ކޮލިން ފެރެލް: "ޑަމްބޯ" ގެ ލައިވް އެކްޝަން ފިލްމުން ފެންނާނެ.
26 މާޗް 2017 - 06:18
މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ފަހު، ޑިޒްނީން އަނެއްކާ ވެސް، އެ ސްޓޫޑިއޯގެ އެނިމޭޓެޑް ފިލްމެއް ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ނިންމައިފި އެވެ.
މި ފަހަރުގެ ފިލްމަކީ 1941 ވަނަ އަހަރު ރިލީޒް ކުރި "ޑަމްބޯ" އެވެ. މިއީ ޗަރުކޭހެއްގައި އުޅޭ، ބޮޑު ދެ ކަންފަތްލީ ޅަ އެތެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މި ފިލްމް ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައިވާ އިރު، ފިލްމުގެ ލީޑް ރޯލަށް ނަގާފައި ވަނީ އެކްޓަރު ކޮލިން ފެރެލް އެވެ. އަދި ޑައިރެކްޓަރަކަށް ހަމަޖައްސައިފައި ވަނީ ކާމިޔާބު އެނިމޭޓެޑް ފިލްމުތަކެއް ގެނެސްދީ އޮސްކާ ވެސް ހާސިލްކޮށްފައިވާ ޓިމް ބާޓަން އެވެ.
އޭނާ ހަދާފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ކޯޕްސް ބްރައިޑް (1996) އަދި ފްރެންކެންވީނީ (2013) ފާހަގަކޮށްލެވެ އެވެ.
"ޑަމްބޯ" ގެ އެނިމޭޓެޑް ފިލްމުގެ ސްކްރީންޕްލޭ އަށް، ބައެއް ބަދަލުތަކެއް ގެނެސް، މި ފަހަރު ސްކްރިޕްޓް ލިޔަނީ އާރެން ކްރުގާ އެވެ.
ރިޕޯޓައް ބުނާ ގޮތުގައި އެނިމޭޓެޑް ފިލްމުގައި ޗަރުކޭހުގެ ކުޅިވަރުތައް ދައްކުއިދޭ ވަރަށް ވުރެ، މާ ބޮޑަށް ލައިވް އެކްޝަން ފިލްމުގައި ޗަރުކޭހުގެ ހަރަކާތްތައް ދައްކުވައި ދޭނެ އެވެ.
"ޑަމްބޯ" ގެ ކާސްޓުންގެ ތެރޭގައި ފެރެލްއާ އެކު "ކެސިނޯ ރޮޔެލް" ފަދަ ފިލްމުތަކުން ފެނިފައިވާ އީވާ ގްރީން އާއި ދުވަސްވީ އެކްޓަރު ޑެނީ ޑެވިޓޯ ވެސް ހިމެނެ އެވެ.
ފެރެލް މީގެ ކުރިން ވެސް ވަނީ ޑިޒްނީއާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ސޭވިން މިސްޓަ. ބޭންކް" ހިމެނެ އެވެ.
އޮކްޓޯބަރު 23، 1941 ގައި ރިލީޒް ކުރި "ޑަމްބޯ" ގެ ޑައިރެކްޝަން ހަދާފައި ވަނީ ހަތް މީހަކުވެގެންނެވެ.
ނުވަލައްކަ ފަންސާސް ހާސް ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި 1.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy