ވިޖޭތާ ވަރަށް ކުރިން ކުޅުނު ފިލްމެއްގެ މަންޒަރެއްގައި
09 އެޕްރީލް 2017 - 06:24
ވިޖޭތާ ޕަންޑިތުގެ ފުރަތަމަ ފިލްމް "ލަވް ސްޓޯރީ" އޭނާ ކުޅުނީ ޓީންއޭޖް ދުވަސްވަރު އެވެ. އެ ފިލްމު ސުޕަ-ހިޓް ވިޔަސް އެ ފިލްމަކުން އޭނާއަކަށް ފައިދާއެއް ނެގޭ ގޮތެއް ނުވި އެވެ. ފިލްމު ކުޅެ ނިމުނުއިރު އޭނާ ހުރީ ފިލްމުގެ ބަތަލު ކުމާރު ގޯރަވްއާ ހެދި މޮޔަވާ ވަރަށް ލޯބި ވެފަ އެވެ. "ލަވްސްޓޯރީ" އަކީ 1981 ގައި ރިލީޒްކުރި ވިޖޭތާ އާއި ކުމާރު ގޯރަވްގެ އިތުރުން ޑެނީ، ރާޖެންދުރަ ކުމާރު އަދި ވިދްޔާ ސިންހާ މުހިއްމު ރޯލުތައް ކުޅުނު ވަރަށް ރީތި ލޯބީގެ ވާހަކައަކަށް އުފެއްދި ފިލްމެކެވެ.
އެ ދުވަސްވަރު ވިޖޭތާ އާއި ކުމާރު ގޯރަވް ރައްޓެހިވެ ވިޖޭތާއާ ކައިވެނިކުރަން ކުމާރް ގޯރަވް ވައުދު ވެސް ވި އެވެ. އޭނާގެ ޝަރުތަކީ އިތުރު އެއްވެސް ފިލްމެއް ނުކުޅެ އޭނާ ކައިވެނިކުރަންދެން ގޭގައި ހުރުމެވެ. އެހެންވެ ލިބުނު ހުރިހާ ރަނގަޅު ފުރުސަތުތަކެއް ވިޖޭތާ ގަބޫލުނުކޮށް ދޫކޮށްލީ ކުމާރު ގޯރަވް ދެކެ ލޯބިން އޭނާ ބުނާ ގޮތް ހަދަން ވެގެންނެވެ.
ނަމަވެސް ކުމާރް ގޯރަވްގެ ބައްޕަ ވިޖޭތާ އާއި ކުމާރު ގޯރަވްގެ ލޯތްބާ ދެކޮޅެވެ. ސަބަބަކީ "ލަވް ސްޓޯރީ" ފެށި އިރު ވެސް ކުމާރު ގޯރަވް އާއި ރާޖް ކަޕޫރުގެ ދަރިފުޅު ރީމާ ކަޕޫރާ އެންގޭޖްވެފައި ވުމެވެ. އެހެންވެ ރާޖް ކަޕޫރާއި ކުމާރް ގޯރަވްގެ ބައްޕަ ރާޖެންދުރަ ކުމާރުގެ ޒަމާންވީ އެކުވެރިކަމަށް ބުރޫ އަރާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ކުމާރު ގޯރަވް އާއި ރީމާގެ ކައިވެނި ވެސް ކުރެވޭ ގޮތް ނުވެ އެންގޭޖްމަންޓް ރޫޅުނީ އެވެ. އަދި ކުމާރު ގޯރަވްގެ ފިލްމީ ކެރިއަރު ވެސް ވައިގައި ހިފާ ގޮތެއް ނުވި އެވެ.
ކުމާރު ގޯރަވް ކައިވެނި ކުރާނެކަމަށް ވިޖޭތާ ހަތަރު އަހަރު އިންތިޒާރުގައި އިނެވެ. ނަމަވެސް ބައްޕަގެ ދެކޮޅުހެދުމާ އެކު ކުމާރު ގޯރަވް ވިޖޭތާއާ ކައިވެންޏެއް ނުކުރި އެވެ. ވިޖޭތާ އިންތިޒާރުގައި ބައިންދާފައި ކުމާރް ގޯރަވް ކައިވެނިކުރީ ސުނިލް ދަތުގެ ދަރިފުޅު ނަމްރަތާ ދަތުއާ އެވެ.
އެކަމާ ހިތް ހަލާކުވެގެން ވިޖޭތާ އަލުން ފިލްމު ކުޅެން ފެށި އެވެ. "މުހައްބަތު" އަދި "މިސާލް" އަކީ (1985) ކުމާރް ގޯރަވް ލަނޑު ދިނުމުން އަވަސް އަރުވާލާފައި ވިޖެޔާތާ ކުޅުނު ފިލްމު ތަކެކެވެ. އޭގެ ފަހުން ވެސް ބައެއް ފިލްމުތައް ކުޅުނެވެ. ނަމަވެސް ހަތަރު އަހަރު ބޭކާރު ކޮށްލުމުން އޭނާގެ ކެރިއަރަށް އޮތީ އަލުން އާބާދު ނުކުރެވޭ ވަރަށް ގެއްލުން ވެފަ އެވެ.
"ޖީތެ ހޭ ޝާންސޭ" އަދި "ޒަލްޒަލާ" ފަދަ ފިލްމުތައް އޭނާ ކުޅުނުއިރު ދެން އިތުރަށް ބޮލީވުޑްގައި ކުރިޔަށް ނުދެވޭނެކަން ވަނީ ޔަގީން ވެފަ އެވެ. ސަބަބަކީ ޝްރީދޭވީ އާއި މާދުރީ އަދި ޖަޔަޕްރަދާ ފަދަ ބަތަލާއިން އެ ދުވަސްވަރު ވަރަށް ގަދަޔަށް ވިދަން ފަށާފައިވާތީ އެވެ.
ވިޖޭތާ އޭނާގެ ދެ ދަރިންނާއި ފިރިމީހާ އާދޭޝްއާ އެކު: އާދޭޝް ވަނީ ވަރަށް ފަހުން ކެންސަރު ބަލީގައި މަރުވެފައި
އެހެންވެ "ކާ ތީފް" ކިޔާ ފިލްމެއް ކުޅުނު ދުވަސްވަރު އެ ފިލްމުގެ ޑައިރެކްޓަރު ސަމީރް މަލްކާންއާ ރައްޓެހިވި ވިޖޭތާ އޭނާއާ ކައިވެނި ކުރީ އެވެ. ނަމަވެސް މި ކައިވެނި މާ ގިނަ ދުވަހަކަށް ދެމިއެއް ނޯތެވެ. ސަމީރް ކައިރިން ވަރިވެ، މީހުންގެ ލޮލުގައި އަޅައިނުގަންނަ ގޮތަށް ވަރަށް ގިނަ ދުވަހު އޭނާ އުޅުނެވެ. އަދި ފަހުން މިއުޒިކް ޑައިރެކްޓަރު އާދޭޝް ޝްރިވާސްތަވްއާ ކައިވެނި ކުރީ އެވެ. އާދޭޝް އާއި ވިޖޭތާއަށް ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އަދި ވަރަށް ފަހުން އާދޭޝް ކެންސަރު ބަލީގައި މަރުވުމުން މިހާރު އަނެއްކާވެސް ވިޖޭތާ ވަނީ އެކަނިވެފަ އެވެ. ފިލްމު ކުޅެން ފެށުމުގެ ކުރިން ވިޖޭތާ އަކީ ލަވަ ކިޔުމުގެ ރޮނގުން އަރައިގެން އައި ތަރިއެކެވެ. އޭނާގެ އާއިލާ އަކީ ވެސް ލަވައިގެ ދުނިޔޭގައި ވަރަށް މަޝްހޫރު ބައެކެވެ. އެހެންކަމުން އެ އާއިލާގެ އެންމެ ހަގު ކުއްޖާގެ ގޮތުން، 1978 ވަނަ އަހަރު ރިލީޒްވި "ދިލް ސޭ މިލޭ ދިލް" އަށް ވިޖޭތާ ވަނީ ލަވަ ކިޔައިދީފަ އެވެ. "ހާތޯން މޭ މެރެ ބީ މެހެންދީ ލަގާއޯ" އަކީ އެ ފިލްމަށް ވިޖެޔާތާ ކިޔައިދިން އެއް ލަވަ އެވެ. ފަހުން އާމިރު ޚާން އާއި އައިޝާ ޖުލްކާގެ "ޖޯ ޖީތާ ވޮހީ ސިކަންދަރް"ގެ "ޕެހެލާ ނަޝާ" ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ. ނަމަވެސް އެއްބަނޑު އެއްބަފާ ދެބެންނާއި ދެ ވަނައަށް ކައިވެނިކުރި މީހާ އަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުންނަށް ވިޔަސް ލަވަކިއުމުން އޭނާއަށް ކެރިއަރެއް ބިނާކުރެވޭ ގޮތެއް ނުވި އެވެ.
އެ ދުވަސްވަރު ވިޖެޔާތާ ކީ ވަރަށް ގިނަ ލަވަތައް ފަހުން، ލަތާ މަންގޭޝްކަރް އާއި އާޝާ ބޯސްލޭ އަދި އަލްކާ ޔަގްނިކް ފަދަ ލަވަކިޔުންތެރިން ލައްވާ އަލުން ކިއުއްވި އެވެ. އަދި ފަހުން އޭނާއަށް ލަވަކިޔާނެ ފުރުސަތެއް އެއްވެސް މީހަކު ނުދިނެވެ.
ސުލަކްޝަނާ ޕަންޑިތު އަކީ ވިޖެޔާތާގެ ދައްތަ އެވެ. އޭނާއަކީ ވެސް 70 ގެ ފަހުކޮޅާއި 80 ގެ އަހަރު ތަކުގައި މަޝްހޫރުވި ބަތަލާއެކެވެ. ނަމަވެސް ސުލަކްޝަނާ އަށް ދިމާވީ ވިޖެޔާތާއަށް ވުރެ ވެސް ހިތްދަތި ހާލަތެކެވެ. ސުލަކްޝަނާ އަށް ލޯބި ވެވުނީ އެ ދުވަސްވަރުގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ސަންޖީވް ކުމާރުއާ އެވެ. ނަމަވެސް ސަންޖީވް ސުލަކްޝަނާއަށް ޝައުގުވެރިކަމެއް ނުދިނެވެ. އޭނާގެ ފިލްމީ ކެރިއަރު ދެމިގެން ދިޔައީ އެންމެ ހަތް އަހަރު ދުވަހަށެވެ.
ސުލަކްޝަނާ ތައަރަފްވީ 1974 ގައި ނުކުތް "ރާޖާ" އަދި "އުލްޖަން" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 1983 ގައި ނުކުތް "މަދަދްގާރް" އެވެ. އެ ފިލްމުގެ ބަތަލު ޖިތެންދުރައާ ސުލަކްޝަނާގެ އެ ދުވަސްވަރުއްސުރެ މިހާތަނާ ޖެހެންދެން ވެސް ގާތް ގުޅުމެއް އޮވެ އެވެ.
ސަންޖީވް ކައިވެނި ކުރަން އެއްބަސް ނުވުމުން ސުލަކްޝަނާ މިހާތަނަށް ވެސް ކައިވެންޏެއް ނުކުރެ އެވެ. މިހާރު ނަފްސާނީ މައްސަލަތަކެއް ވެސް ޖެހިފައިވާ ސުލަކްޝަނާ ދިރިއުޅެނީ ވިޖެޔާތާ އާއި އޭނާގެ ކުދިންނާ އެކު އެ ގޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުނިކަހާމީހާ
09 April 2017
މަ ހަމަހުވާ މިބުނީ އަޅެކީއްވެފަތަ މިދިވެހިންތިބެނީ އިންޑިޔާގެ ފިލްމީސިތާރުންގެ ކަންތަކަށްވެސް ކޮމެންޓުކުރޭވިއްޔާ....ވިޖޭތާ މިހާރު ގެންގުޅެނީ އުރީދޫ ނަންބަރެއް....ރީލޯޑުކޮއްދޭންޖެހޭއެކަމަކު...ޕްރިޕެއިޑެއް ދެން އިއްދައިން ނުމުނީމަދޯ ތިކަމުގަ އެހީއެއްވެވޭނީ....މަބުނާނަން މައުރޫފުގެ ހުށަހެޅުން....އަދި ހުރީ ހުދުސާޅީގަ....މައުރޫފު ހިއްވަރުކުރޭ...އަދި ކުޑަދުވަސްކޮޅަކަށް...ދެންމާގިނަދުވަހަކު އިންތިޒާރުކުރާކަށް ނުޖެހޭނެހެންހީވަނީ.....މަ މީ ޕަންޑިތުމެންގޭގަ ކުނިކަހާމީހާ . ..މައެބައުޅެންތިކަމުގަ...
މައުރޫފު ވަހީދު
09 April 2017
ލަވްސްޓޯރީ ބެލީއްސުރެން ވިޖޭތާ އޮންނަނީ މަގޭ ހިތުން ޖާގައެއް ހޯދާފައި. އެހެންވީމާ މަމިހިރީ ވިޖޭތާ އާއި ކައިވެނިކޮށް އުޅޭން ތައްޔާރަށް . ގުޅޭނެ ނަމްބަރ ގެނެސް ދެއްވާ.
ފިލްމީ
09 April 2017
"މުހައްބަތު" އަކީ އަނިލްކަޕޫރާއި އެކު ވިޖްޔަތާ ކުޅެފައިވާ ވަރަށް ރީތި ފިލްމެކެވެ.