ނިމާލް (ކުރިމަތިން މެދުގައި) ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ ކްރޫއާ އެކު.
24 މާޗް 2017 - 05:49
ސްރީ ލަންކާގައި މަންޒަރުތައް ނެގި އަހުމަދު ނިމާލްގެ ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ ޝޫޓިން ނިންމާލައިފި އެވެ.
މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާފައިވާ މި ޑްރާމާއަކީ "ސިޓީ" އާއި "ޒަލްޒަލާ" ފަދަ ކާމިޔާބު ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ނިމާލް، މިހާތަނަށް ޑައިރެކްޓް ކުރި އެންމެ ދިގު ޑްރާމާ ސިލްސިލާ އެވެ.
އޭގެ ޝޫޓިން ނިންމާލައި، ފޭސްބުކްގައި ނިމާލް ބުނީ "ލޯބީގެ ހިޔަނި" ގެ ޝޫޓިން ނިންމައިލެވުނީ 32 ދުވަހުގެ ތެރޭގައި ކަމާއި ކާސްޓާއި ކްރޫގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.
"ތިކަމެއް ނުވާނެ މިހެން ބުނެފައިވާ އަޑުތައް އެއްކައިރި ކޮށްލާފައި ކުރަން އައި މަސައްކަތް ނިންމާލެވިއްޖެ،" ފެބްރުއަރީ މަހު ފަހުކޮޅު ޝޫޓިން ފެށި ޑްރާމާއާ ބެހޭ ގޮތުން ނިމާލް ބުންޏެވެ.
ލަންކާގައި ދިރިއުޅޭ އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ކަންތައްގަނޑެއް ދައްކުވައިދޭ ޑްރާމާގެ ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) ގެ އިތުރުން އިސްމާއީލް ޖުމައިހް (ޖުމާ) ގެ އިތުރުން ސުޖީތާ އަބްދުﷲ (ސުޖީ) އެވެ.
ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ މަންޒަރެއްގައި އަޒޭ އާއި މަލް.
މީގެ އިތުރުން ޑްރާމާގެ ކާސްޓުންގެ ތެރޭގައި ކުރީގެ ބަތަލާ ފާތުމަތު ޝީރީން، އާރިފާ އިބްރާހީމް އަދި ހާމިދު ވަޖީހް ފަދަ އެކްޓަރުން ވެސް ހިމެނެ އެވެ. އަދި ބައެއް ރޯލްތަކުން ލަންކާގެ އެކްޓަރުން ވެސް ފެންނާނެ އެވެ.
ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ މަންޒަރެއްގައި މަލް އާއި ސުޖީ.
އަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށްފައިވާ "ލޯބީގެ ހިޔަނި" އަކީ އަލަށް ފަށާ ޗެނެލަކުން ބެލުންތެރިންނަށް ފެނިގެން ދާނެ ޑްރާމާއެކެވެ.
އެ ޗެނެލުން ދެއްކުމަށްޓަކައި މިހާރު ވެސް ބައެއް ޑްރާމާ ސިލްސިލާތައް ހަދާފައިވާ އިރު، އިތުރު ޑްރާމާތަކެއް ހެދުމުގެ މަސައްކަތް އެހެން ބައެއް ޑައިރެކްޓަރުން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy