްގެ ސޯޝަލް މީޑިއާ ޕޯސްޓު ތަކުންނެވެ. ރިޒްވީ ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. ޝިއުނާވެސް ހިނިތުންވެލާފައި އޭނާގެ އަތުގައިހިފާ ސަލާމް ކޮށްލިއެވެ.
"ނައިސް ޓު މީޓްޔޫ އިން ޕާރސަން!"
އެވަގުތު އެނާގެ ކައިރިއަށް އަންހެން ކުއްޖަކު އައެވެ. ވަރަށް ނަލަ ހެދިލާފައި ހުރި ކުއްޖެކެވެ. ރިޒްވީ އޭނާއަށް ޝިއުނާ ތަޢާރަފު ކޮށްދެމުން ހައިޝަމްގެ ކުރީގެ ބިޓޭ ބުނާ އިރަށް އެއަންހެން ކުއްޖާ މަށަށް އެނގެއޭ ބުނެލިއެވެ.
މެހެމާނުންތަކެއް އައިސްގެން ފޮޓޯ ނަގަން އަޒީމާ ހިނގައިގަތީމާ ޝިއުނާވެސް އެނބުރި ޒިލާލުމެން ކައިރިއަށް ދިޔައީއެވެ. އޭރު ޝިއުނާ ވިސްނަމުން ދިޔައީ ރިޒްވީ އެ ތަޢާރަފު ކޮށްދިން އަންހެން ކުއްޖާއާއި މެދުގައެވެ. ޝިއުނާއޭ ބުނާއިރަށް މަށަށް އިނގެއޭ އެބުނީ އެމީހުން ލަންކާއަށް ދިޔަ ދަތުރުގައި އޭނާވެސް ބައިވެރިވީމާކަން ޝިއުނާއަށް ވިސްނުނެވެ. އޭނައަށް ޝިއުނާ ތަޢާރަފު ކޮށްދިންވަގުތު އެމޫނުމަތިން އެއްވެސް ކަހަލަ ހިނިތުންވުމެއްގެ އަސަރު ފައުޅުނުވީ އޭނާއާއި މާހުނާޒުއާއި އޮންނަ ގާތްގުޅުމެއްގެ ސަބަބުން ކަމަށް ވެދާނެއޭ ޝިއުނާގެ ހިތަށް އެރިއެވެ. ހަމަގައިމުވެސް ޝިއުނާއަށް އޭނާގެ މޫނުމަތިން ފެނުނީ ރައްޓެހިކަމަށް ވުރެބޮޑަށް ބީރައްޓެހިކަމެވެ.
މާގިނައިރެއް ނުވަނީސް އަޒީމާ އެމީހުންގެ ކައިރިއަށް ތިމީހުން ނުކަނީތޯ އަހާލުމުން އެންމެންހެން ކާން ދާން ހިނގައިގަތެވެ. ޝިއުނާއާއި ޒިލާލުއާއި ކާނީ އަޒީމާމެންނާއި އެކީގައި ފަހުންނޭ ކިޔާފައި ތިބީއެވެ. އަޒީމާ ކޮޅަށް ހުރެ ހުރެ ވަރުބަލިވެއްޖެ ކަމުގައި ބުނެލިއެވެ. އަދި ޝިއުނާގެ އަތުގައި ހިފައިގެން ގޮސް އެންމެ ކައިރީގައި ހުސް މޭޒެއްގެ ދޮށުގައި ދެމީހުން އިށީނެވެ. އޭރު ދިމާލުގައިވާ މޭޒެއްގެ ދޮށުގައި ރިޒްވީއާއި އެއަންހެން ކުއްޖާއާއި ދެމީހުން ކާންތިއްބެވެ.
ޝިއުނާ އެކުއްޖާއާއި ބެހޭގޮތުން އަޒީމާއާއި ވާހަކަ ދެއްކިއެވެ. އޭނާއަށް ކިޔަނީ ކޮންމެވެސް ހޫލީއެއްތޯ ހައްލޭއެއްތޯ ކޮންމެވެސް އެއްޗެކޭ އަޒީމާ ބުނިގޮތުން ޝިއުނާ ގާތަށް ވަރަށް ހިނިއައެވެ.
" މަގޭ ހިތަށްމިއަރަނީ... ރީތި މީހަކަށް ވުމަކީ ކެބިންކުރޫއަކަށް ވުމުގެ ޝަރުތެއްދޯ؟" ޝިއުނާ ވަރަށް ސިއްރު ސިއްރުން ބުނެލިއެވެ.
"އާނ! އަސްލުވެސް.. ނޭނގޭތަ އެކަމެއް؟" އަޒީމާ ހޭންފެށިއެވެ. އަދި ޝިއު ހީކުރީ އެތާނގައި ރީތި މީހަކަށް އުޅެނީ ހައިޝަމް އެކަނިކަމަށް ހެއްޔޭ އަހާލިއެވެ. އަދި އެދެމީހުން ނަށް އެކީގައި ހެވުނެވެ. އެވަގުތު ޒިލާލު އާއި ނަޝިދުއާއި ދެމީހުން ކޮންމެ މީހެއްގެ އަތަށް ދެޖޫސް ތަށި ލައިގެން އެމޭޒު ކައިރިއަށް އައިސް ހުއްޓެނީއެވެ. ތި ހެނީ ކޮންކަމަކާތޯ ނަޝީދު އަހާލުމުން ޝިއުނާއާއި އަޒީމާއާއި ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
"މީ ގާރލްސް ޓޯކް!" އަޒީމާ ބުނެލިއެވެ. އަދި އިހަށްވުރެ ބާރަށް ދެމީހުން ހީގަތެވެ.
ޝިއުނާ ރިޒްވީއަށް ޒިލާލު ތަޢާރަފުކޮށްދިނެވެ. އަދި އެދެމީހުންވެސް މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން ކަމުގައި ބުނުމުން އޭނާ މަރުހަބާ ކިއެވެ.
އެއީ އަސްލު ކާކުކަން ޝިއުނާ ޒިލާލުއަށް ކިޔައިދިނީ އޭނާ ދުރަށް ޖެހިލީމައެވެ. ކައިވެނި ކުރަން އުޅޭ ވާހަކަ ތިބުނީ އެހެންވެގެން ތޯ ޒިލާލު އަހާލިއެވެ. ޝިއުނާ ނޫނެކޭ ބުނުމުން އޭނާ ހީކުރީ ކައިވެނީގެ ޚަބަރު ހައިޝަމްއާއި ހަމައަށް ފޮނުވަން ބޭނުންވީކަމަށް ކަމުގައި ޒިލާލު ބުނެލިއެވެ.
"ދެން ނޫން! ޒިލާ ކީއްވެ ތިހެން ތިބުނީ؟ ... މަ ހައިޝަމް މަތިން ހަނދާނެއްވެސް ނެތް.. ރިޒްވީ ފެނުނީމާ ހަނދާންވީވެސް!" ޝިއުނާ ބުނެލިއެވެ.
މަޖަލަކަށް ހަދާފައި ޒިލާލު އެހެންބުންޏަސް ޝިއުނާއަކަށް އެކަން މަޖަލެއްނުވިއެވެ. އޭނާ ހިނިގަނޑެއް ޖަހާލާފައި އެހެންބުނެލިއެއް ކަމަކު އެވަގުތު ޒިލާލުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފައުޅުވިހެން ޝިއުނާއަށް ހީވިއެވެ. އެކަމާއި މެދު ޝިއުނާއަށް ވިސްނުނެވެ. އޭނާ ހައިޝަމްއާއި މެދު އަދިވެސް ޚިޔާލު ކުރާހެން ޒިލާލުއަށްހީވި ކީއްވެބާވައެވެ؟ ޒިލާލު އެހެން އެބުނީ އޭނާ އަދިވެސް ގުރޭޝާ މަތިން ހަނދާން ނުނެތެނީ ހެއްޔެވެ؟.
އޭނާ ފަހުން ޒިލާލުއާއި އެވާހަކަ ދައްކަން ނިންމިއެވެ. އެދެމެދުގައި ކުޑަވެސް ނުތަނަވަސްކަމެއް ހިތްހަމަ ނުޖެހުމެއް އޮތަދޭކަށް ޝިއުނާ ބޭނުމެއްނޫނެވެ. އޭނާ އެގުޅުން ކުރިއަށް ގެންދަން ބޭނުމީ އެކަކު އަނެކަކަށް ފުރިހަމަ އިތުބާރުކޮށްގެންނެވެ.
ޝިއުނާ ޤަބޫލުކުރާގޮތުގައި ޒިލާލުއާއި ދިމާވުން އެއީ އޭނާގެ ނަސީބެވެ. އޭނާއަށް ދިމާވި އެއޮއްބޮޑު ކަންތައްގަނޑުގައި އޭނާއާއި އެންމެ ކައިރީގައި ޒިލާލުއަށް ހުރެވުނުކަން އެއީ އޭނާގެ ޙަޔާތަށް ޒިލާލު އަންނަން ލިޔެވިފައި އޮތީމައެވެ.
އޭގަފަހުންވެސް، ޝިއުނާއާއި އަޒީމާއާއި ދެމީހުން އެކަނި ތިއްބާ ފެނިގެން ރިޒްވީ އެމީހުން ކައިރިއަށް އައެވެ. މިއައީ ހައިޝަމް މާބޮނޑި ހިފައިގެން ދިޔައިރު އެގޭގައި އިނީ ޒިލާލުތޯ އަހަންވެގެން ކަމުގައި އޭނާ ޝިއުނާއާއި ދިމާލަށް ބުންޏެވެ.
ޝިއުނާ ޖަހާލީ ހިނިގަނޑެކެވެ. އެއަށް ޖަވާބުދިނީ އަޒީމާއެވެ. ހުރިހާ ގޮތަކަށް ވުރެވެސް ޒިލާލު ހައިޝަމްއަށްވުރެ މާ ރަނގަޅު ކަމުގައި ބުނެނިންމާލިއެވެ.
"ޔޫ ޑިޒާރވް އިޓް! އައިމް ރިއަލީ ހެޕީ ފޯ ޔޫ"
ޝިއުނާ ޒިލާލުއާއި އިންނަން އުޅޭ ވާހަކައަށް ދަންދެން އަޒިމާ ކިޔައިދިނެވެ.
އެޔާއިއެކު ތި އުފާވެރި ޚަބަރު ލިބިއްޖެޔޭ ރިޒްވީ ބުނެލިއެވެ. އަދި އޭނާއަށް ކައިވެނި ސައި ދޭން ވާނެއޭ ބުނެލިއެވެ.
"މައްސަލައެއް ނޯންނާނެ!" ޝިއުނާ ވަރަށް ޖޯޝްގައި ވާހަކަ ދެއްކިއެވެ.
ޕާޓީއަށް މީހުން ގެނައި ހުރިހާ ހަދިޔާތަކާއި އެއްޗެތި އެއްކޮށް ގެއަށް ގެންދެވޭނެ އިންތިޒާމް ހަމަ ޖެއްސުމައި އެންމެ އިސްކޮށް އުޅުނީ ޒިލާލުއެވެ. އަޒީމާމެން ކާރުގައި ގެއަށް ދާން ނައްޓާލުމުން އޭނާއާއި ޝިއުނާއާއި ދެމީހުން އަތުގުޅާލައިގެން ގެއާއި ދިމާލަށް ހިނގައިގަތެވެ. ދިޔަމަގުމަތީގައި ކުރިއަށް އޮތް އެމީހުންގެ ކައިވެނި ޕާރޓީގެ ވާހަކަ ދެކެވުނެވެ. އެދުވަސް ކައިރިވަމުން އަންނާތީ އެކަމާއި އުފާވެ، ހިތްއަވަސް ވެގެން އެވާހަކަ ދެކެވުނެވެ.
ޝިއުނާ އާއި އެކީ އެގޭތެރެއަށް ވަދެ، އެރެއަށްޓަކައި ވަކިވުމުގެ ކުރިން އެދެލޯބިވެރިން ސަލާމް ކޮށް ހެދިއިރު އެމީހުންގެ ހަރަކާތްތައް ވަރަށް ފަރުވާތެރި ކަމާއި އެކީގައި ބަލަން ފާރުމަތީގައި ކަޅުބުޅާ އޮތްކަމެއް ނުދެނަހުރިއެވެ.
ޝިއުނާމެންގެ ކައިވެންޏަށް ދެހަފްތާއަށް ވެފައިވަނިކޮށް، ޒިލާލުގެ ބައްޕަ ބަލިވެ ފައިނޭޅިގެން އުޅޭ ޚަބަރު ލިބުނެވެ. ބައްޕަގެ ފަޔަށް ޖަހަން ބޭނުންވާ އިންޖެކްޝަނެއް އެރަށުން ނުލިބިގެން އުޅޭތީ މާލެއިން އެހޯދައިގެން ރަށަށް ދާން ޒިލާލު ނިންމިއެވެ. އަދި ޖެހިގެންއައި ދުވަހު ހެނދުނު ފުލައިޓުން އޭނާ ރަށަށް ނައްޓާލިއެވެ.
ޒިލާލު ރަށަށް އަންނަ ޚަބަރު ގުރޭޝާއަށްވެސް އޮތީ އިވިފައެވެ. އެދުވަހު ސްކޫލުގެ އިންޓަވަލު ގަޑި ޖެހުމުން އޭނާ އަވަސްވެގަތީ ޒިލާލުގެ ޚަބަރެއް ބަލާށެވެ. އޭނާ ފާލަން މަގަށް ނުކުތްއިރު، ޒިލާލު އޭނާގެ ބައްޕަ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ފާލަމާ ދިމާލަށް ދަނީއެވެ. ގުރޭޝާ ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން ހުއްޓެވެ. ޒުހުދާއާއި އޭނާގެ މަންމަވެސް ލޯންޗަށް އެރިތަން ފެނުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލާފައި އޭނާގެ ގެއާއި ދިމާލަށް ހިނގައިގަތީއެވެ.
ގުރޭޝާ ގެއަށްވަދެ، އަވަސް އަވަހަށް ޖޫސްތައްޓެއް ބޯލައިގެން އޭނާ ތައްޔާރު ކޮށްފައިވާ ފެންފުޅި ދަބަހަށް ލައިގެން އަވަސް އަވަހަށް ގެއިން ނުކުތީއެވެ. ޒިލާލުމެންގެއާއި އަރާ ހަމަވެފައި ދެކޮޅު ހޯދާ ބަލައިލާފައި އެތެރެއަށް ވަނެވެ. ގޭތެރެއަށް ވަންނަ މައިދޮރު ތަޅުލާފައި ހުރުމުން އޭނާ ވަރަށް މާޔޫސްވިއެވެ. ޒިލާލުގެ ކޮޓަރިއަށް ވަދެވޭތޯ ގުރޭޝާ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް ޒިލާލު ރަށުގައި ނޫޅޭއިރު އެކޮޓަރި ތަޅުލާފާއި ހުންނާތީ ގުރޭޝާއަށް އެކަން ކާމިޔާބު ވާގޮތެއް އަދި ނުވެއެވެ. މިފަހަރު އޭނާ ރަށުން ފުރައިގެން ނުދަނީސް ގުރޭޝާ އެކަން ކުރަން ބޭނުމެވެ. ކޮންމެއަކަސް އޭނާ އެގަޑީގައި އެގޭތެރޭގައި ހުއްޓާ މިހަކަށް ފެނިގެން ސުވާލެއް ކުރުމުގެ ކުރިން އަވަސް އަވަހަށް އެތަނުން ނުކުތީއެވެ.
ޒިލާލުމެންނަށް އެނބުރި ރަށަށް އާދެވުނުއިރު ހަވީރު ވެއްޖެއެވެ. އޭނާ ކޮޓަރިއަށް ވަދެ ހަމަ ޖެހިލާފައި ޝިއުނާއަށް ގުޅާލިއެވެ. ޑޮކްޓަރަށް ގޮސް ކަންތައް ދިޔަގޮތް ކިޔައިދީ ހެދިއެވެ.
"އަދި މިއުޅެނީ ޒިލާ ދިޔަތާ އެއް ދުވަސްވެސް ނުވެގެން... އެކަމަކު މިހާ އަވަހަށް މިސްވާން ފަށައިފި" ޝިއުނާ ބުނެލިއެވެ.
ޒިލާލު ހީލިއެވެ. އޭނާއާއި ހެދި ހަމަ އެހާވަރު ވޭތޯ އަހާލިއެވެ.
"ވާނެދޯ... ހަމަ ކާންޓު ވައިޓް!" ޝިއުނާ ބުނެލިއެވެ. އެއަޑު އިވުމުން ޒިލާލު އުފާވިއެވެ.
"މަވެސް!" އޭނާ ދެލޯމަރާލައިގެން އޮވެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ގުރޭޝާ ދެފަހަރަށް އެގޭ ދޮށް ހުރަސްކުރިއިރުވެސް ޒިލާލުއާއި އޭނާގެ ބައްޕައާއި ދެމީހުން އުނދޯލީގައި އިށީނދެގެން ތިބިތަން ފެނުނެވެ. ޒިލާލު އުޅެނިކޮށް އޭނާއަކަށް އެގެއަށް ވަންނާކަށް ނުކެރޭނެއެވެ. އެހެންނޫނަސް އޭނާ އުޅޭގޮތުން އެއްވެސް މީހަކަށް ކުޑަވެސް ޝައްކެއްވާކަށް އޭނާ ބޭނުމެއްނޫނެވެ. ވަރަށް މާޔޫސްކަމާއި އެކީގައި ގުރޭޝާ އެދިޔަގޮތަށް ގޮސް ވަށާލާފައި މައިމަގަށް ނުކުމެގެން އަނެއްކާވެސް ގެއާއި ދިމާލަށް މިސްރާބު ޖެހީއެވެ. ޒިލާލުގެ ބައްޕަ ބަލިވެ އުޅޭތީ އޭނާ މިރޭ ގެއިން ނުނިކުންނަނީ ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރައިސާ
08 March 2025
މިއީ ކޮންކަހަލަ ވާހަކައެއްތަ? ވާނުވާ ނޭގޭ. ޖުމްލަތައް ގުޅުވުމުގައި , ބުނާ އެއްޗެއް ފަހުމެއްނުވޭ!