ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "މީ ލޯތްބަކީ" އޮލިމްޕަހުގައި މިރޭ ޕްރިމިއާ ކުރާނެ އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ބުނީ ފިލްމު މިރޭ އަޅުވާ އިރު، ވަކި ހާއްސަ ކަމެއް ނެތް ނަމަވެސް، ޕްރިމިއާ ނައިޓްގައި ފިލްމުގެ ކާސްޓާއި ކްރޫ ބައިވެރިވާނެ ކަމަށެވެ.
އޭނާ ބުނީ ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ޓިކެޓް ވިކެމުންދާ ސްޕީޑާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ. ފިލްމަށް ލިބޭ ތަރުހީބަށް ބަލާފައި ޝޯތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ. އެހެންވެ އަދިއެއް ނެތް ވަކި އަދަދަކަށް ޝޯތައް ދައްކަން ޓާގެޓްކޮށްފައެއް،" މޮގާ ބުންޏެވެ.
އޭނާ ބުނީ ރަށްރަށުގައި ވެސް ފިލްމް ފަހުން އަޅުވާނެ ކަމަށެވެ.
"މާލޭގައި ފިލްމް އަޅުވައި، އަހަރެމެންގެ ޓީމް ވެސް ހަމައަކަށް އެޅުނީމަ، ޑާކް ރެއިންގެ ޓީމުން މީހުން ގޮސްގެން ރަށްރަށުގައި މި ފަހަރު ވެސް ފިލްމް ދައްކާނަން،" މޮގާ ބުންޏެވެ. "އެގޮތުން ބޮޑެތި އާބާދީތައް ހިމެނޭ އަތޮޅުތަކަށް އިސްކަން ދޭނަން."
އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ "މީ ލޯތްބަކީ" އަކީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގްގެ ސްްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ފިލްމުގެ ލީޑް ރޯލުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ ފެނިގެންދާ އިރު، މިއީ ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ.
ފިލްމީ ދާއިރާ އަށް މުޅިން އާ އެކްޓަރުންތަކެއް ވެސް "މީ ލޯތްބަކީ" އިން ތައާރަފުވެގެން ދާނެ އެވެ.
މި ފިލްމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާ" އެކީ އަށް ފަހު، އެ ސްޓޫޑިއޯ އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"މީ ލޯތްބަކީ" އަކީ މި އަހަރު އަޅުވާ ތިން ވަނަ ފިލްމެވެ.