ޑެނިއަލް: އޭނާ ވަނީ ފިލްމް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި.
22 ޖޫން 2017 - 08:18
ސްޓީވެން ސްޕީލްބާގްގެ "ލިންކަން" ފަދަ މޮޅެތި ފިލްމްތައް ކުޅެގެން ތިން ފަހަރަށް އޮސްކާ ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑެނިއަލް ޑޭ-ލުވިސް އެކްޓް ކުރުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މައި ލެފްޓް ފުޓް (1989) އާއި ދެއާ ވިލް ބީ ބްލަޑް (2007) އިން ވެސް އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދި ޑެނިއަލް، 60، އެކްޓް ކުރުމުގެ ދާއިރާ އިން ދުރަށް ދިޔަކަން ކަށަވަރުކޮށް ދެމުން އޭނާގެ ތަރުޖަމާން ލެޒްލީ ޑާޓް ބުނީ ކުރިއަށް އޮތް ތަނުގައި ދެން އެއްވެސް ފިލްމަކުން ޑެނިއަލް ނުފެންނާނެ ކަމަށެވެ.
"މިއީ ޑެނިއަލްގެ އަމިއްލަ ނިންމުމެއް. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ބެލުންތެރިން ހިތްހަމަޖައްސައި ދޭން އޭނާ ވަނީ ވަރަށް ގިނަ މަސައްކަތް ކޮށްފައި. އެހެންވެ އެފަދަ ފުރުސަތުތަކެއް ފަހިކޮށް ދިން ހުރިހާ ފަރާތްތަކަށް ޑެނިއަލް ހިތުގެ އަޑިން ޝުކުރު އަދާ ކުރޭ،" ޑާޓް ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޑެނިއަލް ރިޓަޔާ ކުރިކަން އިއުލާން ކުރި އިރު، އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ އިތުރު ފިލްމެއް އަންނަ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް އަންނާނެ އެވެ.
އެއީ 1950 ގެ އަހަރުތަކުގެ ފެޝަންގެ ދުނިޔޭގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ފެންޓަމް ތުރެޑް" އެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ 2007 ގައި ޑެނިއަލް އޮސްކާ ހޯދި ފިލްމް "ދެއާ ވިލް ބީ ބްލަޑް" ގެ ޑައިރެކްޓަރު ޕޯލް ތޯމަސް އެންޑަސަން އެވެ.
އިނގިރޭސިވިލާތަށް އުފަން ޑެނިއަލް އަށް ތިން ފަހަރެއްގެ މަތިން އޮސްކާ ލިބިފައިވާ އިރު، އިތުރު އެހެން ދެ ފިލްމަކުން ވެސް އޭނާ އޮސްކާ އަށް ނޮމިނޭޓްވެފައިވެ އެވެ. އެއީ ގޭންގްސް އޮފް ނިއު ޔޯކް (2002) އާއި އިން ދަ ނޭމް އޮފް ދަ ފާދާ (1993) އިންނެވެ.
ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ތިއޭޓަ އެކްޓަރެއްގެ ގޮތުގައި ވެސް މަޝްހޫރުވެގެން ދިޔަ ޑެނިއަލް އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ ސަންޑޭ ބްލަޑީ ސަންޑޭ (1971) އެވެ.
އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ހައު މެނީ މައިލްސް ޓް ބެބިލޯން (1982) އަދި މައި ބްރަދާ ޖޮނަތަން (1985) ފާހަގަކޮށްލެވެ އެވެ.
ޑެނިއަލް ކައިވެނިކޮށްގެން އުޅެނީ ކުރީގެ ބަތަލާ އަދި ޑައިރެކްޓަރު/ސްކްރީން ރައިޓަރު ރެބެކާ މިލާއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
22 June 2017
ޑެނިއަލްއަކީ އަޔަރލެންޑް މީހެއް
ބްރިޓް
24 June 2017
އަޔަރލޭންޑަކީ އިގެރޭސިވިލާތުގެ ބައެއް