ބެން އެފްލެކް: އޭނާ ބުނީ ރަލުގެ މަސްތުން ސަލާމަތް ވާން ފަރުވާ ހޯދަމުން އަންނަ ކަމަށް.
16 މާޗް 2017 - 06:06
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ބެން އެފްލެކް އޭނާ ކުރިން ފޭނުންނާ ހިއްސާ ނުކުރާ ވާހަކަތަކެއް، ފުރަތަމަ ފަހަރަށް ހިއްސާކޮށްފި އެވެ.
އެއީ މި ފަހުން އޭނާ ރަލުގެ ޝިކާރައަކަށްވެ، މިހާރު އެކަމުން ސަލާމަތްވާން މަސައްކަތް ކުރި ވާހަކަ އެވެ. އޭނާ ބުނީ ރަލުގެ އަވާގައި ވަރަށް ބޮޑަށް ޖެހިފައިވީ ނަމަވެސް، މިހާރު އެކަމުން އަރައި ގަންނަން ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށެވެ
ދެހާސް އެކެއްގައި ވެސް އެފްލެކް، 44، ވަނީ ރިހެބުން ފަރުވާ ހޯދައިފަ އެވެ.
އޭނާ ލިޔުނު ފޭސްބުކް ޕޯސްޓެއްގައި ބުނީ "ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށާއި މިއީ އަދި ފެށުމެއް" ކަމަށެވެ. އަދި އެކަމުން އަރައި ގަންނަން ކުރެވުނު މަސައްކަތާ ދޭތެރޭ އުފާވެ، ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރި ކަމަށް ބުންޏެވެ.
ބަތަލާ ޖެނިފާ ގާނާއާ ކައިވެނިކޮށް ތިން ދަރިން ވެސް ލިބިފައިވާ އެކްޓަރު ބުނީ އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން ކަމަށެވެ. އަދި އަންހެނުން ޖެނިފާގެ މައިންބަފައިންގެ ދައުރު ވެސް މިކަމުގައި ބޮޑު ކަމަށް ބުންޏެވެ.
"އަހަރެން ބޭނުން ވަނީ އުފާވެރި ދިރިއުޅުމެއް އުޅެ، ދަރިންނަށް ރަނގަޅު ބައްޕައަކަށް ވެސް ވާން،" އޮސްކާ ހާސިލްކޮށްފައިވާ އެކްޓަރު ބުންޏެވެ. "އަހަރެން ވަރަށް އުފާ ކުރަން ޖެނިފާ ކަހަލަ އަންބަކާއި ދަރިންތަކެއްގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަން ލިބުނީތީ. އެއީ އަހަރެންގެ ވަރަށް ބޮޑު ނަސީބެއް."
އެފްލެކްގެ ފޭނުންނާ ހިއްސާ ކުރި ފޭސްބުކް ޕޯސްޓް.
އެފްލެކާއި ޖެނިފާގެ ކައިވެނީގައި މައްސަލަތަކެއް ޖެހި ދެ މީހުން ވަނީ 2015 ގައި ވަރިފަށަށް ވެސް އަރައިފަ އެވެ. ވަރީގެ މައްސަލަ މިހާރު ވެސް އޮތީ ކޯޓްގަ އެވެ.
އެކަމަކު ހޮލީވުޑްގެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން، ވަރީގެ ހިޔާލު ދޫކޮށްލައި، ދެ މީހުން މިހާރު ވަނީ އަލުން ސުލްހަވާން ނިންމައިފަ އެވެ.
އެ ދެ މީހުން ވަރިވާން ނިންމި ނަމަވެސް، ގުޅުން އަބަދު ވެސް ވަރަށް ގާތްކޮށް ބާއްވަމުން ދިޔަ އެވެ.
އެފްލެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރާ "ޖަސްޓިން ލީގް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy