ސަނަމް އިން މި ފަހަރު ގެނެސް ދިން ވީޑިއޯ ލަވައަކީ ވެސް އެ ބޭންޑަށް ސަޕޯޓް ކުރާ ރާއްޖޭގެ ފޭނުންނަށް ވެސް ކަމުދާނެ ލަވައެއް ކަމަށް ފެނޭ
ސަނަމް ބޭންޑްގެ މެމްބަރުން: ބޭންޑްގެ އާ ވީޑިއާ ލަވަ އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން.
20 ޖޫން 2016 - 07:59
ދިވެހިންގެ ތެރޭގައި މިހާރު މަގުބޫލް ބޭންޑެއް ކަމަށްވާ އިންޑިއާގެ ސަނަމް އިން އަނެއްކާ ވެސް އާ ވީޑިއޯ ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސްފި އެވެ.
ބޭންޑްގެ ހަތަރު މެމްބަރުންނާ އެކު އަންހެން ކުއްޖަކު ވެސް ފެނިގެންދާ މި ފަހަރުގެ ލަވައަކީ ލޯބީގެ މަޑުމައިތިރި ލަވައެކެވެ. ލަވައިގެ ނަމަކީ "ނަޒްރޯން ކޯ ނަޒްރޯން ސޭ" އެވެ.
ލަވައިގެ އަޑުގެ ވެރިޔައަކީ އެ އަޑަކަށް އެތައް ބަޔަކު ފިދާވަމުން އަންނަ ޒުވާން ލަވަ ކިއުންތެރިޔާ ސަނަމް ޕޫރީ އެވެ.
މި ފަހަރު ލަވައިގެ ހާއްސަ ކަމަކީ މިއީ ސަނަމް ބޭންޑްގެ އަމިއްލަ ރާގަކަށް ވުމެވެ. އެ ބޭންޑް ބޮޑަށް މަޝްހޫރީ ހިންދީ ލަވަތައް މޮޑިފައިކޮށްގެން ގެނެސްދޭ ބޭންޑެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް މި އަހަރުން ފެށިގެން، ބޭންޑުން ވަނީ އަމިއްލަ ރާގުގެ ލަވަތައް ގެނެސް ދޭން އަޒުމް ކަނޑައަޅައިފަ އެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ "އިޝްޓައިލް" ގެ ނަމުގައި އޮރިޖިނަލް ލަވައެއް ގެނެސް ދީފަ އެވެ.
އިއްޔެ ޔޫޓިއުބުގައި އާންމުކުރި ސަނަމްގެ އާ ލަވަ "ނަޒްރޯން ކޯ ނަޒްރޯން ސޭ" އަށް މިހާތަނަށް ވަނީ ލައްކައަކަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy