އެލާޑިންގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާ މިސްރު ދަރިކޮޅުގެ އެކްޓަރު މޭނާ މައްސޫދު.
17 ޖުލައި 2017 - 07:00
ޑިޒްނީ އިން އިއުލާނުކޮށްފައިވާ "އެލާޑިން" ގެ ލައިވް އެކްޝަން ފިލްމަކީ ކުރިއަށް ހުރި ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދާ ހަމަ އަށް ޑިޒްނީ އަށް އުޅެން ޖެހުނީ އެ ފިލްމުގައި އެލާޑިންގެ ރޯލު ކުޅޭނެ އެކްޓަރު ނުލިބިގެންނެވެ.
ބެސްޓު ފްރެންޑަކަށް ޖިންނިއަކާއި އޭގެ އާދަޔާހިލާފު ބާރުތަކެއް ލިބިގެން ލޯބިވެރިޔަކު ހާސިލުކުރުމަށް ކުނަލެއްގައި އުދުހިލާފައިދާ ކްލެސިކް ކާޓޫނު ކެރެކްޓާ އެލާޑިންގެ ރޯލު ކުޅޭނެ އެކްޓަރަކު ނުލިބި މައްސަލަ ހޫނުވެގެން ގޮސްފައި ވަނީ ދޮން ނަސްލުގެ އެކްޓަރަކަށް މި ރޯލު ޑިޒްނީ އިން ދީފާނެ ކަމަށް ބެލެވިގެންނެވެ. ހޮލީވުޑަކީ އާންމުކޮށް މިފަދަ ރޯލުތަކަށް ދޮން ނަސްލުގެ އެކްޓަރުން ހަމަޖައްސައިގެން މިހާރު ވެސް ހޫނުފެނަށް ވެއްޓިފައިވާ އިންޑަސްޓްރީއެކެވެ.
އެގޮތުން ބަލާ ނަމަ "ޕްރިންސް އޮފް ޕާޝިއާ" ގެ ލައިވް އެކްޝަން ފިލްމުގެ ލީޑު ރޯލަށް ވެސް ދޮން ނަސްލުގެ އެކްޓަރަކު ހަމަޖައްސައިގެން އެ ފިލްމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ. އެ ވާހަކައިގަ ވެސް އަސްލު ކެރެކްޓާ އަކީ ދޮން ނަސްލަށް ނިސްބަތްވާ ކެރެކްޓާއެއް ނޫނެވެ.
އެލާޑިން އަކީ ވެސް ދޮން ނަސްލަށް ނިސްބަތްވާ ކެރެކްޓާއެއް ނޫނެވެ. މި ކެރެކްޓާއެއް ހަގީގަތުގައި ނިސްބަތް ވަނީ ކޮން ނަސްލަކަށް ކަން ބުނަން ވެސް އެހާ ފަސޭހައެއް ނޫނެވެ. ސަބަބަކީ އެލާޑިންގެ ކާޓޫނުގައި ނުވަތަ އޮރިޖިނަލް ވާހަކައިގައި ކިޔައިދޭގޮތުން އެލާޑިންގެ ކެރެކްޓާގައި އަރަބިކަރަ އާއި އިންޑިއާގެ ސިފަތައް ޖެހިފައިވާތީ އެވެ.
އެހެންވެ އެއް ބަޔަކު ބުނާ ގޮތުން ނަމަ ލައިވް އެކްޝަން ފިލްމުގައި އެލާޑިންގެ ކެރެކްޓާ ކުޅެން ޖެހޭނީ ބޮލީވުޑްގެ ތަރި ރަންވީރު ސިންގެވެ. ނަމަވެސް ޑިޒްނީ އިން މި ވަނީ އެންމެފަހުން މި ރޯލު ކުޅޭނެ ތަރިއަކު ހޯދައިފަ އެވެ.
އެލާޑިންގެ ރޯލު ޑިޒްނީ އިން ދީފައި ވަނީ މޭނާ މައްސޫދު ނަމަކަށް ކިޔާ ކެނެެޑާގެ އެކްޓަރެކެވެ. މައްސޫދުގެ އުފަން ގައުމަކީ މިސްރެވެ. އެހެންވީމަ އެލާޑިން ހޮވައިގެން މި ގެނައީ ވާހަކައިގައި ދައްކުވައިދޭ އެލާޑިންގެ އަސްލާ ވަރަށް ވެސް ގާތުންނޭ ބުނެވިދާނެ އެވެ.
ލައިވް އެކްޝަން ފިލްމުގައި ޖޭޒްމިންގެ ރޯލު ކުޅޭނީ އިންޑިއާ އާއި އިނގިރޭސި ވިލާތުގެ ދަރިކޮޅަށް ނިސްބަތްވާ ޒުވާން ބަތަލާއެއް ކަމުގައިވާ ނައޯމީ ސްކޮޓް އެވެ. އޭނާގެ މަންމަ އަކީ އިންޑިއާ މީހެކެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ޑައިރެކްޓަރު ގައި ރިޗީގެ ބެލުމުގެ ދަށުން މި ފިލްމުގައި ނޫ ކުލައިގެ ޖީނީގެ ރޯލުން ފެނިގެންދާނީ ވިލް ސްމިތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްައަލްވާރޯ
19 July 2017
ނަސީބެއް އިންޑިއާ މީހަކަށް ނުދިންކަން..މުޅި ފިލްމު ފޫހިކޮށްލާނެ..
ވާނުވާ
17 July 2017
"މި ކެރެކްޓާއެއް ހަގީގަތުގައި ނިސްބަތް ވަނީ ކޮން ނަސްލަކަށް ކަން ބުނަން ވެސް އެހާ ފަސޭހައެއް ނޫނެވެ. ސަބަބަކީ އެލާޑިންގެ ކާޓޫނުގައި ނުވަތަ އޮރިޖިނަލް ވާހަކައިގައި ކިޔައިދޭގޮތުން އެލާޑިންގެ ކެރެކްޓާގައި އަރަބިކަރަ އާއި އިންޑިއާގެ ސިފަތައް ޖެހިފައިވާތީ އެވެ." ލިޔުން ތެރިޔާ އަށް ސާފު ނުވަންޏާ ބުނެލަން. އަލާޑީން ކާޓޫން ކުޅޭފައިވަނީ އަލިފް ލައިލާ ވާހަކައިގައި ކިޔާ "އަލާއުއްދީން" ވާހަކައިގެ މައްޗަށް. މި ވާހަކައިގައިވެސް އަދި ކާޓޫން ގަވެސް ދައްކަނީ އިރާގުެގެ ބަޢުދާދު ގެ ވާހަކަ . އިންޑީޔާ ގެ ވާހަކަ އެއް ނާދޭ ދެން މީގައި ސާފު ނުވާންވީ އެއްޗެއް ނޭގޭ.