މެޑޯނާ: "ބްލޮންޑް އެމްބިޝަން" ގެ ނަމުގައި އޭނާގެ މައްޗަށް ފިލްމެއް ހަދަން މިހާރު އަންނަނީ ތައްޔާރުވަމުން.
29 އެޕްރީލް 2017 - 07:44
އެމެރިކާގެ ޕޮޕް ލަވައިގެ ރާނީ މެޑޯނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޔުނިވާސަލް ޕިކްޗާސްއިން ފިލްމެއް ހަދަން ނިންމިކަން އިއުލާންކުރުމާ ގުޅިގެން، އޭނާ އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކަން ފަށައިފި އެވެ.
"ބްލޮންޑް އެމްބިޝަން"ގެ ނަމުގައި ހަދާ މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ މޮޅެތި ސްކްރީންޕްލޭތަކުގެ ތެރޭގައި ބްލެކް ލިސްޓްގައި ހިމެނުނު ސްކްރީންޕްލޭއަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ސްކްރީން ރައިޓަރަކީ އެލީޒް ހޮލެންޑާ އެވެ.
ފިލްމު ބިނާކޮށްފައި ވަނީ 1980 ވަނަ އަހަރު މެޑޯނާ ކެރިއާ ފަށައިގެން އައި ދުވަސްވަރު، ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ.
ޔުނިވާސަލް އިން މި ފިލްމް އުފައްދާ އިރު، މީގެ ޕްރޮޑިއުސަރުންގެ ތެރޭގައި "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ ޕްރޮޑިއުސަރު މައިކަލް ޑެ ލޫކާ އާއި "ރަޝް އަވާ" ގެ ޑައިރެކްޓަރު ބްރެޓް ރަޓްނާ ވެސް ހިމެނެ އެވެ.
މިއީ މެޑޯނާގެ އެއްވެސް ހިއްސާއެއް ނެތި ސްކްރީނަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ. އެހެންވެ މިއީ އޭނާގެ ނުރަސްމީ ބައޮޕިކެކެވެ.
މި މައްސަލާގައި މިހާރު ރުޅިގަދަވެފައި ހުރި ލަވަ ކިޔުންތެރިޔާ އިސްޓަގްރާމްގައި ބުނީ އޭނާގެ "ހަގީގީ ވާހަކަ ދެވަނަ މީހަކަށް ކިޔައި ނުދެވޭނެ" ކަމަށެވެ.
"އަހަރެންގެ ވާހަކަ ކިޔައި ދެވޭނީ ހަމައެކަނި އަހަންނަށް،" މެޑޯނާ، 58، ބުންޏެވެ. "އެކަން އެހެން ބަޔަކު ކުރަން އުޅޭ ނަމަ، އެއީ ގަމާރު ކަމެއް."
އޭނާ ބުނީ "ބްލޮންޑް އެމްބިޝަން" ގެ ސްކްރިޕްޓަށް ބަލާ އިރު، އޭގައި ހަގީގަތާ ހިލާފު ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ސްކްރީންޕްލޭގައި ހުރިކަން މެޑޯނާ ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އޭނާ އުފަންވީ ޑިޓްރޮއިޓަށް ކަމަށާއި ވަކި ހިސާބަކުން ސްކޫލަށް ނުގޮސް ކިޔެވުން ވެސް ހުއްޓާލި ކަމަށް މެޑޯނާ ބުނާ ޑައިލޮގެއް ސްކްރީންޕްލޭގައި ހިމަނާފައިވާތީ އެއީ ވެސް ދޮގު ކަމަށް މެޑޯނާ ބުންޏެވެ.
އެހެންވެ އޭނާ ވަނީ "ބްލޮންޑް އެމްބިޝަން"ގެ ސްކްރިޕްޓް ލިޔުނު އެލީޒް "ގޮސިޕް" ލިޔަން މާ ރަނގަޅު ވާނެ ކަމަށް ބުނެފަ އެވެ.
"ބްލޮންޑް އެމްބިޝަން" ގެ މައްސަލާގައި މެޑޯނާ އިސްޓަގްރާމްގައި ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަ އިރު، އެ ފިލްމާ ދެކޮޅަށް ގާނޫނީ ގޮތުން މައްސަލަތަކެއް ޖައްސާނެ ކަމުގެ އިޝާރާތެއް އަދި ނުދެ އެވެ.
އަނެއްކޮޅުން އޭނާގެ ލަވަތައް ފިލްމްގައި ބޭނުން ކުރުމުގެ ހުއްދަ ނުލިބިއްޖެ ނަމަ، މެޑޯނާގެ މިއުޒިކާ ނުލައި، މި ބައޮޕިކް ވަރަށް ވަނދު ވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޑްސް
07 May 2017
60 ވީމަ ވެސް މެޑޯނާ ހާދަ ސަޅިއޭ.... ރީތި މީހުން ހަމަ ދުވަސްވިޔަސް ރީތީ..... މިހާރުގެ ލަވަކިޔުންތެރިން މެޑޯނާ ހާ ރީއްޗެއް ނުން
ކަބީދު
29 April 2017
ނަހުލާ މީތި ހަދައިފިއްޔާ ހާދަ ޓީޝޫއެއް ބޭނުންވާނޭ މީތި ބަލާއިރު