މަރުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފީޗާ ފިލްމެއްގެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެ ކަމަށް ޑައިރެކްޓަރު އަހުމަދު ނިމާލް ބުނެފި އެވެ.
އޭނާ މިހާރު އަންނަނީ އޭގެ ސްކްރިންޕްލޭ ލިޔުމުގެ މަސައްކަތް ކުރަމުންނެވެ.
"ވަރަށް ކުރިއްސުރެ ވެސް ސިކުނޑި ތެރޭގައި އެނބުރެމުން އައި ހިޔާލެއްގެ މައްޗަށް ލިޔާ އެއްޗެއް މިއީ. މައިގަނޑު ވާހަކައަކީ މީހެއްގެ މަރުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް. މުޖުތަމައުމުގެ މިހާރުގެ ހާލަތާ ވެސް ވަރަށް ގުޅޭ ކަހަލަ ކޮންސެޕްޓެއް މިއީ. އެހެންވެ ވަރުގަދަކޮށް މިއަށް ފިލްމެއް ހަދަން ބޭނުން ވަނީ،" މިދިޔަ އަހަރު ބިރުވެރި ފިލްމް "އެ ރެއަށް ފަހު" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
ނިމާލް މީގެ ކުރިން ވެސް ވަނީ ސިއްރު މަރުތަކެއްގެ މައްޗަށް ބިނާކޮށް ފިލްމްތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި "ހިލިހިލާ" އާއި "ހިޔަނި" ފާހަގަކޮށްލެވެ އެވެ.
"އަލަށް މި ހަދާ އެއްޗަކީ ވެސް މާޑާ މިސްޓްރީއަކަށް ވިޔަސް، މީތި ކުރީގެ ފިލްމްތަކާ ވަރަށް ތަފާތު،" އޭނާ ބުންޏެވެ.
ނިމާލް ބުނީ ސްކްރިޕްޓް މިހާރު ލިޔަމުން އަންނަ އިރު، ފިލްމަށް ނަގާނެ ކާސްޓުން ވެސް ސިކުނޑި ތެރޭގައި އެބަހުރި ކަމަށެވެ.
ކާސްޓުންގެ ތެރޭގައި ނިމާލާއި އޭނާގެ ދަރިފުޅު، ފިލްމީ ދައިރާގައި މިހާރު ހުރި އެންމެ ކާމިޔާބު އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) ހިމެނޭނެ އެވެ. މި ފިލްމްވެގެން ދާނީ ބައްޕަގެ ޑައިރެކްޝަނެއްގައި ޖުމަލް މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ.
އޭނާ ފިލްމީ ދާއިރާ އަށް 2014 ގައި ތައާރަފުވީ ނިމާލް ޑައިރެކްޓް ކުރި "އަނިޔާ" އިންނެވެ.
"ނިމާލާއި ޖުމަލް އުޅޭނެ ޔަގީނުން ވެސް. ދެން ބޮޑަށް ބޭނުން ވަނީ މިހާރުގެ ތަރިންނާ އެކު މަސައްކަތްކޮށްލަން. އެގޮތުން ޒުވާން ގިނަ ތަރިން ފެންނާނެ. އަދި ތަޖުރިބާކާރު އެކްޓަރުން ވެސް ފިލްމުގެ އެކި ރޯލްތަކުން ފެންނާނެ،" ނިމާލް ބުންޏެވެ.
އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމުގެ ޝޫޓިން ރޯދައިގެ ފަހުން ފެށުމަށް ފަހު، މި އަހަރުގެ އޮކްޓޯބަރު ހިސާބުގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ.
"މި އަހަރުފެ ފަހުކޮޅު ފިލްމް ސްކްރީނަށް ގެނައުން ޓާގެޓަކީ،" ރަށެއްގައި ބޮޑު ބައި ޝޫޓް ކުރާ ފިލްމާ ބެހޭ ގޮތުން ނިމާލް ބުންޏެވެ.
އޭނާ ވަނީ ދާދި ފަހުން ސްރީ ލަންކާގައި 26 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއް ވެސް ނިންމައިފަ އެވެ. އެއީ "ލޯބީގެ ހިޔަނި" އެވެ.
ނިމާލް ޑައިރެކްޝަނަކަށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެ ސިލްސިލާ އެވެ.