ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބަަތަލާއިންނާއި ބަތަލުންގެ އާމްދަނީގެ ފަރަގު އަބަދު ވެސް ވަރަށް ބޮޑެވެ. ހޮލީވުޑާއި ބޮލީވުޑްގައި ވެސް މި ތަފާތުކުރުންތައް ބޮޑެވެ.
އެހެންވެ އާންމުކޮށް ފިލްމީ ތަރިން އެ މީހުންގެ އާމްދަނީއާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. މި ފަހަކަށް އައިސް މި ތަފާތުކުރުން ނައްތައިލުމަށް ގިނަ ބަތަލާއިން ވަކާލާތު ވެސް ކުރެ އެވެ.
މިހާރު ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ބަތަލާ އެމާ ވަޓްސަން އަށް އެ ފިލްމުން ކިހާ ވަރެއްގެ އާމްދަނީއެއް ލިބޭކަން އެނގޭ ހެއްޔެވެ؟
ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުން އެމާ އަށް ގެއަށް ގެންދަން 15 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެކަމަކު އެއީ ފިލްމުގެ މުޅި އާމްދަނީ 750 މިލިއަން ޑޮލަރަށް އަރައިފި ނަމަ އެވެ.
ބިލް ކޮންޑޮން ޑައިރެކްޓްކޮށްފައިވާ ޑިސްނީގެ "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ހެރީ ޕޮޓާ އިން ވިދާލި ބަތަލާ އެއްބަސްވީ ވެސް އެ ވަރުގެ އާމްދަނީއެއް އޭނާ އަށް ދޭންޖެހޭނެ ކަމަށް ޝަރުތުކޮށްފަ އެވެ. ހެރީ ޕޮޓާގެ ފިލްމްތަކުން އެމާ، 26، އަށް 60 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ހުކުރު ދުވަހު ރިލީޒް ކުރި "ބިއުޓީ އެންޑް ދަ ބީސްޓް" ގެ މިހާރުގެ ވިޔަފާރިއަށް ބަލާ އިރު، ފިލްމަށް މިހާތަނަށް ވަނީ 60 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
އަދި މިއަދު (އާދީއްތަ) އާ ހަމައަށް އެ ފިލްމުގެ އާމްދަނީ 140 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.
އެހެންވެ މިހާރު އަންދާޒާ ކުރެވޭ ގޮތުން މުޅި ދުނިޔޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" ދައްކައިގެން 750 މިލިއަން ޑޮލަރުގެ އާމްދަނީއެއް ފިލްމް ހޯދުން ވަރަށް ގާތެވެ. އެހެންވެއްޖެ ނަމަ، އެމާ އަށް 15 މިލިއަން ޑޮލަރު ކަށަވަރު ވާނެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި "މެލްފިޝަންޓް" އިން އެންޖެލީނާ ޖޯލީ ވެސް ވަނީ 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއަށް ގެންގޮސްފަ އެވެ.