ބާންސާލީ (ވ) އަދި ޖާވީދު ޖެފްރީ އާއި ދަރިފުޅު މީޒަން (މެދުގައި)
20 ޖުލައި 2017 - 06:26
ފިލްމީ ތަރިންގެ ތެރެއިން ގިނަ ބައެއްގެ ދަރިން ބޮލީވުޑަށް ނުކުންނަން ދަނީ ތައްޔާރު ވަމުންނެވެ. ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު، ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން، ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ފަދަ ވަރަށް ގިނަ ޒުވާން ކުދިން މިހާރު ދަނީ ބޮލީވުޑް ފިލްމުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު އެއް ނެށުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޖާވީދު ޖެފްރީގެ ދަރިފުޅު މީޒަން ވެސް މިހާރު ބޮލީވުޑަށް ނުކުންނަން އަންނަނީ ތައްޔާރު ވަމުންނެވެ. މީޒަންގެ ބައްޕަ ޖާވީދު ޖެފްރީ ބޮލީވުޑްގައި ކުޅުނީ ނަށާ ބައިތަކާއި ނުބައިބައި ނަމަވެސް މީޒާން ބޮލީވުޑް ދަތުރު ފަށާނީ ލީޑް ކެރެކްޓާއަކުންނެވެ. އޭނާ ބޮލީވުޑަށް ތައާރަފްކޮށްދިނުމުގެ ޒިންމާ އުފުލާފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެވެ.
ބޮމްބޭ ޓައިމްސްގައިވާ ރިޕޯޓެއްގައިވާ ގޮތުން ބާންސާލީގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ކޮންމެވެސް އެއް ފިލްމަކުން މީޒަން ލޯންޗުކުރަން އޭނާ ވަނީ ނިންމައިފަ އެވެ. މި ފިލްމު މަހާވީރް ޖެއިން އާއެކު ބާންސާލީ ކޯ-ޕްރޮޑިއުސް ކުރާއިރު ޑައިރެކްޓްކުރަނީ މަންގޭޝް ހަޑަވާލޭ އެވެ. މަންގޭޝް މީގެ ކުރިން ވަނީ މަރާޓީ ފިލްމަކާއި ނަވާޒުއްދީން ސިއްދީގީގެ "ދޭކް އިންޑީއާ ސާކަސް" ޑައިރެކްޓްކޮށްފަ އެވެ. މި ފިލްމަށް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްތަކުގައި ވަރަށް ގިނަ އެވޯޑުތައް ވަނީ ލިބިފަ އެވެ. އެހެންކަމުން މި ފިލްމަކީ އެހެނިހެން ސްޓާރުންގެ ދަރިން ލޯންޗުކުރަން ތައްޔާރުކުރާ ފިލްމުތަކާ ވަރަށް ތަފާތު ވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
ބާންސާލީ މިހާތަނަށް ލޯންޗުކޮށްދީފައިވާ ސްޓާރުންގެ ދަރިންނަކީ ސޯނަމް ކަޕޫރާއި ރަންބީރު ކަޕޫރެވެ. މި ދެ އެކްޓަރުންނަކީ ވެސް އެމީހުންގެ އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ރަނގަޅު މަގާމެއް މިހާރު ހޯދާފައިވާ ދެ ތަރިންނެވެ.
މީޒަން ވަނީ "ބާޖީރާއޯ މަސްތާނީ"ގައި ބާންސާލީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭނާއަކީ ތިއޭޓާ އެކްޓިން އާއި މާޝަލް އާޓްސްގެ ތަމްރީނުތައް ހަދާފައިވާ މީހެކެވެ. މީގެ އިތުރުން ބައްޕަގެ ފަރާތުން މޮޅަށް ނެށުމުގެ ހުނަރު އޭނާއަށް ވަނީ ލިބިފަ އެވެ. އަދި މީގެ އިތުރުން ނިއު ޔޯކްގައި ވިޝުއަލް އާޓްސްގެ ދާއިރާއިން ހަތަރު އަހަރު ވަންދެން އޭނާ ކިޔަވާފައި ވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ރޯލު މީޒާނަށް ލިބުނީ އޮޑިޝަން ހަދައިގެން އެ އޮޑިޝަން އެއް ވަނަ ހޯދައިގެންނެވެ.
މި ފިލްމުގެ ބާކީ ތަރިންނަކީ ކޮބައިކަމާއި ފިލްމުގެ ނަމެއް އަދި މިއީ ކޮން ވައްތަރެއްގެ ފިލްމެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
21 July 2017
އައްދެ ކާފަ ޖަގުދީޕު ގެ އިންނަ ކަހަލައިގެ މަތިމަހެއް ކުޜީގެ ޖަގްދީޕު ފިލްތަށް ބަލައިލީމާ އެކަން ފެންނާނެއެވެ. އަނދި އަނގަވެސް ހިނިތުންވެސް ވަރައް ވައްތަރު