މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓެފަން ކިންގްގެ ވާހަކަ ސީރީޒް "ދަ ޑާކް ޓަވާ" އަސްލަކަށް ބަލައިގެން ހަމަ އެ ނަމުގައި ހަދާފައިވާ ފެންޓަސީ ބިރުވެރި ފިލްމް އަންނަ ޖުލައި މަހުގެ 28 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމުގެ މައިގަނޑު ރޯލްތައް ކުޅެފައި ވަނީ އިދްރީސް އެލްބާ އާއި މެތިއު މެކޮނޮހީ އެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރު މެތިއު ވަނީ ޓްވިޓާގައި މިހާރު ފޭނުންނާ ވެސް ހިއްސާކޮށްފަ އެވެ.
ވަރުގަދަ ކުޅަދާނަ ދެ ތަރިން ފިލްމުގެ ލީޑް ރޯލުން ފެނިގެންދާތީ "ދަ ޑާކް ޓަވާ" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.
އަނެއްކޮޅުން މިއީ ސްޓެފަން ކިންގްގެ ވާހަކައަކަށް ހަދާފައިވާ ފިލްމަކަށްވާތީ، ފިލްމަށް ދެވޭ ހާއްސަކަން ވެސް ބޮޑެވެ. މަޝްހޫރު އެތައް ވާހަކައެއް ލިޔެ، އޭނާގެ ބައެއް ވާހަތަކަށް މިހާތަނަށް ފިލްމް ވެސް ހަދާފައިވާ ލިޔުންތެރިޔާގެ "ދަ ޑާކް ޓަވާ" އަކީ އަށް ވާހަކައިގެ މައްޗަށް ހިމެނޭ ސިލްސިލާއެކެވެ.
މި ސީރީޒްގައި ކުލަ ޖައްސައިގެން ބޮޑު ސްކްރީނަށް ފިލްމް ގެނެސް ދެނީ ޑައިރެކްޓަރު ނިކޮލަޖް އާސެލް އެވެ.
ސްކްރީން ރައިޓަރެއްގެ ގޮތުގައި ބޮޑަށް މަޝްހޫރު ނިކޮލަޖް މިހާތަނަށް މާ ގިނަ ފިލްމެއް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ލިޔެ، ޑައިރެކްޓް ކުރި ދަ ރޯޔަލް އެފެއާ (2012) އާއި ޓްރުތު އެބައުޓް މެން (2010) ހިމެނެ އެވެ.
ނިކޮލަކް ސްކްރީންޕްލޭ ލިޔެފައިވާ އެންމެ މަޝްހޫރު އެއް ފިލްމަކީ 2009 ގައި ރިލީޒް ކުރި "ދަ ގާލް ވިތު ޑްރެގަން ޓެޓޫ" އެވެ.
ފަސްދޮޅަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ދަ ޑާކް ޓަވާ" ގެ އެއް ސްކްރީން ރައިޓަރަކީ ވެސް ނިކޮލަޖެވެ.