10 މާޗް 2025 - 07:26
ހަތް ވަނަ ބައި
ގޭތެރެއަށް ވަންނަމުން އޭނާއަށް ފަހަތް ބަލައިލެވުނު ވަގުތު ޝިއުނާއަށް ފެނުނީ ދޮރާށިމަތިން ދިއްލިފައި އިން ދެލޮލެވެ. ޝިއުނާގެ މެޔަށް ހީވީ ފެންއެއްޗެއް އަޅާލިހެންނެވެ. އަވަސް އަވަހަށް ގޭތެރެއަށް ދެމިގަނތީއެވެ. އޭރު ޝިއުނާ މަންމަ އިނީ ޓިވީ ބަލާށެވެ. އޭނާ ތެޅެމުންފޮޅެމުން ވަނީމާ ކިހިނެތްވީތޯ އަހާލިއެވެ.
ޝިއުނާގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. ފޮތިގަނޑު ކުޑަކުޑަކޮށް ކަހާލާފައި ބޭރު ބަލައިލިއިރު އެކަޅު ބުޅާ ފާރުމަތިން ލާފައި ދަނީއެވެ.
"ދޮރާށި މަތިން އެއްޗެއް ފެނުނީ.."
"އޭނ!؟" ހުސްނާ ސީރިއަސްވިއެވެ.
ޝިއުނާ އޭނާގެ މަންމާއާއި ދިމާލަށް އެނބުރުނެވެ. "އެއީ ބުޅަލެއް.. އެޔޮއް ދިޔައީ ފާރުމަތިންލާފައި... އޭރު ފެނުނީ ދިއްލިފައި އިން ދެލޯ އެކަނި.. އެހެންވެ ބިރުގަތީ"
"ދަރިފުޅު ޒިކުރުތަކާ އެއްޗެތި ނުކިޔަންދޯ މިހާރު؟"
"ނޫން މަންމާ ކިޔަން އަބަދުވެސް... ދެން އެއީ ޖިންނިއެއްނޫނޭ ބުޅަލެކޭ.. ޝިއުއަށް ދެލޯ ދިއްލިފައި އިންތަން ކުއްލިއަކަށް ފެނުނީމާ ސިހުނީއޭ"
އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ދެން ރޭގަނޑު ގޭ ފެންޑާއާއި ހަމައަށް ނުކުތުންވެސް ބައްޕަ މަނާ ކުރައްވާނެކަން އޭނާއަށް އިނގެއެވެ. އެހެންކަމުން އެއީ އެއްވެސް ބިރުވެރި އެއްޗެއް ނޫންކަމަށާއި އެއީ ގޭދޮށުގައި މަގުމަތީ އުޅޭ ބުޅާތަކުން ބުޅަލެއް ކަމުގައި ޝިއުނާ ކިޔައިދިނެވެ.
ހުސްނާ އިތުރަށް އެއާއި ވިއްދާ އެއްޗެއް ނުބުނެއެވެ. ޙަނީފު ގާތު އެވާހަކަ ހަނދާންކޮށް ބުނަން އޭނާގެ ސިކުނޑީގައި އެވަގުތު ނޯޓުކޮށްލިއެވެ. އެހެންނަމަވެސް ޙަނީފު ފިހާރަ ނިންމާފައި ގެއަށް އައިއިރު އޭނާ އެކަމެއް ހަނދާނެއްނެތެވެ.
ޒިލާލުގެ ކައިވެނީގެ ވާހަކަ މުޅި ރަށު ތެރޭގައި ދެކެވެންފެށިއެވެ. އޭނާ މާލޭގެ ގެދޮރުވެރި، ވިޔަފާރިވެރިއެއްގެ ދަރިއަކާ އިންނަ ވާހަކައެވެ. އޭނާ ގުރޭޝާ އާއި ނީންކަމުން ނަސީބު އަތުގައި ހިފިވާހަކައެވެ. ބައެއްމީހުން ޝިއުނާއަކީ މުޅިން މާލޭ ކުއްޖެއް ނޫނޭ ކިޔައެވެ. އޭނާގެ އަކީ ދެބައިކުޅައެއްބައި މިއަތޮޅު ކުއްޖެއްކަން ރަށުގެ ގިނަމީހުންނަށް އެގެންފެށީވެސް އެހާހިސާބުންނެވެ. އިބްރާހިމްބެ އާއި ފަރީޝާގެ ވާހަކަ ފިނިއަށިތަކުގައި ދެއްކެންފެށިއެވެ. އެންމެފަހުން މީދޫގައި އާއިލާ އޮންނަ ވަސީމާމެން އެމީހުންނާއި ޝިއުނާ މަންމަމެންނާއި ތިމާގެ ކަމަށްވެސް ކިޔަންފެށިއެވެ. އެއިން ކޮންމެ ވާހަކައެއް ގުރޭޝާއާއި ހަމައަށްވެސް އާދެއެވެ. އިވޭ ކޮންމެ އަޑަކަށް އޭނާއަށް ބާރަށް ދަތްކުޑި ވިކެމުން ދެއެވެ.
ޒުހުދާމެން މާލެ ދާން އޮތް ދުވަހުގެ ކުރީދުވަހު ހަވީރު އޭނާގެ އެކުވެރިންނާއި އެކީގައި ގޭދޮށު ޖޯލިފަތީގައި އަނގަތަޅަން ތިބެފައި ސަލްވާ މެން ކައިވެންޏަށް މާލެ ދާކަން އެނގިގެން ގުރޭޝާ މިހާރު ހުންނަނީ އެމީހުން ދެކެވެސް ރުޅިއައިސްފައި ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ އެއްގޮތަކަށްވެސް ނުދެކޭތާ ދެތިން ދުވަހެއްވަރު ވެދާނެއޭ ސަލްވާ ބުނެލިއެވެ.
"ވެދާނެއެއްނު ބަލީކަމަށް!" މަމްދޫހާ ބުނެލިއެވެ.
"ކޮންތާކު ބައްޔެއްނޫން.. އެއީ ޒިލާ އިންނާތީ އެކަމާ ދެރަވާކަމަށް ހެދި އާޓު ދައްކަނީ" އާމިރާ ބުނެލިއެވެ. "ދެން މިހާރު ވެއްޖެދޯ ޤަބޫލުކުރަން... އަހަރުމެން ކިހިނެތް ބޭބެގެ ހިތް ބަދަލުކުރާނީ... މަށަށް އޯކޭ ބޭބެ އުފަލުގައި އުޅެންޏާ އެނިމުނީ"
އެމީހުން އެވާހަކަ ދައްކަން ތިއްބާ ޒުހުދާއަށް ޒިލާލު ގުޅިއެވެ. އޭނާ ބޭނުންވީ ދަތުރުގެ ހުރިހާކަމެއް ތައްޔާރު ވެއްޖެތޯ ބަލާށެވެ. ޒުހުދާ ވާހަކަ ދައްކާ ނުނިމެނީސް އާމިރާ ފޯނު އަތުލިއެވެ.
"އިނގޭތަ ޒިލާ! މިރަށު ހޮޓާ ކައިރީގައި ފެން ބޮޑުވެގެން މިއުޅެނީ" އާމިރާ ފުރަތަމައިނުންވެސް ބުނީ އެހެންނެވެ. އެޔާއިއެކު އެހާ ވިއްސާރައީތޯ ޒިލާލު އަހާލިއެވެ.
"ނޫނޭ ވިއްސާރަވެގެނެއް ނޫން... ކުއްޖަކު ކަރުނަ އަޅާ ވަރުން!" އާމިރާ ލާނެއްވެލިއެވެ.
އެޔާއިއެކު ޒިލާލު ޖަހާލީ ހިނިގަނޑެކެވެ. އެއީ އޭނާ އަމިއްލެއަށް ކުރިކަމެއް ނޫންހޭ ބުނެލިއެވެ.
"ދެން ތި ފެންގަނޑު ހިއްކައި ދޭނެ އެހެން މީހެއް ހޯދާށޭ ބުނޭ... ހަމަ ގައިމުވެސް މި ޒިލާއެއް ނުދާނެ!" ޒިލާލު ޖަވާބު ދިނެވެ.
"ސާބަސް އެކޮއޭ! އަދި ކިރިޔާ ހިތްވަރުގަދަ މީހަކަށް ތިވެވުނީ!" އާމިރާ ހެމުން ހެމުން އެހެންބުނެފައި ޒުހުދާއަތަށް ފޯނު އަނބުރާދިނީއެވެ. ޒުހުދާ ފޯނު ނިންމާލީމާ ޒިލާލު ދެއްކިވާހަކަ އޭނާ ކިޔައިދިނެވެ.
އެ ފޯނު ބޭއްވިއިރު ޒިލާލު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާގެ ކައިވެނީގެ ޚަބަރުން ގުރޭޝާއަށް އަސަރުކޮށްފިކަން އެނގުނީމާ އޭނާ ވަރަށް އުފާވިއެވެ. އޭރު، ގުރޭޝާ އޭނާއަށް ބޭވަފާތެރިވެ ހިތުގައި ޖެއްސި ޖެއްސުމުގެ ބަދަލު ރަނގަޅަށް ހިފާލެވުނީތީއެވެ. އޭރު އޭނާ އެކަނި މާއެކަނި އިނދެ ކަރުނަ އެޅިވަރެއް މީހަކަށް ނޭނގުނަސް ހެއްދެވިފަރާތް ދެނެވޮޑިގެން ވާނެއެވެ.
އާމިރާ ކިޔައިގަނެގެން،ޒުހުދާ ޝިއުނާއަށް ގުޅާލިއެވެ. އާމިރާއަށް ކައިވެނި ސަޔަށް ނުދެވޭނެތީ އެކަމާ ދެރަވެގެން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އޭނާގެ މަންމަ އަދިވެސް މުޅިން ރަނގަޅު ނުވާތީ އެއްދުވަހަށްވެސް ދާން ނުކެރޭނެ ކަމުގައި އާމިރާ ބުނެދިނެވެ.
"ދެން ހަނީމޫނަށް އާދޭ ރަށަށް!" އަނެއްކާވެސް އާމިރާ ބުނެލިއެވެ.
އެއީ ޝިއުނާގެ ސިކުނޑިއަށްވެސް ވަދެފައިވާ ޚިޔާލެކެވެ. ބޮޑު ޚަރަދުކޮށްގެން ރާއްޖެއިން ބޭރަށް ދިޔުމުގެ ބަދަލުގައި ރަށަށް ދިޔައިއްޔާ މާ ރަނގަޅުވާނެޔޭ ޝިއުނާގެ ހިތަށް އަރައެވެ. ދެމީހުން އެކީގައި ފަޅުރަށަށް ގޮސް މަޖާކޮށްލާ ހެދުމުގެ ހުވަފެން ޝިއުނާ ދެކޭތާ ދުވަސްތަކެއް ވެއްޖެއެވެ.
ޒިލާލުގެ މަންމަމެން ބަލާ އެއަރޕޯޓަށް ޝިއުނާވެސް ދިޔައެވެ. އޭނާ ފެނުމާއިއެކު ޒިލާލުގެ މަންމަ ދަރިފުޅާއޭ ކިޔާފައި ވާހަކަ ދައްކަންފެށުމުން ޝިއުނާއަށް ވަރަށް އެހެންކަހަލަ އިހުސާސްއެއް ކުރިއެވެ. ކުއްލިއަކަށް އޭނާގެ އުފަން މަންމަ މަތިން ހަނދާންވިއެވެ. މިއަދު އޭނާ ބުއްދި ސަލާމަތުން ދުނިޔޭގައި ހުރިނަމަ ކުރާނީ ކޮންކަހަލަ އިހުސާސް އެއް ބާވައޭ ހިތަށް އެރީއެވެ.
އެހެންނަމަ އެކައިވެނި ކުރެވުނީ ހީ އޭނާގެ ރަށުގައި ހެއްޔެވެ؟
ޒިލާލުގެ މަންމަމެން މިފަހަރު ތިބެން ހަމަ ޖެއްސީ ޝިއުނާމެންގޭ ހިސާބުގައި ވާ ކޮޓަރި ކުއްޔަށް ދޭ ގެއެއްގައެވެ. އެމީހުންނާއި އެކީގައި އެތަނަށް ފައިބާ ހުރިހާކަމެއް ހަމަޖައްސައިދީފައި އަރާމް ކޮށްލާހަދާ ލާށޭ ބުނެފައި ޝިއުނާއާއި ޒިލާލުއާއި ދެމީހުން ދިޔައީ ޝިއުނާމެންގެއަށެވެ.
އެމީހުން ގޮސްގެއަށް ވަންތަނާ ޙަނީފު ޒިލާލުއަށް ގޮވާލާފައި އޭނާއާއި އެކީގައި ފިހާރައަކަށް ގޮސްލަން ހިނގާބަލާށޭ ކިޔާފައި އޭނާ ގޮވައިގެން ބޭރަށް ނުކުތީއެވެ. އޭނާ ޒިލާލު ގޮވައިގެން ދިޔައީ ޝީޝާއަށެވެ. އެތަނަށް ވަދެ ދަރިފުޅަށް އެންމެ ކަމުދާ ސައިކަލެއް ދައްކަބަލާށޭ ޙަނީފު ބުނުމުން ޒިލާލުއަށް ލިބުނީ ސިހުމެކެވެ. ޖަވާބެއްދޭން ނޭނގިފައި ހުއްޓާ އެއީ އެދެކުދިންނަށް ބައްޕަގެ ފަރާތުން ދޭ ހަދިޔާއެއް ކަމުގައި ޙަނީފު ބުނެލިއެވެ.
ޒިލާލު އެނބުރިއައި ގޮތަށް އޭނާ ފޯނުން ރަތްކުލައިގެ އެއަރ ބްލޭޑެއްގެ ފޮޓޯ ޝިއުނާއަށް ދައްކާލިއެވެ. ޝިއުނާ އުފަލުން ތެޅިފޮޅި ގަތެވެ. ދެން ދެމީހުން ހިނގާފައި ތަންތަނަށް ދާން ނުޖެހޭނެ ނޫންހޭ ބުނަމުންނެވެ.
"ހުޅުމާލެއަށް ދާން ވާނެ ދޯ ބުރުޖަހާލަން!" ޝިއުނާ ބުނެލިއެވެ. އަދި އަޒީމާމެންގެއަށްވެސް ދެން ބޭނުންއިރަކު ދާން ފަސޭހަވާނެ ނޫންހޭ ބުނެލިއެވެ. ޒިލާލު ނުތަނަވަސް ކަމާއި އެކީގައި ޝިއުނާއާއި ދިމާލަށް ހިނިތުންވެލިއެވެ.
ޝިއުނާ ހައިޝަމްއާއި އެކީގައި ބުރުޖެހި މަގުތަކުން ބުރުޖަހަން ދާނެ ފުރުޞަތު ލިބުނީތާއޭ އޭނާގެ ހިތަށް އެރިއެވެ. ކުރިންވެސް ބައެއް ފަހަރަށް ޝިއުނާއަށް ބުނެވޭ އެއްޗިހިން އޭނާއާއި ހައިޝަމްއާއި އަޅާ ކިޔަނީއޭ ޒިލާލުގެ ހިތަށް އަރައެވެ. ޚާއްސަކޮށް، އެމީހުން ރައްޓެހިވިތާ ކައިރީ އަޒީމާމެންނާއިއެކީ ބޭރަށްދާއިރު އެމީހުން ދައްކާ ވާހަކައިގެ ތެރޭގައި ކުރިން ސައިކަލުގައި އަހަރުމެން މިތަނަށް އަންނަމޭ ބުނެވޭ ކޮންމެ ފަހަރަކު ޒިލާލުގެ ހިތަށް ޝިއުނާއާއި ހައިޝަމް ސިފަވެގެން ދެއެވެ. ކުރީކޮޅުގައި އެކަމާ އޭނާއަށް ވަރަށް އުނދަގޫވިއެވެ. އެހެންނަމަވެސް މިހާރު އޭނާ އެހާބޮޑަކަށް އެކަމާ ނުވިސްނައެވެ.
އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ޝިއުނާ ވާން ދެން ސައުވީސް ގަޑިއިރުވެސް ނެތޭ ހިތަށްއެރުމާއިއެކު ޒިލާލުގެ ހިތަށް ބަޔާންކުރަން ނޭނގޭހާ ބޮޑު އުފާވެރިކަމުގެ އޮއެވަރެއް ވަދެގެން ދިޔައެވެ. އަނެއްދުވަހުގެ ހެނދުނު އިރުއެރީއްސުރެ ޝިއުނާ ހުންނަނީ ހިތްއަވަސްވެފައެވެ. ވަގުތު ގުނާލަގުނާލައެވެ. އެންމެފަހުން އެގަޑި ޖެހި ހެދުންއަޅާ ތައްޔާރުވާން ދިޔައިރު އޭނާ ހުރީ ވަރަށް ފިނިވެފައެވެ. އެއީ ކީއްވެގެން ކަމެއް ޚުދު ޝިއުނާއަކަށްވެސް ނުވިސްނުނެވެ.
ޝިއުނާގެ ކައިވެނި ހެދުން އޭނާ ހިތްހަމަޖެހޭވަރަށް ވުރެ ބާރެވެ. ހެދުން ލައިގެން ގޮސް ލޯގަނޑު ކުރިމަތީގައި އޭނާ ހުއްޓިގެން ހުއްޓެވެ. އޭރު އޭނާގެ ކައިރީގައި އަޒީމާއާއި ޒުހުދާ ތިއްބެވެ. ހެދުން ހެޔޮވަރުކުރަން ލީ ދުވަހަށްވުރެ ބާރުވެއްޖެޔޭ އޭނާ ބުނެލިއެވެ. އަދި އޭނާގެ ބަނޑުގައި އަތްކާއްތާ ލިއެވެ.
"ނޫން ތި ބާރެއްނޫން.. ވަރަށް ރީތި ތިވަރަށް ހުރީމަ... ޝިއުގެ ބަނޑު ހިނދިކަން ދައްކުވައިދެނީ ތިއިން" އަޒީމާ ބުނެލިއެވެ. އެކަމާ ޒުހުދާވެސް އެއްބަސްވިއެވެ. މަށަށް މިލިބެނީ ވަރަށް ސްލިމް ފަހަރިއެއްތާއޭ އޭނާ ބުނެލިއެވެ. އޭރު ކައިވެނިކުރެވޭތަނަށް ދާން އެންމެން ތައްޔާރުވެ ނިމިއްޖެއެވެ. އެމީހުން ތިބީ ޓެކްސީގެ އިންތިޒާރުގައެވެ.
ޝިއުނާމެނަށް އެތަނަށް ދެވުނުއިރު ޒިލާލުމެން ގޮސް ތިއްބެވެ. ޒިލާލު ކޯޓު ލާފައި ހުރިއިރު އޭނާ ހާދަ ސްމާޓޭ ޝިއުނާގެ ހިތަށް އެރިއެވެ. ޝިއުނާ ވަނީއްސުރެ އެހެންދިމާލަކަށް ކަޅި ހިންގާވެސް ނުލާ އޭނާއާއި ދިމާލަށް ބަލަން ހުރީތީ ޝިއުނާ ލަނދުންގޮސް ފައިއޮޅޭ ގޮތްވިއެވެ.
ކޮންމެއަކަސް އުފާވެރި ޙަފުލާއެއްގައި ޝިއުނާ އާއި ޒިލާލުގެ ކައިވެނި ކުރެވުނެވެ. ދެފަރާތުގެ ޢާއިލާގެ އިތުރުން ދެން ޝިއުނާގެ އޮފީސް މީހުންނާއި އޭނާގެ ރައްޓެހިންނެވެ. އޭގެތޭރެގައި އެއްކޮށް ކިޔަވަން އުޅުނު ކުދިންވެސް ހިމެނެއެވެ. ޒިލާލުގެ ފަރާތުން އެކައިވެންޏަކަށް މާގިނަ ބަޔަކަށް ދަޢުވަތެއް ނުދެއެވެ. އޭނާ މަސައްކަތްކުރާ ތަނުގައި އުޅޭ މީހުންނަކަށް ދަޢުވަތު ދޭކަށް އޭނާ ބޭނުމެއްނުވިއެވެ. ދެން ޒިލާލު ދަޢުވަތު ދިނީ ހާދީ އަށާއި ފައިޞަލު އަށެވެ. އެހެންނަމަވެސް އެއިން އެކަކަށްވެސް އާދެވޭ ގޮތެއް ނުވިއެވެ. އޭނާގެ ރަށުގެ އެކުވެރިންގެ ތެރެއިން އައީ މުބީންގެ ދެމަފިރިން އެކަންޏެވެ.
އެ ހަފުލާގެ ތެރެއިން ފޮޓޯތަކަށް އަރާއިރު ވަރަށް އުފާވެރިކަން އޭނާގެ މޫނުމަތިން ދައްކަން ޒިލާލު އަބަދުވެސް ދިޔައީ ވިސްނަމުންނެވެ. ޙަޤީޤަތުގައިވެސް އޭނާ ހުރީ އުފަލުންނެވެ. ރަށު ކުދިން ކިޔާގޮތަށް މާލޭގެ މުއްސަނދި ޢާއިލާއެއްގެ ތެރެއަށް ވަދެވުނީތީއެވެ. އެހެންނަމަވެސް އޭނާ އެފޮޓޯތަކުން އެއަށްވުރެވެސް ބޮޑަށް އުފާވެފައިވާކަން ދެއްކީ އެފޮޓޯތައް އޭނާގެ ރަށަށް ދާނެތީއެވެ. އޭނާގެ މަގްސަދަކީ އެފޮޓޯތައް ފެނުމުން ވަކި މީހެއްގެ ލޮލުން ކަރުނަ ފާއްދާލުމެވެ.
އެކައިވެނި ޕާޓީއަށް ޙަނީފުގެ އެކުވެރިޔާ ޢަލީ ރަޝީދުވެސް އައެވެ. އޭނާއަށް އާދެވުނީ ފުދޭވަރަކަށް ލަސްވީ ފަހުންނެވެ. ޒިލާލުގެ ބައްޕައާއި ޢަލީ ރަޝީދުއާއި ޙަނީފުއާއި ތިން މީހުން އެއްފަރާތެއްގައި ހުރި މޭޒެއްގެ ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. އޭރު ޙަނީފު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އޭނާގެ ބޮލުން ބޮޑު ބުރައެއް އުފުލިގެން ދިޔަކަހަލައެވެ. އެތާނގައި އިނދެގެން ޙަނީފު ދެއްކީ ޒިލާލުގެ ރަނގަޅު ވާހަކައެވެ. މިޒަމާނުގައި އެކަހަލަ ކުދިން ވަރަށް މަދު ވާހަކައެވެ. ޒިލާލުގެ ބައްޕަ އެކަމާ ވަރަށް ވަރަށް ފަޚުރުވެރިވެލާފައި އޭނާއަކީ ވަރަށް ކުޑައިރުއްސުރެ އެކަނި މާއެކަނި މިސްކިތައްގޮސް، އަމިއްލައަށް ކަންކަން ކުރަން މަސައްކަތްކުރާ ކުއްޖެއްކަމުގައި މޫސާފުޅު ކިޔައިދިނެވެ.
"މަގޭ ދަރިފުޅަށް ޒިލާލު ކަހަލަ ކުއްޖަކު ލިބުންއެއީ ހަމަ ލެއްވި ބޮޑު ނަސީބެއް!" ހަނީފު ބުނެލިއެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންމާ ފޭންގާރލް
10 March 2025
އައި މިސް ޔޫ ބިންމާބޭބެ